ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސްކަން ކުރުމުގައި ގާނޫނުއަސާސީއާއި މަޖިލީހުގެ ގަވާއިދާއި ގާނޫނަކާވެސް ހިލާފުވެވަޑައިގެންފައި ނުވާނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ނާއިބު ރައީސް، ގަލޮޅު އުތުރު ދާއިރާގެ މެމްބަރު އީވާ އަބްދުﷲ ވިދާޅުވެއްޖެއެވެ.
އީވާ އެހެން ވިދާޅުވީ އޭނާ މަޖިލީހުގެ ނާއިބު ރައީސްކަމުން ވަކިކުރުމަށް އެމްޑީޕީން މަޖިލީހަށް ހުށަހަޅާފައިވާ އިތުބާރު ނެތްކަމުގެ މައްސަލައިގެ ބަހުސްގައި ޖަވާބުދާރީވެ ވަޑައިގެންނެވުމަށް ދެވި ފުރުސަތުގައި ވާހަކަދައްކަވަމުންނެވެ.
އީވާ ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ރައީސް މުހައްމަދު ނަޝީދު މަގާމުން ވަކި ކުރުމުގެ މައްސަލަ މަޖިލީހުގައި ކުރިއަށް ނުގެންގޮސްގެން ސުޕްރީމް ކޯޓަށް ހުށަހެޅި މައްސަލައިގައި، އެކޯޓުން ނެރުނު ހުކުމާވެސް އޭނާ ހިލާފުވެވަޑައިގެންފައި ނުވާނެ ކަމަށެވެ.
"މަޖިލިސް ރައީސްކަމުން ނަޝީދު ވަކިކުރުމުގެ މައްސަލައާ ގުޅިގެން ސުޕްރީމް ކޯޓުން ނެރުނު ހުކުމުގައި އޮންނާނީ ނާއިބު ރައީސް އުޒުރުވެރިވާ ހާލަތެއްގައި އެހެން މީހަކު ރިޔާސަތު ބަލަހައްޓައިގެން މަޖިލީހުގެ ރައީސް މަގާމުން ވަކި ކުރެވޭނޭ ކަމަށް، އަޅުގަނޑު ކަނޑައެޅިގެން އެ ޖަލްސާއަށް ހާޒިރުވެ އިންދާ އެހެން މީހަކު ރިޔާސަތު ބަލަހައްޓައިގެން މަޖިލީހުގެ ރައީސް ނަޝީދު ވަކިކުރުމުގެ ޖަލްސާ ކުރިއަށް ގެންދިޔައީ، އަޅުގަނޑު ސުޕްރީމް ކޯޓުގެ ހުކުމަކާ ހިލާފުވެފައެއް ނުވާނެ އެ ދުވަހު ރައީސް ނަޝީދު ވަކި ކުރުމުގެ ޖަލްސާގެ ރިޔާސަތު އަޅުގަނޑު ބަލަހައްޓާފައި ވާނީ މަޖިލީހުގެ އަމީން އާއްމު ފާތުމަތު ނިއުޝާ ސިޓީ ފޮނުއްވި ޖަލްސާތަކުގެ، ސިޓީ ނުފޮނުވާ ހިސާބުން ރިޔާސަތުގައި އިނދެފަކާ ނޯންނާނެ އެހެންވީމާ ސުޕްރީމް ކޯޓުގެ ހުކުމާ ހިލާފުވެފައެއް ނޯންނާނެ،"
މަޖިލީހުގައި ރިޔާސަތުގައި އިންނެވި މަޖިލީހުގެ މިހަރުގެ ރައީސް ހިތަދޫ އުތުރު ދާއިރާގެ މެންބަރު މުހައްމަދު އަސްލަމަށް ނިސްބަތް ކުރައްވައި އީވާ ވިދާޅުވީ، މަޖިލިސް ރައީސްކަމުގެ މަގާމުން މައްޗަން ގޯޅި މެދު ދާއިރާގެ މެންބަރު މުހައްމަދު ނަޝީދު ވަކި ކުރުމުގެ ޖަލްސާ ކުރިއަށް ގެންގޮސްފައި ވަނީ ސުޕްރީމް ކޯޓުގެ ހުކުމާ ހިލާފަށް ކަމަށެވެ.
ޚަބަރު
ޚަބަރު
ޚަބަރު