ގާޒާގެ ހަނގުރާމައިން އެއްކަމެއް މުޅިން ކަށަވަރުވެއްޖެއެވެ. ބަޔަކު ނެތިދިއުމުގެ ކޮޅުމަތި ފެށުނީއެވެ. ފަލަސްތީނެއް ނޫނެވެ. މިއީ އިޒްރޭލް ނެތިދިއުމުގެ ފެށުމެވެ. އިޒްރޭލުގެ މި ހަނގުރާމަޔަކީ އިންސާނުން ލަދުގަންނަވަރުގެ ނުބައިކަން ބޮޑުވެގެންވާ ހަނގުރާމައެކެވެ. މިހިސާބަށް މިދިޔައީ ޒަމާނުއްސުރެ އިޒްރޭލުން ގެންގުޅެމުން އައި ޖަރީމާތަކުގެ ސިލްސިލާއެއްގެ ތެރެއިންނެވެ. މިއީ އާޚިރުގައި އިޒްރޭލަށް ކާމިޔާބުލިބި އިޒްރޭލް ވަރުގަދަވާނޭ ހަނގުރާމައެއް ނޫނެވެ. ދުރު މުސްތަގުބަލަކަށް ބަލާއިރު އިޒްރޭލުން ތައްޔާރު ކުރަމުން އެގެންދަނީ އެމީހުންގެ އަމިއްލަ ކަފުނެވެ. އެކަން ޔަގީނެވެ. އިންޑަސްޓްރިއަލް ސްކޭލެއްގައި ފަލަސްތީނުގެ ރައްޔިތުން މަރަމުން އެގެންދަނީ އަމިއްލަ ދިފާއުގައި ކަމަށް ބުނެ ހުއްޖަތު ދައްކައިފައެވެ. އެކަމަކު މިއީ އިޒްރޭލުގެ ސަލާމަތާއި ރައްކާތެރިކަން އިތުރުވުމުގެ ބަދަލުގައި މުޅި ސަރަހައްދުގައި ނަފްރަތާއި ރުޅިވެރިކަން އިތުރުވެގެންދާނޭ ކަމެކެވެ. އެއީ އިޒްރޭލަށް ގެއްލުމެކެވެ. ހަލާކެކެވެ.

މެދުއިރުމަތީގައި އިޒްރޭލަށް ހަމަޖެހިގެން ދެމިއޮވެވޭނީ އަވަށްޓެރިން އެ ފުރުސަތު ދިނިއްޔާއެވެ. އެއީ ރުޅިވެރިކަން އުފައްދައިގެން ލިިބޭންއޮތް ފުރުސަތެއް ނޫނެވެ. އިޒްރޭލުގެ ވަށައިގެން އެތިބީ އަރަބި ގައުމުތަކެވެ. ސީރިޔާ އާއި ޖޯޑަނާއި ލުބުނާނާއި މިސްރެވެ. މި ގައުމުތަކާއެކު ރަހުމަތްތެރިކަމާއި އިތުބާރު އުފެއްދުމަށް އިޒްރޭލަށް އޮތް ހަމައެކަނި ފުރުސަތަކީ އިސްތިއުމާރީ އުސޫލުތަކާއި އިސްތިއުމާރީ ފިކުރު ދޫކޮށްލުމެވެ. މީގެ ދުވަސްކޮޅެއް ކުރިން 90 ގެ އަހަރުތަކުގެ ތެރޭގައި އިޒްރޭލުން މިސްރާބު ހިފާފައިވަނީ މިދިމާލަށޭ ހީވިއެވެ. ދާއިމީ ސުލްހައެއް ގެނައުމުގެ ގޮތުން އަވަށްޓެރި އަރަބި ގައުމުތަކާއެކު މަޝްވަރާތަކެއް ފެށިއެވެ. ފަލަސްތީނުގެ ރައްޔިތުންނާއެކުވެސް ސުލްހައިގެ ކަންތައްތަކެއް ކުރިއަށް ގެންދިޔައެވެ. އެހެންނަމަވެސް އިޒްރޭލުގެ ނިޔަތް ރަނގަޅުނޫންވީމާ އެ ފުރުސަތުވެސް ވަނީ ނަގާލައިފައެވެ. ކޮންމެ ކަމެއްގައި އިސްތިއުމާރީ ވިސްނުން ކުރިއަށް ނެރުމުގެ ނަތީޖާއެއްގެ ގޮތުން ހުރިހާ ކަމެއް ވަނީ އެކޮޅުކޮޅުން ޖެހިފައެވެ.

ސުލްހައަށް ފަހިވެގެންއައި ހުރިހާ ފުރުސަތެއްވެސް މިބީދައިން އިޒްރޭލުން ވަނީ ނަގާލައިފައެވެ. މިހިސާބުން ހަނދާނަށް އަންނަނީ އިޒްރޭލުގެ ކުރީގެ ޚާރިޖީވަޒީރެއް ކަމުގައިވާ އަބާ އީބާނުގެ ވިދާޅުވުމެކެވެ. އޭނާ ވިދާޅުވެފައިވެއެވެ. ފުރުސަތެެއް ނަގާލަން ލިބޭ ފުރުސަތެއްކަމަށްވަންޏާ އެކަހަލަ ފުރުސަތެއް އިޒްރޭލުން ދުވަހަކުވެސް ދޫކޮށެއް ނުލާނެއެވެ. އެއީ ތެދެއްކަން މިފެންނަނީއެވެ. ކޮންމެއަކަސް ފަލަސްތީނުގެ ބިންތައް އިސްތިއުމާރު ކުރުން ދޫކޮށްލުމުގެ ބަދަލުގައި ހުއްޓުމެއްނެތި ކުރަމުން އެގެންދާ މަސައްކަތަކީ ބިންތައް ފޭރުމާއި ފަލަސްތީނު މީހުންގެ ގެދޮރު މުގުރުމާއި ވަޒަނުން ބޭރުކޮށް ފައްސައިލުމުގެ މަސައްކަތެވެ. ފަލަސްތީނު މީހުންނާމެދު ގެންގުޅެނީ އެންމެ ދަށުދަރަޖައިގެ ލާއިންސާނީ ސިޔާސަތެކެވެ. އެއްގައުމެއްގައި ދެ ނިޒާމެކެވެ. ޔަހޫދީންނަށް މަތީފަންތީގެ ފުރިހަމަ ނިޒާމެކެވެ. ފަލަސްތީނު މީހުންނަށް އަޅުވެތިކަމާއި ނިކަމެތިކަމުގެ ނިޒާމެކެވެ. މިކަހަލަ މަންޒަރެއް މީގެކުރިން ފެނިފައިވަނީ ނަސްލީ އިމްތިޔާޒުގެ ދުވަސްވަރު ދެކުނު އެފްރިކާއިންނެވެ.

ދެކުނު އެފްރިކާގައި އޮތް ނަސްލީ އިމްތިޔާޒުގެ ގޮތްކުޑަ ނިޒާމު އުވައިލިއިރު އެފަދަ ނިޒާމެއް އިޒްރޭލުގައި އޮތީ ގާއިމްކޮށް ނިމިފައެވެ. އިސްތިއުމާރީ ފިކުރުގެ މަތީގައި ބައްޓަންވެފައިވާ ސިޔާސަތުތައް ކުރިއަށް ނެރުމުގެ ނަތީޖާއެއްގެ ގޮތުން އިޒްރޭލަކީ މިހާރު ހުރިހާ މާނައެއްގައިވެސް ނަސްލީ އިމްތިޔާޒުގެ ހާއްޔެކެވެ. ޔަހޫދީން މަތިވެރިކޮށް އަރަބީން ނިކަމެތި ކުރަނީ ގާނޫނުތައްވެސް އެގޮތަށް ފަރުމާކޮށް ލިޔެގެންނެވެ. އިޒްރޭލުގެ އާއްމުންގެ ތެރޭގައިވެސް އެންމެ ތާއީދުބޮޑު މީހަކީ އަދި އެންމެ މަގްބޫލު މީހަކީ އަރަބީންނަށް އެންމެ ރުޅިއަރާ މީހާއެވެ. މިހާރު ވެރިކަމުގައި އެތިބީ ހައްތާވެސް މިކަހަލަ މީހުންގެ މައްޗަށް އެކުލެވިގެންވާ އޮޅިއެއްގެ ބައެކެވެ. ބޮޑުވަޒީރު ނަތަންޔާހޫވެސް ހިމެނޭގޮތުންނެވެ. އެމީހުންވަނީ އިޒްރޭލުގެ ގައުމީ މުއައްސަސާތައްވެސް ހައިޖެކްކޮށްފައެވެ. ގާނޫނީ ވެރިކަން އެއޮތީ ނަސްލީ އިމްތިޔާޒުގެ ވެރިކަމަކަށް ހަދައިފައެވެ. ފަލަސްތީނުގެ ރައްޔިތުންނަށް އެމީހުންގެ ވަޒަނުގައި ދެމިތިބެވެންއޮތްހައި މަގުތަކެއް އެދަނީ ހަނިކުރަމުން ބައްދަމުންނެވެ.

ފަލަސްތީނުގެ ރައްޔިތުންނާ ދެކޮޅަށް އިޒްރޭލުން އެކުރާހައި ކަމެއް ކުރަމުންދަނީ އެމެރިކާ އާއި ޔޫރަޕުގެ ތާއީދު ލިބިގެންނެވެ. އެތަންތާގެ ރައްޔިތުން މިހާތަނަަށް ތިބީ ވާނުވާގައެވެ. އޮޅުމެއްގެ ތެރޭގައެވެ. އެކަމަކު ގާޒާގެ ހަނގުރާމަޔާ ގުޅިގެން ހުޅަނގުގެ އާއްމު ރައްޔިތުންގެ ޒަމީރު އެދަނީ ހަމަކަށަވަރުންވެސް ހޭލަމުންނެވެ. މީގެކުރިން ނުފެންނަ މަންޒަރުތަކާއި އަޑުތައް އެތަންތާގެ މަގުތަކުން ދަނީ ފެންނަމުންނެވެ. އިވެމުންނެވެ. ގާނޫނުހަދާ މަޖިލީސްތަކުގައިވެސް އިޒްރޭލާ ދެކޮޅަށް ވާހަކަ ދެއްކުން އާއްމުވެއްޖެއެވެ. ވާނީވެސް އެހެންތާއެވެ. ފަލަސްތީނުގެ ކުޑަކުދިންނަކީވެސް ޓެރަރިސްޓުންނޭ ބުނެފައި ދެންމެއަކު ވިހޭ ތުއްތު ތުއްތު ކުދިންވެސް މަރަނީއެވެ. މާބަނޑު އަންހެނުންވެސް މަރަނީއެވެ. ގާޒާގައި މައުސޫމް އެކަކުވެސް ނުހުންނާނެއޭ ބުނަމުންނެވެ. މިއީ ދެން ބޮޑުވަރެކެވެ. އެހެންވީމާ މައްސަލައިގެ އެކޮޅާއި މިކޮޅު ދެނެގަތުމަށް ތާރީޚުގެ ތެރެއަށް ފީނަން ފެށީއެވެ. މައްސަލައިގެ އަސްލު ހޯދަން ފެށީއެވެ.

މިގޮތަށް ބެލީމާ އިޒްރޭލަކީ މެދުއިރުމަތީގައިވާ އިސްތިއުމާރީ ދައުލަތެއްކަމާއި ފަލަސްތީނުގެ ރައްޔިތުންނަކީ އަނިޔާ ލިބިގެންވާ ބައެއްކަން ވަރަށް ސާފުކޮށް އެބަފެނެއެވެ. އިސްތިއުމާރީ އެއްވެސް ބާރަކަށް ތާއަބަދު ފަލަސްތީނުގައި ދެމިނުތިބެވޭކަންވެސް އެބަސާފުވެއެވެ. އިޒްރޭލުގައި އެތިބަ ދޮން ޔަހޫދީންނަކީ ބޭރުން އަރައިތިބި މުސްތައުމިރުންނެވެ. ކިތަންމެ ގިނަބަޔަކު މަރައި ކިތަންމެ އަނިޔާވެރިވިޔަސް މުސްތައުމިރުން ޖެހޭނީ އެންމެފަހުން ތަންދޫކޮށް ދާށެވެ. މިއީ ތާރީޚު ބުނެދޭގޮތެވެ. ޚިލާފެއްނެތި މިކަން ހިނގަނީ މިމަގުންނެވެ. ދެކުނު އެފްރިކާގައި އޮތް ނަސްލީ އިމްތިޔާޒު އުވިގޮސް ދޮންމީހުންގެ ވަރުގަދަ ސަރުކާރު ކުޑަކަކޫ މައްޗަށް ތިރިވީ އެމީހުންގެ އަތުގައި ވަރުގަދަ ހަތިޔާރު ނެތިގެނެއް ނޫނެވެ. ކަޅުމީހުންގެ އަޒުމާއި ހިތްވަރުގެ ކުރިމަތީގައި ހަތިޔާރު ބަހައްޓަން މަޖުބޫރުވީއެވެ. މެދުއިރުމައްޗަކީ އަރަބީންގެ ތަނެކެވެ. އެތަނުގައި އިޒްރޭލަށްވެސް ދިމާވާނީ ހަމަމިގޮތެވެ. އޮކްޓޫބަރު ހަތްވަނަ ދުވަހު ފަލަސްތީނުގެ ހަމާސް ޖަމާއަތުން އެވަނީ އިޒްރޭލަށް ރަނގަޅު ފިލާވަޅެއް ދީފައެވެ. އަނިޔާވެރިކަމުގެ ތެރެއިން ހޯދޭނެ ސަލާމަތަކާއި ރައްކާތެރިކަމެއް ނެތްކަން އެވަނީ ސާބިތުކޮށްދީފައެވެ.