ރައްޔިތުންގެ މަޖިލީހުގެ ފޭދޫ ދާއިރާގެ ކުރީގެ މެމްބަރު އަލްހާން ފަހުމީ، މަޖިލީހުގެ ކާށިދޫ ދާއިރާއަށް ވާދަކުރައްވަން ނިންމަވައިފިއެވެ.
އަލްހާން މިއަދު އެކްސްގައި ކުރި ޕޯސްޓެއްގައި ވިދާޅުވީ، ކާށިދޫ ދާއިރާއަށް ވާދަކުރައްވާނީ އަމިއްލަ ގޮތުން ކަމަށެވެ.
"ކާށިދޫ ދާއިރާގެ ރައްޔިތުންގެ އެއްބާރުލުމާ ތާއީދަށް އެދެން،" އަލްހާން ވިދާޅުވިއެވެ.
އަމިއްލަ ގޮތުން މަޖިލިސްއަށް ވާދަކުރައްވާކަން އަލްހާން ހާމަ ކުރެއްވި އިރު، އޭނާ ވަނީ އެމްޑީޕީގެ ރައީސްގެ މަގާމަށް ވާދަކުރާނެކަން ވެސް އިއުލާން ކުރައްވައިފައެވެ.
އަލްހާން ސިޔާސީ މައިދާނަށް ނުކުންނަވާފައިވަނީ ދިވެހި ރައްޔިތުންގެ ޕާޓީ (ޑީއާރުޕީ) އިންނެވެ. އޭނާ އެންމެ ފުރަތަމަ މަޖިލީހަށް އިންތިހާބުވެވަޑައިގަތީވެސް ޑީއާރުޕީގެ ޓިކެޓުގައި ވާދަކުރައްވައިގެންނެވެވެ.
ޑީއާރުޕީން ވަކިވެވަޑައިގެންނެވުމަށްފަހު އެމްޑީޕީއާ ގުޅިވަޑައިގެން، 2011 ވަނަ އަހަރުގެ މެއި މަހުގެ އެއްވަނަ ދުވަހު އަލްހާން ވަނީ އެ ޕާޓީގެ ރައީސްގެ މަގާމަށް އިންތިހާބުވެވަޑައިގެންފައެވެ. ނަމަވެސް 2012 ވަނަ އަހަރުގެ އެޕްރީލް މަހުގެ 30 ވަނަ ދުވަހު، އެމްޑީޕީގެ ރައީސްކަމުގެ މަގާމުން އަލްހާން ވަނީ ވަކިކުރައްވައިފައެވެ.
އެމްޑީޕީގެ ރައީސްކަމުގެ މަގާމުން ވަކިކުރެއްވުމުން އަލްހާން ވަނީ ޖުމްހޫރީ ޕާޓީއާ ގުޅިވަޑައިގެންފައެވެ. އެފަހުން ޖުމްހޫރީ ޕާޓީން ވަކިވުމަށްފަހު އަލްހާން ވަނީ ޕީޕީއެމަށް ވެސް ސޮއިކުރެއްވިއެވެ. އަދި މިހާރު އޭނާއަކީ އެމްޑީޕީގެ މެމްބަރެކެވެ.
އަލްހާން އެންމެފަހުން ވާދަކުރެއްވީ 2020 ވަނަ އަހަރު ބޭއްވި ކައުންސިލް އިންތިހާބުގައި މާލެ ސިޓީގެ މޭޔަރުގެ މަގާމަށެވެ. އެ މަގާމަށް ކުރިމަތިލެއްވި މީހުންގެ ތެރެއިން އެންމެ މަދުން ވޯޓު ލިބިވަޑައިގެންފައިވަނީ އަލްހާނަށެވެ.
އަލްހާން މަޖިލީހަށް ވާދަ ކުރައްވަން ނިންމެވި އިރު، ޕޮންޒީ ސްކީމު މައްސަލައިގައި އޭނާގެ މައްޗަށް ވަނީ ދައުވާ ކޮށްފައެވެ. އެގޮތުން އޭނާގެ މައްޗަށް ޓެކުމުގެ 13 ދައުވާއެއް ވަނީ ކޮށްފައެވެ.
ޚަބަރު
ޚަބަރު
ޚަބަރު