ހަމަލާތައް އަލުން ފަށައި ދެކުނު ގާޒާ ހުސްކުރަން އިސްރާއީލުން އަންގައިފިއެވެ.

ހަތް ދުވަހުގެ މަޑު ޖެހުމަކަށްފަހު އިސްރާއީލުން ވަނީ އިއްޔެ އަލުން ގާޒާއަށް ހަމަލާ ދޭން ފަށާފައެވެ.

ހަމާސް އާއި އިސްރާއީލުން ހަދާފައިވާ ހަމަލާ ބަދަލު ކުރުން ވަގުތީގޮތުން ހުއްޓާލުމުގެ އެއްބަސްވުމުގެ ދަށުން ވަނީ ހަމާސްގެ ބެލުމުގެ ދަށުގައި ތިބި ބައެއް މީހުން ދޫކޮށް އިސްރާއީލުގެ ޖަލުތަކުގައި ތިބި ފަލަސްތީނުގެ ގައިދީން ވެސް ދޫކޮށްފައެވެ. ނަމަވެސް އެއްބަސްވުމާ އެއްގޮތަށް އަަމަލު ނުކުރާ ކަމަށް ދެބައި މީހުން ވެސް ވަނީ ތުހުމަތު ކޮށްފައެވެ.

އިސްރާއީލުން އިއްޔެ ވަނީ ފަލަސްތީނުގެ ގާޒާގެ ދެކުނު ސަރަހައްދަށް މަތިން ލިޔުންތަކެއް އަޅާލައިފައެވެ. އެ ލިޔުންތަކުގައި ވަނީ އެ ސަރަހައްދުގައި ދިރިއުޅޭ އާންމުން އެ ސަރަހައްދު ދޫކޮށް ދިއުމަށް އަންގާފައެވެ.

އިސްރާއީލުން އިއްޔެ ދިން ހަމަލާތަކުގައި ގާޒާއިން 100 އަށްވުރެން ގިނަ މީހުން މަރާލައިފައި ވެއެވެ.