ނުރައްކާތެރި ކެމިކަލެއް ހުރުމުން "އެމިޑޯން" ކިޔާ ބޭހެއް ރާއްޖެ އެތެރެކޮށް، ވިއްކުން މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ) އިން މަނާކޮށްފިއެވެ.

އެމްއެފްޑީއޭއިން މިއަދު ނެރުނު އެލާޓެއްގައި ބުނީ އެ ބޭހުގައި ޑައިއީތައިލިން ގްލައިކޯލް (ޑީއީޖީ) ކިޔާ މާއްދާއަކާއި އިތައިލީން ގްލައިކޯލް (އީޖީ) ކިޔާ މާއްދާއެއް ހިމެނޭ ކަމަށް ޕާކިސްތާނުގެ ބޭސް ރެގިއުލޭޓް ކުރާ އޮތޯރިޓީން އަންގާފައިވާ ކަމަށެވެ. އެ ބޭސް އުފައްދަނީ ޕާކިސްތާނުގައެވެ.

އެކަމާ ގުޅިގެން "ވަން" އަށް މައުލޫމާތު ދެމުން އެމްއެފްޑީއޭއިން ބުނީ އެއީ ބޭހުގައި ހުންނަން ނުވާ މާއްދާތަކެއް ކަމަށާއި އެ މާއްދާތަކުން ނުރައްކާ ވެދާނެ ކަމަށެވެ.

އެމްއެފްޑީއޭއިން ބުނީ މިއަދުން ފެށިގެން އެ ބޭހުގެ އެއްވެސް ބެޗެއް ރާއްޖެ އެތެރެކުރުމާއި ވިއްކުމާއި ބޭނުން ކުރުމަކީ މަނާ ކަމެއް ކަމަށެވެ. އަދި އަމިއްލަ ބޭނުމަށް ބޭސްސިޓީއަށް އެ ބޭސް އިމްޕޯޓު ކުރުމަކީވެސް މަނާ ކަމެއް ކަމަށް ބުންޏެވެ.

އެއާއެކު އެމްއެފްޑީއޭއިން ވަނީ އެ ބޭސް އެތެރެކޮށް، ވިއްކާ ފަރާތްތަކުން އުސޫލާ އެއްގޮތަށް އެ ބޭސް ނައްތާލުމަށް އަންގައިފައެވެ.