މި ސަރުކާރުން އަލަށް އުފެއްދި ލޯކަލް ގަވަރުމަންޓް އެންޑް ޕަބްލިކް ވޯކްސް މިނިސްޓްރީގެ މަސައްކަތްތަކާއި ލޯކަލް ގަވަރުމަންޓް އޮތޯރިޓީ (އެލްޖީއޭ)ގެ މަސައްކަތްތައް ފުށޫ ނާރާނެ ކަމަށް މިނިސްޓަރު އާދަމް ޝަރީފް އުމަރު ވިދާޅުވެއްޖެއެވެ.

ޕީއެސްއެމްގެ "ރާއްޖެ މިއަދު" ޕްރޮގްރާމްގައި މިނިސްޓަރު އާދަމް ޝަރީފް ރޭ ވިދާޅުވީ، ލޯކަލް ގަވަރުމަންޓް މިނިސްޓްރީގެ މައިގަނޑު މަސައްކަތަކަށް ވާނީ ރާއްޖޭގައި ލާމަރުކަޒީ އުސޫލުން ރަށްތަކާއި ކައުންސިލްތައް ހިންގުމުގައި ސިޔާސަތުތައް ކަނޑައެޅުމާއި ކައުންސިލްތަކާ އެކުގައި މަސައްކަތް ކުރުން ކަމަށެވެ.

"މީގައި އެލްޖީއޭގެ ދައުރަށް ހަމަ އެއްވެސް ބަދަލެއް ނައިސް އެލްޖީއޭއިން އެ އަދާކުރާ ދައުރު ބަރާބަރަށް އަދާކުރައްވާނެ. އޭގަ ފުށޫ އެރުންތަކެއް ނުހުންނާނެ" މިނިސްޓަރު ވިދާޅުވިއެވެ.

މިނިސްޓަރު ވިދާޅުވީ، އެލްޖީއޭގެ ދައުރަކީ ކައުންސިލްތައް މޮނިޓާކޮށް ބެލެހެއްޓުމާއި ކައުންސިލްތަކަށް ފޯރުކޮށްދޭން ޖެހޭ އެހީތެރިކަން ފޯރުކޮށްދިނުން ކަމަށެވެ. އަދި ލޯކަލް ގަވަރުމަންޓު މިނިސްޓްރީން މަސައްކަތް ކުރާނީ އެލްޖީއޭއާ އެކުގައި ކަމަށްވެސް ވިދާޅުވިއެވެ.

މިނިސްޓަރު ވިދާޅުވީ، އެލްޖީއޭއަކީ ރައްޔިތުންގެ މަޖިލީހަކަށް ޖަވާބުދާރީވާން ޖެހޭ ތަނަކަށްވުމުން އެލްޖީއޭގެ ބޯޑުގެ ރައީސަކީވެސް ލޯކަލް ގަވަރުމަންޓް މިނިސްޓްރުގެ ގޮތުގައި ހަމަޖައްސަވަން ރައީސް ޑރ. މުހައްމަދު މުއިއްޒު ނިންމަވާފައިވާ ކަމަށެވެ.

މިނިސްޓަރު އިތުރަށް ވިދާޅުވީ، ލޯކަލް ގަވަރުމަންޓް މިނިސްޓްރީގެ އަމާޒަކީ ކައުންސިލްތަކަށް މާލީ ފުދުންތެރިކަން ހޯދައިދީ އެ ރަށަކުން ލިބޭ އާމްދަނީން އެރަށެއްގެ ކަންކަން ހަމަޖެއްސޭނެ ބަޔަކަށް ކައުންސިލްތައް ހެދުން ކަމަށެވެ.