ސޯމާލިއާގައި ފެންބޮޑުވެ ހިނގި ހާދިސާތަކުގައި މަރުވި މީހުންގެ އަދަދު 96 އަށް އަރައިފިއެވެ.

ސޯމާލިއާއަށް ބޯކޮށް ވާރޭ ވެހި ފެންބޮޑުވެ އެގައުމުގެ އެކި ހިސާބުތަކަކަށް ވަނީ ބޮޑެތި ގެއްލުންތަކެއްވެފައެވެ.

މިދިޔަ މަހުން ފެށިގެން ބޯކޮށް ވާރޭ ވެހެން ފަށާފައިވާ ކަމަށް މޫސުމާބެހޭ އިދާރާގެ އޮފިޝަލުން ބުނެއެވެ. މިއީ މޫސުމަށް އައި ބޮޑު ބަދަލެއްގެ ސަބަބުން ކުރިމަތިވި ވިއްސާރައެއް ކަމަށްވެސް އޮފިޝަލު ބުނެއެވެ.

އދ. އިން ވަނީ ސޯމާލިއާއަށް ކުރަމުންދާ ވިއްސާރައިގައި މިހާތަނަށް 700،000 އަށްވުރެން ގިނަ މީހުން ގެދޮރު ގެއްލި ހާލުގައި ޖެހިފައިވާ ކަމަށް ބުނެފައެވެ.

ސޯމާލިއާގެ އިތުރުން އަވަށްޓެރި ކެންޔާ އަށްވެސް ވަނީ ވިއްސާރައިގެ އަސަރުކޮށް ބޮޑެތި ގެއްލުން ވެފައެވެ. އެގައުމުން ވެސް މިހާތަނަށް 76 މީހުން މަރުވެފައިވެއެވެ.