އާ ޓޫރިޒަމް މިނިސްޓަރު އިބްރާހީމް ފައިސަލް، ނެޝަނަލް ބޯޓިން އެސޮސިއޭޝަންގެ ރަސްމިއްޔާތެއްގައި ރޭ ދެއްކެވި ވާހަކައާ ގުޅިގެން އޭނާގެ ގާބިލުކަމާމެދު އާންމުން ވަރަށް ބޮޑަށް ސުވާލު އުފައްދާން ފަށައިފި އެވެ.
ބޯޓިން އެސޯސިއޭޝަންގެ 7 ވަނަ ބޯޓިން އެވޯޑްސް ރަސްމިއްޔާތުގައި ފައިސަލް ރޭ ދެއްކެވި ވާހަކައަކީ މިނިސްޓަރުގެ ހައިސިއްޔަތުން އޭނާ ދެއްވި ފުރަތަމަ ތަގުރީރެވެ. އިނގިރޭސި ބަހުން ދެއްވި އެ "ތަގުރީރު" ސޯޝަލް މީޑިއާގައި ވައިރަލްވެފައި ވާއިރު، އާންމުންގެ ގިނަ ބަޔަކު އަންނަނީ އޭނާގެ ވާހަކަ ދެއްކުމުގެ ފެންވަރަށް ފާޑުކިޔައި، މިނިސްޓަރަކަށް އެއަށްވުރެ ރަނގަޅަށް ވާހަކަދައްކަވާން އެނގިވަޑައިގަންނަވާން ޖެހޭނެ ކަމަށް ބުނަމުންނެވެ.
ސޯޝަލް މީޑިއާގައި ބައެއް ފަރާތްތަކުން ހިޔާލުފާޅުކޮށްފައިވާ ގޮތުގައި ރާއްޖޭގެ އިގްތިސޯދުގެ މައި ތަނބު ކަމަށްވާ، ޓުރިޒަމް އިންޑަސްޓްރީގެ "މޫނަކަށް" ކަމުގެ ތަޖުރިބާއާއި ވާހަކަ ދެއްކެވުމުގެ ހުނަރު ނެތް ބޭފުޅަކު ހުރުމަކީ ރަނގަޅު ގޮތެއް ނޫނެވެ. އަދި އެއީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށްވެސް ގިނަ ބަޔަކު އަންނަނީ ބުނަމުންނެވެ.
އެއް ބަޔަކު ބުނާގޮތުން އިނގިރޭސި ބައެއް ބަސްތައް ކިޔާއިރު އެންމެ ރަނގަޅަށް ނުކިޔުމަކީ މައްސަލައެއް ނޫނެވެ. ސަބަބަކީ އިނގިރޭސި ބަހަކީ ދިވެހީންގެ މާދަރީ ބަހަށް ނުވާތީއެވެ. އެހެން ނަމަވެސް، ބަހުގެ ހަމަތަކާއި ނުބައި ބަސްތައް ބޭނުންކުރުން ފަދަ ކަންކަން އެންމެ ދެތިން މިނެޓުގެ ތަގުރީރަކުން މަތީ މިންވަރަކަށް ފެނުމަކީ ސީރިއަސް މައްސަލައެއް ކަމަށް އާންމުން ފާހަގަކުރެއެވެ. މަގާމާ ހަވާލުވެވަޑައިގެންނެވިތާ ދުވަސްކޮޅެއް ފަހުން ވިޒިޓާސް ކައުންސިލުގައި ތިއްބަވާ މިނިސްޓަރުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ފައިސަލް ދިވެހި ބަހުން ދެއްކެވި ވާހަކައަށްވެސް ގިނަ ބައެއްގެ ފާޑުކިޔުން އަމާޒުވެފައިވެއެވެ.
ރައީސް އޮފީހުގެ ވެބްސައިޓުގައިވާގޮތުން، މިނިސްޓަރު ފައިސަލް ތައުލީމު ހާސިލުކުރެއްވީ މެލޭޝިއާގެ ވެސްޓްމިންސްޓާ އިންޓަނޭޝަނަލް ކޮލެޖުންނެވެ. ބިޒްނަސް އެޑްމިނިސްޓްރޭޝަން ދާއިރާއިން ތައުލީމު ހާސިލުކުރެއްވިކަމަށް ބުނެފައިވާ ނަމަވެސް ތައުލީމު ހާސިލުކުރައްވާފައި ވަނީ ކޮން ފެންވަރަކަށް ކަމެއް އެނގޭކަށް ނެތެވެ. ފައިސަލް މީގެ ކުރިން ސްޕޯޓްސް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރަކަށްވެސް އުޅުއްވި އިރު، މެލޭޝިއާގައި ހުންނަ ރާއްޖޭގެ ހައިކޮމިޝަންގެ އެޑިޝަނަލް ސެކްރެޓަރީގެ މަގާމުވެސް ފުރުއްވިއެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު