ރާއްޖޭގައި ތިބި އިންޑިއާގެ ސިފައިން ގެންދަން އެ ގައުމުން އެއްބަސްވެފައިވާ ކަމަށް ރައީސް މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެ އެވެ.

ތުރުކީއަށް ކުރެއްވި ދަތުރުފުޅަށްފަހު ކޮޕް28 ވަނަ ސަމިޓުގައި ބައިވެރިވެވަޑައިގަތުމަށް ޔޫއޭއީގެ ދުބާއީއަށް ކުރެއްވި ދަތުރުފުޅު ނިންމަވާައިލެއްވުމަށްފަހު މިއަދު ރާއްޖެ ވަޑައިގެން ނޫސްވެރިންނާ ބައްދަލުކުރައްވައި ރައީސް ވިދާޅުވީ ޓްރާންސިޝަން ޕީރިއަޑުގައި އަދި ވެރިކަމާ ހަވާލުވެވަޑައިގަތުމަށްފަހު ވެސް އެ މަނިކުފާނު ވަނީ ރާއްޖޭގައި ތިބި އިންޑިއާ ސިފައިން، ރާއްޖެއިން ފޮނުވާލުމާ ގުޅޭގޮތުން ފުޅާ ދާއިރާއެއްގައި މަޝްވަރާކުރައްވާފައި ކަމަށެވެ. މިހާތަނަށް އެކަމާ ގުޅިގެން ފަސް މަޝްވަރާއެއް ބާއްވަވާފައިވާ ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.

"އަޅުގަނޑުމެން ވަރަށް ސާފުކޮށް 18 ނޮވެމްބަރުގެ މާނައަކީ ހުވާކޮށްގެން އެންމެ ފުރަތަމަ ދުވަހު ޖެހިގެން އައި ދުވަހު ރަސްމީކޮށް އަޅުގަނޑުމެންގެ ފަރާތުން، ދިވެހި ސަރުކާރުގެ ފަރާތުން އިންޑިއާ ސަރުކާރަށް ދެންނެވިން މިތަނުގައި ތިބި ބޭރުގެ ސިފައިން އިންޑިއާ ސިފައިން އަނބުރާ ގެންދަވާށޭ، ގެންގޮސްދެއްވާށޭ. އެހެންވީމާ ރަސްމީކޮށް އެއޮތީ ހުށަހެޅިފައި. އަދި އޭގެ ކުރިން ކުރެވުނު މަސައްކަތާ މިއަދާ ހަމައަށް އައި އިރު މިކުރެވުނު ހުރިހާ މަސައްކަތެއްގައި އިންޑިއާ ސަރުކާރުން އަޅުގަނޑުމެންނަށް އެއްބަސްވެފައި ވަނީ އިންޑިއާ ސިފައިން އަނބުރާ ގެންދާނެ ކަމަށް،" ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ މިހާރު ކުރަމުންދަނީ އެ މަސައްކަތުގެ ޓެކްނިކަލް ލެވެލްގައި ކުރަންޖެހޭ މަސައްކަތްތައް ކަމަށެވެ.

އެ މަނިކުފާނު ވިދާޅުވީ އިންޑިއާ ސިފައިން އަނބުރާ ގައުމަށް ގެންދާނެ ކަމަށް އެ ގައުމުގެ ފަރާތުން އެއްބަސްވެ ޔަގީންކަން ދީފައިވަނީ އަނގަބަހުން ކަމަށެވެ. އަދި އެއްވެސް ރަސްމީ ސިފައެއްގައި އިންޑިއާގެ ފަރާތުން އެކަމާ ގުޅޭ ނިންމުމެއް ލިބިފައިނުވާ ކަމަށް ރައީސް ވިދާޅުވިއެވެ.

"އެކަމުގެ ތަފުސީލުތަކާ ހަމާގައި މިހާރު މަސައްކަތް ކުރަމުންދަނީ. ކޮން ތާރީހެއްތޯ ކަނޑައެޅުމުން ހިސާބަށް ގޮސް،" ރައީސް ވިދާޅުވިއެވެ.

އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވަނީ ދިވެހިންގެ ޑިމޮކްރެޓިކް ނިންމުމަށް އިހުތިރާމް ކުރައްވާނެ ކަމަށް ވިދާޅުވެފައި ކަމަށް ރައީސް ވިދާޅުވިއެވެ. އަދި އެއީ އެންމެ މަސްލަހަތު ހުރި ގޮތްކަން ވެސް މޯދީ ފާހަގަކުރައްވާފައިވާ ކަމަށް ރައީސް ވިދާޅުވިއެވެ.

"ރާއްޖޭގެ ރައްޔިތުންގެ ޑިމޮކްރެޓިކް ނިންމުމަކީ އިންޑިއާ ސިފައިން މިތަނުން ބާލަން ތިމަންނަމެން ބޭނުމޭ. 54 ޕަސަންޓު ޔަގީނުވެސް އެއޮތީ ޔަގީނުންވެސް އެހެން ބުނެފަ. އަދި އެއަށްވުރެ ގިނަ ރައްޔިތުންވެސް ހަގީގަތުގަ ބުނޭ" ރައީސް ވިދާޅުވިއެވެ.

އެހެންކަމުން އަވަސް ތާރީހެއްގައި އިންޑިއާ ސިފައިން ރާއްޖެއިން ފޮނުވާލެވޭނެ ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.

އެ މަނިކުފާނު ވިދާޅުވީ ރިޔާސީ އިންތިހާބުގެ ކެމްޕޭނުގެ ތެރޭގައި އެ މަނިކުފާނު ވިދާޅުވެފައިވަނީ ޑިޕްލޮމެސީގެ ތެރެއިން، ރާއްޖެއާއި އިންޑިއާގެ ދެމެދުގައިވާ ގުޅުމަށް ބުރޫ ނާރާ ގޮތަށް އިންޑިއާ ސިފައިން ބޭލުން ކަމަށެވެ. އެ މަނިކުފާނު މަސައްކަތް ކުރައްވާނީ އެގޮތަށް ކަމަށް ވިދާޅުވިއެވެ.