ޓައިވާނުގެ އުމުރުން ދުވަސްވީ މީހުންނާއި ކުޑަކުދީން ޗައިނާއަށް ދަތުރު ނުކުރުމަށް އަންގައިފިއެވެ.

ޗައިނާގައި މިހާރު ފެތުރެމުންދާ ފުއްޕާމޭގެ ގޮތްނޭނގޭ ބައްޔެއްގެ ސަބަބުން އެ ގައުމަށް ޓާއިވާނުގެ އުމުރުން ދުވަސްވީ މީހުންނާއި ކުޑަކުދީންގެ އިތުރުން ދިފާއީ ނިޒާމު ބަލިކަށި މީހުންވެސް ދަތުރު ނުކުރުމަށް ވަނީ އަންގާފައެވެ.

ޓައިވާނުން އަންނަނީ 2002 ވަނަ އަހަރު ޗައިނާގައި ފެތުރެން ފެށި ސާސް ރޯގާއަށްފަހު މިބާވަތުގެ އާންމު ބަލިތަކަށް ސަމާލުވެ ފިޔަަވަޅުތައް އަޅަމުންނެވެ.

ޓައިވާނުގެ ކެބިނެޓު ބައްދަލުވުމެއްގައި އެގައުމުގެ ހެލްތު މިނިސްޓަރު ވަނީ ޗައިނާގައި ފެތުރެމުންދާ ބައްޔާ ގުޅޭ ހާއްސަ ކަރުދާހެއް ހުށަހަޅުއްވައިފައެވެ. ޗައިނާއަށް ދާން ބޭނުންވާ ފަރާތްތަކުން ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން ރޯގާތަކާއި ކޮވިޑްގެ ވެކްސިން ފުރިހަމަ ކުރުމަށް ވަނީ ގޮވާލާފައެވެ.

ޗައިނާގައި ގޮތްނޭނގޭ ބައްޔެއް ފެތުރޭކަން ފާހަގަވެ ދުނިޔޭގެ ސިއްހަތާބެހޭ މައި އިދާރާ "ޑަބްލިއުއެޗްއޯ" އިން ވަނީ އެގައުމުން އެބައްޔާ ގުޅޭ މައުލޫމާތު ހޯދުމަށް އެދިފައެވެ.