މިއަދު ބޭއްވި ޑިމޮކްރެޓްސްގެ ފުރަތަމަ އެތެރޭގެ އިންތިހާބުގެ ވަގުތީ ނަތީޖާ އިއުލާން ކުރުން މާދަމާއަށް ފަސްކުރުމުން ނުރުހުން އަމާޒުވެއްޖެއެވެ.
މިއަދު ހެނދުނު 10 އިން ހަވީރު 4 އަކަށް ވޯޓުލުން ކުރިއަށް ގެންގޮސްފާއިވާއިރު، ޕާޓީގެ ރައީސާއި ނައިބު ރައީސް ހިމެނޭހެން 35 މަގާމަކަށް ވޯޓުލާފައިވެއެވެ. އޭގެ ތެރެއިން ބައެއް މަގާމުތައް މިހާރު ވަނީ ކަށަވަރުވެފައެވެ.
އިންތިހާބުގައި ޕާޓީގެ ރައީސް ކަމަށް ވާދަކުރެއްވީ އެ ޕާޓީގެ ވަގުތީ ޗެއާޕާސަން ހަސަން ލަތީފާއި އެސްޓީއޯގެ ކުރީގެ މެނޭޖިން ޑިރެކްޓަރު ހުސައިން އަމްރުއެވެ. ދެ ބޭފުޅުންވެސް އިންތިހާބު ކާމިޔާވެއްޖެކަން އިއުލާން ކުރައްވައިފައެވެ.
ހަސަން އެކްސްގައި މިރޭ ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ވޯޓު ފޮށިތަކުގެ ނަތީޖާ ޝީޓުތަކުން ދައްކާ ގޮތުން 'ބޮޑު ތަފާތަކުން' އޭނާއަށް އިންތިހާބު ކާމިޔާބު ވެއްޖެ ކަމަށެވެ. ދެން އޮތީ، ހަގީގީ މަސައްކަތް ފަށައިގަތުން ކަމަށްވެސް ވިދާޅުވިއެވެ.
އަމްރު "ވަން" އަށް މިރޭ ވިދާޅުވީ، މިހާތަނަށް ލިބިފައިވާ ނަތީޖާތަކުން ބޮޑު ތަފާތަކުން ކުރީގައި އުޅުއްވަނީ އޭނާ ކަމަށާއި ބޮޑެތި އަތޮޅުތަކުގެ ނަތީޖާތަކުންވެސް އެކަން ސާފުވާނެ ކަމަށެވެ.
ޑިމޮކްރެޓްސްގެ އިންތިހާބުގެ ވަގުތީ ނަތީޖާ މާދަމާއަށް ފަސްކޮށްފައިވާއިރު، އެކަމާ ނުރުހުން ފާޅުކޮށް ބައެއް މީހުން ދަނީ މިރެއިން މިރެއަށް ނަތީޖާ އިއުލާން ކުރުމަށް ގޮވާލަމުންނެވެ.
އެހެން މީހަކު ބުނީ، މުޅި ގައުމުގައާއި އެކިއެކި ގައުމުތަކުގައި ބެހެއްޓި ފޮށިތަކުގެ ނަތީޖާއާއެކު ރިޔާސީ އިންތިހާބުގެ ވަގުތީ ނަތީޖާ ވެސް އިންތިހާބު އޮތް ރޭގެ 9:00 ކުރިން ލިބުނު ކަމަށާއި އެހެންކަމުން ޑިމޮކްރެޓްސްގެ އެތެރޭގެ އިންތިހާބުވެސް ނަތީޖާވެސް މިރޭ ލިބެންވާނެ ކަމަށެވެ.
ޚަބަރު
ޚަބަރު
ޚަބަރު