ތިލަމާލެ ބުރިޖުގެ މަސައްކަތް ކުރަމުން ދަނިކޮށް ވިލިމާލޭގެ ފަރަށް އެރި ސެލްފު އެލިވޭޓިން ޕްލެޓްފޯމް (އެސްއީޕީ، ޔުވްރާޖް ޕްލެޓްފޯމް) އިން ފަރަށް ލިބުނު ގެއްލުމުގެ ބަދަލުގައި ،69،411،800 މިލިއަން ރުފިޔާ ހޯދުމަށް އެންވަޔަރަމަންޓް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ) އިން ކުރި ޖޫރިމާނާ ފަސްކޮށްދެވެން ނެތް ކަމަށް ސިވިލް ކޯޓުން އިއްޔެ ހުކުމްކޮށްފިއެވެ.

ތިލަމާލެ ބުރިޖުގެ މަސައްކަތް ކުރުމުގެ ތެރެއިން ޕްރޮޖެކްޓް ވޯކް ސައިޓް ބައުންޑަރީ ތެރޭގައި އިންވެސްޓިގޭޝަނެއް ހެދުމަށް ޓަގު ބޯޓެއްގެ އެހީގައި ޔުވްރާޖް ޕްލެޓްފޯމް ވިލިމާލެ ފަރުގެ ސަރަހައްދާ 100 މީޓަރުގެ ދުރުމިނެއްގައި ވަނީ ޕޮޒިޝަންކޮށްފައެވެ.

އެ ޕްލެޓްފޯމް ޕޮޒިޝަންކޮށްފައި އޮތް ޓަގު ބޯޓާ ދުރަށް ޕްލެޓްފޯމް ގޮސް ވިލިމާލޭގެ ހުޅަނގު ދެކުނު ފަރާތު ފަރަށް އެރީ މިދިޔަ އަހަރުގެ އޮގަސްޓު މަހުގެ 16 ވަނަ ދުވަހުއެވެ. ޕްލެޓްފޯމް ފަރަށް އެރުމުގެ ސަބަބުން، ފަރަށް ލިބުނު ގެއްލުމަށް އެފްކޮންސް ޒިންމާވާން ޖެހޭނެ ކަމަށް ބުނެ އީޕީއޭން ވަނީ އެ ކުންފުނި 69 މިލިއަން ރުފިޔާއިން ޖޫރިމަނާ ކޮށްފައެވެ. އަދި އެ ފައިސާ 30 ދުވަހުގެ ތެރޭގައި ދެއްކުމަށް ވެސް އަންގައިފައެވެ.

އެފްކޮންސްގެ ފަރާތުން ވަނީ އެ ޖޫރިމަނާ މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ ހަތްވަނަ ދުވަހު އެންވަޔަރުމެންޓް މިނިސްޓްރީގައި އިސްތިއުނާފުކޮށްފައެވެ. ނަމަވެސް މިއަހަރުގެ ނޮވެމްބަރު މަހުގެ 14 ވަނަ ދުވަހު، މިނިސްޓްރީން ނިންމީ، އެފްކޮންސް ޖޫރިމާނާކޮށްފައި ވަނީ ރަނގަޅަށް ކަމަށެވެ. އެހެންވެ އެފްކޮންސްއިން ވަނީ އެންވަޔަރުމެންޓް މިނިސްޓްރީއާ ދެކޮޅަށް މިދިޔަ ހޯމަ ދުވަހު ސިވިލް ކޯޓަށް މައްސަލަ ހުށަހަޅައިފައެވެ.

އެފެކޮންސްއިން ކޯޓުގައި އެދުނީ ވަގުތީ އަމުރެއް ނެރެ ދިނުމަށެވެ. އެ އަމުރުގައި އެދިފައިވަނީ ޖޫރިމާނާގެ 69 މިލިއަން ރުފިޔާ ދެއްކުމަށް އެފްކޮންސްއަށް އެންގި އެންގުން، މުރާޖައާކޮށް ދިނުމަށާއި އެންވަޔަރުމެންޓް މިނިސްޓްރީން އެ ފައިސާ 15 ދުވަހުގެ ތެރޭގައި ދެއްކުމަށް އަންގާފައިވާތީ، ޖުޑީޝަލް ރިވިއުއެއްގެ ދަށުން ގޮތެއް ނިމެންދެން ނުވަތަ މަޝްވަރާކޮށްގެން ގޮތެއް ނިމެންދެން، މިނިސްޓްރީގެ އެންގުމަށް އަމަލުކުރުން ފަސްކުރުމުގެ ވަގުތީ އަމުރަކަށެވެ.

އެފްކޮންސްއިން ބުނީ ޕްލެޓްފޯމް ފަރަށް އަރާފައިވަނީ އެ ކުންފުނީގެ އިހުމާލުން ނޫން ކަމަށެވެ. އެއީ އެ ކުންފުނީގެ ކޮންޓްރޯލްގެ ބޭރުން ބާރުނުފޯރުވޭ ފަދަ (ބޮޑެތި ރާޅުތަކެއްގެ) ސަބަބުން ކަމަށެވެ. އީޕީއޭގެ ރިޕޯޓުގައި ވެސް އެ ހާދިސާ ހިނގަން މެދުވެރިވީ ރާޅުބާނީތަކުގެ ބޮޑުކަމުން ކަމަށް ބަޔާންކޮށްފައިވާ ކަމަށެވެ.

ތިލަމާލެ ބުރިޖު މަސައްކަތުގެ އީއައިއޭ ރިޕޯޓުގައި، އެ މަޝްރޫއުގެ ސަބަބުން ފަރަށް ގެއްލުން ލިބޭނެކަން ފާހަގަކޮށްފައިވާ ކަމަށާއި އެހެންކަމުން ޕްލެޓްފޯމް ފަރަށް އެރުމުން ލިބުނު ގެއްލުންތަކަކީ އީޕީއޭއިން ކުރިން ބަލައިގަނެފައިވާ ގެއްލުންތަކެއް ކަމަށް އެފްކޮންސްއިން ބުންޏެވެ. އީޕީއޭގެ އެސެސްމެންޓް ރިޕޯޓުގައި ޕްލެޓްފޯމް ފަރަށް އެރީ އެފްކޮންސްގެ އިހުމާލުން ކަމަށް ބަޔާންކޮށްފައިނުވާ ކަމަށް ބުންޏެވެ.

އެފްކޮންސްގެ ފަރާތުން ނެރެދިނުމަށް އެދިފައިވާ ވަގުތީ އަމުރަކީ ދައުވާއެއް ކޯޓަށް ހުށަހެޅުމަކާ ނުލައި ހުށަހަޅާފައިވާ ވަގުތީ އަމުރެކެވެ. އަދި އެ ވަގުތީ އަމުރަށް އެދިފައިވަނީ މަދަނީ އިޖުރާއަތުގެ ގާނޫނުގެ ދަށުން "ވަކި ކަމެއް ނުކުރުމަށް އަންގައި ކުރާ ވަގުތީ އަމުރު" ގެ ދަށުންނެވެ. އަދި އެފްކޮންސްއިން އެދިފައިވަނީ މައްސަލަ ރައްދުވާ ފަރާތުގެ ޣައިރު ހާޒިރުގައި އަމުރެ ނެރެދިނުމަށެވެ.

ނަމަވެސް ޣައިރު ހާޒިރުގައި ވަގުތީ އަމުރެއް ނެރެދޭން ޖެހޭ އެއްވެސް ސަބަބެއް އެފްކޮންސްގެ ފަރާތުން ބަޔާންކޮށްފައެއް ނުވެއެވެ. އެހެންވެ ސިވިލް ކޯޓުން ވަނީ އެންވަޔަރުމެންޓް މިނިސްޓްރީއަށް ދައުވާއަށް ޖަވާބުދާރީވުމުގެ ފުރުސަތު ދީފައެވެ.

އެ މައްސަލައިގެ ބެއްލެވި ގާޒީ ޒުލައިހާ ޝީޒާ، ރައުޔުގައި ވިދާޅުވީ އެފްކޮންސްގެ ފަރާތުން އެދިފައިވާ ވަގުތީ އަމުރަކީ ކޯޓަށް ހުށަހެޅިފައިވާ ދައުވާއެއްގައި ކޯޓުން ގޮތެއް ކަނޑައެޅުމުގެ ކުރިން ވަގުތީ ފަރުވާއެއް ހޯދައިދިނުމުގެ ގޮތުން ނުވަތަ ވަގުތީ ރައްކާތެރިކަމެއް ހޯދައިދިނުމުގެ ގޮތުން ކޯޓުން ނެރެދޭ އަމުރެއްކަން އެނގޭ ކަމަށެވެ.

ވަގުތީ އަމުރެއް ނެރެދިނުމުގައި ރިއާޔަތްކުރަން ޖެހޭ ކަންކަމުގެ ތެރޭގައި ވަގުތީ އަމުރަށް އެދޭ ފަރާތަށް، ގާނޫނީ ގޮތުން ހިމާޔަތް ލިބެންޖެހޭ މައުލޫއީ ހައްގެއް ނުވަތަ ގާނޫނީ ހައްގެއް އޮތުމުގެ އިހުތިމާލު ފާޅުކަން ބޮޑު ގޮތެއްގައި ގާއިމްވެފައިވުން ހިމެނެއެވެ. އަދި ވަގުތީ އަމުރު ނެރުމަކާ ނުލައި އަސްލު މައުލޫއީ ދައުވާ ލަސްވެގެން ހިނގައްޖެނަމަ، ކުރިމަތިވެދާނެ ނުރައްކަލެއް އޮތުން އަދި ވަގުތީ އަމުރަށް އެދޭ ފަރާތަކީ އެފަދަ އަމުރަކަށް އެދުމުގެ ހައިސިއްޔަތު ގާނޫނީ ގޮތުން ލިބިގެންވާ ފަރާތަކަށްވުން ހިމެނެއެވެ.

ގާޒީ ވިދާޅުވީ ޖޫރިމާނާގެ ސަބަބުން ކުރިމަގުގައި އެފްކޮންސްއަށް ޕްރޮޖެކްޓުތަކެއް ނުލިބިދާނެ ކަމަށާއި އަދި ޓެންޑާތަކުގައި ބައިވެރިވުމުގެ ފުރުސަތު ގެއްލި، ކުންފުނީގެ ރެޕިއުޓޭޝަނަށް އަސަރުކުރާނެކަން އެފްކޮންސްގެ ފަރާތުން ފާހަގަކޮށްފައިވާ ކަމަށެވެ. ކުންފުނީގެ ރެޕިއުޓޭޝަނަށް ލިބޭ ގެއްލުމަކީ ފައިސާއިން އަނބުރާ އިއާދަ ކުރެވޭނެ ކަމެއް ނޫންކަން އެފްކޮންސްއިން ފާހަގަކޮށްފައިވާ ކަމަށް ގާޒީ ވިދާޅުވިއެވެ. އެހެންކަމުން ވަގުތީ އަމުރެއް ނެރެނުދީފިނަަމަ އެފްކޮންސްއަށް އިއާދަނުކުރެވޭ ވަރުގެ ގެއްލުމެއް ވެދާނެކަން އެ ކުންފުނިން ފާހަގަކޮށްފައިވާ ކަމަށެވެ.

އީޕީއޭގެ ޖޫރިމާނާގެ ސަބަބުން އެފްކޮންސްގެ ރެޕިއުޓޭޝަނަށް ގެއްލުންވާނެ ކަމަށް ބުންޏަސް، އެ ކުންފުނިން އެކަމުގެ ވާގިދޭ އެހެން ކަންތައްތަކެއް ފާހަގަކޮށްފައިނުވާ ކަމަށް ގާޒީ ވިދާޅުވިއެވެ. އަދި ކުންފުންޏަށް މާލީ ގޮތުން ގެއްލުންތަކެއް ވާނެކަން ފާހަގަ ކުރި ނަމަވެސް އެކަމުގެ ތަފުސީލެއް ހުށަހަޅާފައިނުވާ ކަމަށް ގާޒީ ވިދާޅުވިއެވެ. އަދި އެންވަޔަރުމެންޓް މިނިސްޓްރީއާ ދެކޮޅަށް މައުލޫއީ ގޮތުން ދައުވާ ކުރުމުގެ ކުރިން، ވަގުތީ އަމުރެއް ނެރެދޭން ޖެހޭ ތަފުސީލީ ސަބަބުތަކެއް އެފްކޮންސްއަށް ބުނެދެވިފައިނުވާ ކަމަށް ގާޒީ ވިދާޅުވިއެވެ.

އެހެންވެ އެ މައްސަލައިގައި ކުރި ހުކުމުގައި ބުނީ ޕްލެޓްފޯމުން ފަރަށް ލިބުނު ގެއްލުމުގެ ބަދަލުގައި ،69،411،800 މިލިއަން ރުފިޔާ ހޯދުމަށް އީޕީއޭން ކުރި ޖޫރިމާނާ ފަސްކޮށްދެވެން ނެތް ކަމަށެވެ.