ރާއްޖޭގެ ވެރިކަން ކުރާ ޕާޓީ، ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ)ގެ އެކްސް އެކައުންޓު ސަސްޕެންޑު ކޮށްފިއެވެ.

ޕީއެންސީގެ ޓްވިޓާ އެކައުންޓު ސަސްޕެންޑު ކޮށްފައި ވަނީ މިއަދުއެވެ. އެކްސްގައި އެ އެކައުންޓު ސާޗް ކުރުމުން އެކައުންޓުގެ ޕްރޮފައިލްއިން ފެންނަނީ އެކައުންޓު ސަސްޕެންޑު ކޮށްފައި ވަނީ އެކްސްގެ ގަވާއިދުތަކާ ހިލާފުވުމުން ކަމަށެވެ.

އެކަމާ ގުޅިގެން ޕީއެންސީގެ ބަހެއް "ވަން"އަށް ލިބޭގޮތް ވަނީ ނުވެފައެވެ.

މި ދުވަސްވަރު ޕީއެންސީން ދަނީ އެ ޕާޓީއަށް މެންބަރުން އިތުރުކުރުމުގެ މަސައްކަތް ކުރަމުންނެވެ. އެގޮތުން، ރިޔާސީ އިންތިހާބުގެ ކެމްޕޭން ދުވަސްވަރު ޖަގައެއްގެ ގޮތުގައި ބޭނުންކުރި ދޮންމަނިކު ސްކައިވިއު އިމާރާތުގެ ގްރައުންޑް ފްލޯ، ޕީއެންސީގެ އޮފީހަކަށް ބަދަލުކޮށް، އާ މެންބަރުން ޕާޓީއަށް ވެއްދުމުގެ މަސައްކަތް ކުރަނީ އެތަނުގައެވެ.

ޕާޓީއަށް ވަންނަން ފޯމު ހުށަހެޅި 10،00 މީހެއްގެ ފޯމު އިލެކްޝަންސް ކޮމިޝަނަށް ހުށަހަޅާފައިވާ ކަމަށް މީގެ ކުރިން ޕީއެންސީގެ އެކްސް އެކައުންޓުގައި ހިއްސާކޮށްފައި ވެއެވެ. އަދި އިތުރު 6،000 ފޯމު ޕްރޮސެސް ކުރަމުންދާ ކަމަށް ބުންޏެވެ.