ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް ކަމުގެ މަގާމުން ގަލޮޅު އުތުރު ދާއިރާގެ މެންބަރު އީވާ އަބްދުﷲ ވަކި ކުރުމުގެ ބަހުސް މިއަދު މަޖިލީހުގައި ފަށައިފިއެވެ.

މަޖިލީހުގެ ނައިބު ރައީސް ކަމުން އީވަ ވަކިކުރުމުގެ މައްސަލަ މި ފަހަރު ހުށަހަޅާފައިވަނީ 50 މެންބަރުންގެ ސޮޔާއެކު ހުސްވި ނޮވެމްބަރު މަހުގެ 13 ވަނަ ދުވަހުއެވެ. އޭގައި ސޮއިކުރެއްވީ އެމްޑީޕީގެ 49 މެންބަރުންނާއި އަމިއްލަ މެމްބަރު، ނޮޅިވަރަމް ދާއިރާގެ މުހައްމަދު ނަޝީދު އަބްދުﷲ (މޮސްޓާ)އެވެ.

އެ ގަރާރު ހުށަހެޅި މައިގަނޑު ސަބަބެއްގެ ގޮތުގައި ބުނެފައި ވަނީ، އީވާ ރިޔާސަތުގައި އިންނަވައިގެން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު މަގާމުން ވަކިކުރުމުގެ މައްސަލަ ކުރިއަށް ގެންދިއުމަށް ހުރަސް އެޅުއްވުމެވެ.

ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސްކަމުން އީވާ ވަކިކުރުމުގެ މައްސަ މަޖިލީހަށް ބަލައިގަނެ އެ މައްސަލައިގެ ނޯޓިސް މަޖިލިސް މެންބަރުންނަށް ފޮނުވާފައިވަނީ ހުސްވި ނޮވެމްބަރު މަހުގެ 16 ވަނަ ދުވަހުއެވެ.

މަޖިލީހުގެ ގަވާއިދު ބުނާ ގޮތުން ނޯޓިސް ފޮނުވާތާ 14 ދުވަހަށް ހަމަވުމުން އެންމެ އަވަހަށް އަންނަ ރަސްމީ ބަންދު ނޫން ދުވަހަކު ބާއްވާ ޖަލްސާއަށް އެ ގަރާރު ހުށަހަޅަންޖެހެއެވެ. ނޯޓިސްގެ މުއްދަތު މާދަމާއަށް ހަމަވާނެއެވެ.

ރައްޔިތުންގެ މަޖިލީހުގެ ނާއިބު ރައީސްގެ މަގާމުން އީވާ ވަކިކުރުމަށް ހުށަހަޅާފައިވާ މައްސަލައަށް ޖަވާބުދާރީވާން 30 މިނެޓުގެ ފުރުސަތެއް ދޭން މަޖިލީހުގެ އާންމު ކޮމިޓީން ވަނީ ފާސްކޮށްފައެވެ. އަދި ކޮންމެ މެންބަރަކަށް ތިން މިނެޓް ދޭންވެސް ވަނީ ފާސްކޮށްފައެވެ.

އީވާގެ އިތުބާރު ނެތްކަމުގެ މައްސަލައިގެ ގަރާރު މަޖިލީހުގެ މިއަދުގެ ޖަލްސާއަށް ހުށަހެޅުއްވީ، ދުވާފަރު ދާއިރާގެ މެމްބަރު އިސްމާއިލް އަހުމަދެވެ.

މީގެ ކުރިންވެސް އީވާގެ އިތުބާރު ނެތްކަމުގެ މައްސަލަ އެމްޑީޕީން މަޖިލީހަށް ހުށަހެޅިއެވެ. ނަމަވެސް އެ މައްސަލަ ފަހުން ވަނީ އަނބުރާ ގެންގޮސްފައެވެ.

ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ރައީސް މުހައްމަދު ނަޝީދު މަގާމުން ވަކިކުރަން ހުށަހެޅި މައްސަލަވެސް އެޖެންޑާނުކޮށް ގިނަ ދުވަސްތަކެއް ވަންދެން ހިފެހެއްޓުމުގެ ސަބަބުން ހިނގައިދިޔަ އިހުތިޖާޖާއި ހަމަނުޖެހުމުގެ ތެެރެއިން، ހުސްވި ނޮވެމްބަރު މަހުގެ 13 ވަނަ ދުވަހު އެ މަނިކުފާނު ވަނީ މަޖިލިސް ރައީސްކަމުން އިސްތިއުފާ ދެއްވައިފައެވެ.