އާސަންދަ ސްކީމްގެ ދަށުން ވިއްކާ ބޭހަށް ފާމަސީތަކަށް ލިބެންޖެހޭ ފައިސާ ނުލިބޭތާ 5 މަސް ވެފައިވާ ކަމަށް މޯލްޑިވްސް ފާމަސޫޓިކަލް އެސޯސިއޭޝަނުން ބުނެފިއެވެ.
އާސަންދަ އާއި އެންސްޕާ އަދި ފިނޭންސް މިނިސްޓްރީ ޓެގުކޮށް އެކްސްގައި ކޮށްފައިވާ ޕޯސްޓެއްގައި އެ އެސޯސިއޭޝަނުން މިއަދު ބުނީ ފާމަސީތަކަށް ލިބެން ޖެހޭ ފައިސާ ނުލިބޭތީ މުވައްޒަފުންނަށް މުސާރަ ދިނުމަށްވެސް ދަތިވެފައިވާ ކަމަށެވެ. އެކަމާ ގުޅިގެން ފާމަސީތަކަށް ބޭސް ނުގަނެވޭތީ ރާއްޖެއަށް ބޭނުންވާ ބޭސް ހުސްވަމުންދާ ކަމަށްވެސް ބުނެފައިވެއެވެ.
އެކަމާ ގުޅިގެން "ވަން" އަށް މައުލޫމާތު ދެއްވި އާސަންދައިގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ އެ އިދާރާއިން ޕޭމެންޓުތައް ޕްރޮސެސް ކުރަން ފޮނުވަނީ އެންސްޕާއަށް ކަމަށާއި، އެޔަށްފަހު ފައިސާ ދޫކުރާނީ ފިނޭންސް މިނިސްޓްރީން ކަމަށެވެ.
"އާންސަންދައިގަ ޕެންޑިން އެއްވެސް ޕޭމެންޓެއް ނެތް" މީޑިއާ އޮފިޝަލު ވިދާޅުވިއެވެ.
އެކަމާ ގުޅިގެން "ވަން" އިން އެންސްޕާ އަދި ފިނޭންސް މިނިސްޓްރީއަށް ގުޅުމުން ފޯނަށް ޖަވާބުދީފައި ނުވާތީ އެ އިދާރާތަކުގެ ބަހެއް ލިބޭގޮތެއް ނުވިއެވެ.
ފާމަސޫޓިކަލް އެސޯސިއޭޝަންގެ ޕޯސްޓުގައި ހެލްތު މިނިސްޓްރީ ޓެގުކޮށް އެ އެސޯސިއޭޝަނުން ވަނީ އެ ފައިސާ ހޯދުމުގައި މިނިސްޓްރީގެ އެހީއަށް ވެސް އެދިފައެވެ. އެކަމާ ގުޅިގެން "ވަން" އަށް މައުލޫމާތު ދެއްވަމުން ހެލްތު މިނިސްޓްރީގެ މީޑިއާ އޮފިޝަލު ވިދާޅުވީ ފާމަސީތައް ހިންގަމުން އަންނަނީ މިނިސްޓްރީގެ ދަށުން ނޫން ކަމަށެވެ. އެހެންކަމުން އެ އިދާރާއަށް އެކަމުގައި ކުރެވޭނެ ކަމެއް ނެތް ކަމަށް ވެސް ވިދާޅުވިއެވެ.
ޚަބަރު
ޚަބަރު
ޚަބަރު