ރައީސް ޑރ. މުހައްމަދު މުއިއްޒު، 28 ވަނަ ކޮންފަރެންސް އޮފް ދަ ޕާޓީސް ޓު ދަ ޔުނައިޓެޑް ނޭޝަންސް ފްރޭމްވޯކް ކޮންވެންޝަން އޮން ކްލައިމެޓް ޗޭންޖް (ކޮޕް28) ގެ ވޯލްޑް ލީޑާސް ސަމިޓު ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގެންފިއެވެ.
ރައީސްގެ އަރިހުގައި އެ ރަސްމިއްޔާތުގައި ކްލައިމެޓް ޗޭންޖް، އެންވަޔަރަންމަންޓް އެންޑް އެނާޖީ މިނިސްޓަރު ތޯރިގު އިބްރާހީމް އަދި ފޮރިން މިނިސްޓަރު މޫސާ ޒަމީރު ބައިވެރިވެވަޑައިގެންނެވިއެވެ. ކޮޕް 28 ވަނަ ސަމިޓުގައި ރައީސް ތަގުރީރު ކުރެއްވުމަށް ވަނީ ހަމަޖެހިފައެވެ.
މިއީ ރައީސުލްޖުމްހޫރިއްޔާގެ މަގާމާ ހަވާލުވެވަޑައިގެންނެވި ފަހުން ރައީސް މުއިއްޒު މިފަދަ ތަގުރީރެއް ކުރައްވާ ފުރަތަމަ ފަހަރެވެ.
ރައީސް އޮފީހުން ބުނީ ކޮޕް28 ބައްދަލުވުން ވެގެންދާނީ، ރާއްޖޭގެ ދެމެހެއްޓެނިވި ތަރައްގީއަށް ރާވާފައިވާ ކަންކަމާ ގުޅޭ މައުލޫމާތު ބައިނަލްއަގުވާމީ މައިދާނުގައި ހިއްސާކުރުމަށާއި މޫސުމަށް އަންނަ ބަދަލުތަކަށް ހޭނުމާއި ލިބޭ ގެއްލުންތައް ކުޑަކުރުމާ ގުޅޭގޮތުން މަޝްވަރާކުރުމަށް ލިބޭ އަގުހުރި ފުރުސަތަކަށް ކަމަށެވެ.
މިއަހަރުގެ ކޮޕް28 ބާއްވަނީ ޔުނައިޓެޑް އަރަބި އެމިރޭޓްސް (ޔޫއޭއީ)ގެ ދުބާއީގައެވެ. ކޮޕް28 ސަމިޓު ފަށާފައިވަނީ އިއްޔެއެވެ. އަދި ސަމިޓު މިމަހުގެ 12 ވަނަ ދުވަހާ ހަމައަށް ކުރިއަށް ގެންދާނެއެވެ.
ކޮޕް28 ގައި 70،000 ފަރާތަކުން ބައިވެރިވާ އިރު، އޭގެތެރޭގައި ގައުމުތަކުގެ އިސްވެރިންނާއި އެކި ސިނާއަތްތަކުގެ ބައިނަލްއަގުވާމީ ފެންވަރުގެ ލީޑަރުންނާއި އަމިއްލަ ވިޔަފާރިތައް ތަމްސީލުކުރާ ފަރާތްތަކާއި ތައުލީމީ މާހިރުންނާއި އެކިއެކި ރޮނގުރޮނގުގެ ތަޖުރިބާކާރުންނާއި ޒުވާނުން އަދި ޖަމިއްޔާތައް ހިމެނެއެވެ.
ޚަބަރު
ޚަބަރު
ޚަބަރު