5 އަހަރުތެރޭގައި 5 މިލިއަން ގަސް އިންދުމަށް ކޮޕް28ގައި ރައީސް ޑރ. މުހައްމަދު މުއިއްޒު ވެވަޑައިގެންނެވި ވައުދުފުޅު ފުއްދުމަށް ޕާކިސްތާނާއެކު މަސައްކަތް ކުރަން ނިންމަވައިފިއެވެ.
ރައީސް އޮފީހުން ބުނީ އެ ނިންމުން ނިންމެވީ ކޮޕް28 ސަމިޓުގެ ހަވާސާގެ ތެރެއިން، ޕާކިސްތާނުގެ ބޮޑުވަޒީރުކަމުގެ މަސްއޫލިއްޔަތާ ވަގުތީގޮތުން ހަވާލުވެ ހުންނެވި އަންވާރުލް ހައްގު ކަކަރްއާއެކު ބޭއްވެވި ބައްދަލުވުމުގެ ތެރެއިން ދެ ބޭފުޅުން އެއްބަސްވެވަޑައިގެން ކަމަށެވެ. ދެ ގައުމުގެ މަސްލަހަތު ހިމެނޭ ކަންކަމުގައި ގުޅިގެން މަސައްކަތް ކުރުމަށް މަޝްވަރާ ކުރެއްވި ކަމަށްވެސް ބުންޏެވެ.
ރާއްޖެއާއި ޕާކިސްތާނާ ދެމެދު އޮންނަ ދޭދޭ ގުޅުންތައް އިތުރަށް ހަރުދަނާ ކުރުމުގެ ޝައުގުވެރިކަން ކަކަރް ފާޅުކުރެއްވި ކަމަށް ރައީސް އޮފީހުން ބުންޏެވެ. ރައީސް މުއިއްޒު ރާއްޖޭގެ ރައީސްކަމުގެ ހުވައި ކުރެއްވުމާ ގުޅިގެން އެ މަނިކުފާނަށް މަރުހަބާ ދެންނެވި ކަމަށްވެސް ބުންނެވެ.
ރާއްޖޭގައި 5 މިލިއަން ގަސް އިދުމަށް ރައީސް ވައުދުވެވަޑައިގެންނެވީ ކޮޕް28 ސަމިޓުގައި ތަގުރީރުކުރައްވަމުންނެވެ. ކުރިއަށް އޮތް ފަސް އަހަރު ދުވަހުގެ ތެރޭގައި ކަރަންޓުގެ 33 ޕަސަންޓު އިއާދަކުރަނިވި ހަކަތައިން އުފެއްދުމަކީ ސަރުކާރުގެ އަމާޒެއް ކަމަށްވެސް ރައީސް ވިދާލުވިއެވެ.
ކޮޕް28 ސަމިޓުގެތެރެއިން ރައީސް ބޭރުގެ އެކި ގައުމުތަކުގެ އިސްވެރިންނާ ބައްދަލުކުރައްވާފައި ވެއެވެ. އެގޮތުން އިންޑިއާގެ ބޮޑުވަޒީރު ނަރެންދްރަ މޯދީއާ ބައްދަލުކުރައްވައި، ރާއްޖެއާއި އިންޑިއާއާ ދެމެދު އޮތް ގުޅުން އިތުރަށް ވަރުގަދަ ކުރުމަށް މަތީ ފަންތީގެ ކޮމިޓީއެއް އެކުލަވައިލުމަށް މަޝްވަރާ ކުރައްވާފާއި ވެއެވެ. ދެ ގައުމުގެ ދޭދޭ ގުޅުންތައް ވަރުގަދަކުރެއްވުމާއި އިގުތިސޯދީ ދާއިރާއިން ގުޅުން ބަދަހިކުރުމާއި ދެގައުމުގެ ރައްޔިތުންގެ މެދުގައި ގުޅުންބަދަހިކުރުމުގެ މުހިންމުކަން ދެ ބޭފުޅުންގެ ބައްދަލުކުރެއްވުމުގައި ފާހަގަކުރައްވާފައިވާ ކަމަށް ރައީސް އޮފީހުން ބުންޏެވެ.
ޚަބަރު
ޚަބަރު
ޚަބަރު