އައްޑޫގައި ސިޓީގައި އަނެއްކާވެސް ޒުވާނަކަށް ތޫނު އެއްޗަކުން ހަމަލާދީ ޒަހަމްކޮށްލައިފިއެވެ.

"ވަން" އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި މި ޒުވާނާއަށް ހަމަލާދީފައިވަނީ އޭނާގެ ގޭގެ ސިޓިން ރޫމްގައި ހުއްޓައެވެ. އޭނާއަށް ހަމަލާދީފައިވަނީ މީގެ ކުޑައިރުކޮޅެއް ކުރިންނެވެ. ހަމަލާދީފައިވަނީ 20 އަހަރުގެ ފިރިހެނަކަށެވެ.

އެ ޒުވާނާގެ ތިން ތަނަކަށް ވަޅިން ހަމަލާދީފައިވެއެވެ. އެގޮތުން އޭނާގެ ބޮލަށާއި ބަނޑަށާއި އަތަށް ވަނީ ވަޅިން ހަމަލާދީފައެވެ.

ފުލުހުން މިއަދު ބުނީ އައްޑޫ ހިތަދޫގައި ދެ ގްރޫޕެއްގެ މެދުގައި މާރާމާރީ ހިނގާފައިވާ ކަމަށް މިއަދު 15:30 ހާއިރު ރިޕޯޓްކޮށްފައިވާ ކަމަށާއި މި މާރާމާރީގައި 20 އަހަރުގެ ޒުވާނަކު ޒަހަމްކޮށްލާފައިވާ ކަމަށެވެ.

އެ ޒުވާނާއަށް މިހާރު އައްޑޫ އިކުއެޓޯރިއަލް ހޮސްޕިޓަލްގައި ފަރުވާދެމުންދާ އިރު، އޭނާގެ ހާލު ސީރިއަސް ކަމަށް މައުލޫމާތު ލިބެއެވެ.

މިއީ އައްޑޫގައި މިދިޔަ ހުކުރު ދުވަހުގެ ރޭ ހިންގި ގުރޫޕް މާރާމާރީއާ ގުޅުން ހުރި ހަމަލާއެއް ކަމަށް ބެލެވެއެވެ.

އެގޮތުން އެ މާރާމާރީގައި 30 އަހަރުގެ ދިވެހި ފިރިހެނަކަށް ތޫނު އެއްޗަކުން ހަމަލާދީ ޒަހަމްކޮށްލާފައި ވެއެވެ. އަދި އޭނާގެ ހާލު ސީރިއަސްވެ، އިތުރު ފަރުވާއަށް މާލެ ގެނެސްފައިވެއެވެ.

އެ މާރާމާރީއާ ގުޅިގެން ކޯޓު އަމުރެއްގެ ދަށުން ވަނީ ހަތަރު ދިވެހި ފިރިހެނުން ހައްޔަރުކޮށްފައެވެ. އެއީ 18 އަހަރުގެ މީހަކާއި 19 އަހަރުގެ މީހަކާއި 20 އަހަރުގެ މީހެއްގެ އިތުރުން 23 އަހަރުގެ މީހެކެވެ.

އެ މާރާމާރީއާ ގުޅިގެން މާލެއިން އިތުރު ފުލުހުން އައްޑޫއަށް ފޮނުވަންވެސް ފުލުހުން ވަނީ ނިންމައިފައެވެ. އެގޮތުން ރޭ ފުލުހުން ނެރުނު ބަޔާނެއްގައި ބުނީ މިދިޔަ ބުރާސްފަތި ދުވަހު މާލޭގައި ހިނގައިދިޔަ މާރާމާރީއާއި ރޭ އައްޑޫގައި ހިނގާދިޔަ މާރާމާރީއާ ގުޅިގެން އައްޑޫގެ ސަލާމަތާއި ރައްކާތެރިކަން ބެލެހެއްޓުމުގެ ގޮތުން ހާއްސަ މަސައްކަތްތަކެއް ކުރަމުން އަންނަ ކަމަށެވެ.

އެކަމާ ގުޅިގެން އައްޑޫގެ ސަލާމަތާއި ރައްކާތެރިކަން ދެމެހެއްޓުމަށްޓަކައި މާލެއިން އިތުރު ޓީމުތަކެއް އައްޑުއަށް ފޮނުވަން ނިންމައި، އައްޑޫގެ މާރާމާރީއާ ގުޅުންހުރި ފަރާތްތައް ހޯދައި ގާނޫނީ ފިޔަވަޅު އެޅުމަށްޓަކައި ކުރަންޖެހޭ މަސައްކަތްތައް ކުރަމުން އަންނަ ކަމަށް ފުލުހުން ބުންޏެވެ.