ރައްޔިތުންނަށް ހިލޭ ބޭސްފަރުވާނެ ނިޒާމު، (އާސަންދަ) ހުއްޓާލަން ޖެހޭ ކަމަށާއި އެއީ ފޭރެވިގެންދާ ފައިސާތަކެއް ކަމަށް އެމްޑީއޭގެ ލީޑަރު އަދި ރައްޔިތުންގެ މަޖިލީހުގެ މީދޫ ދާއިރާގެ މެންބަރު އަހުމަދު ސިޔާމް މުހައްމަދު ވިދާޅުވެއްޖެއެވެ.

އަންނަ 2024 ވަނަ އަހަރަށް ލަފާކޮށް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ ދައުލަތުގެ ބަޖެޓް ބަހުސްގައި ވާހަކަ ދައްކަވަމުން ސިޔާމު ވިދާޅުވީ، ދައުލަތަށް ލިބޭ ފައިސާއިން ދެކޮޅު ނުޖެހޭ އިރު، އާސަންދައަށް ކުރާ ހަރަދާ މެދު ހައިރާންވެ އަންތަރީސްވާ ކަމަށެވެ. އޭނާ ވިދާޅުވީ އާސަންދައިގެ ފައިސާއިން ވައްކަން ނުކުރާ އެކަކު ވެސް ނެތް ކަމަށެވެ.

"އާސަންދަ އިންޑިއާގެ ހޮސްޕިޓަލަކަށް ދިނަސް އަދި ސިލޯނުގެ ހޮސްލިޓަލަކަށް ދިނަސް އެ ހޮސްޕިޓަލްގައި ތިބޭ މީހުން ވެސް އެއަށް ކަމިޝަން ނަގަނީ. އެތަންތަނުގެ އެމްބަސީގައި ތިބޭ މީހުން ކަމިޝަން ނަގަނީ. ރާއްޖެއަށް އެޖެންޓަށް ލައިފައި ހުންނަ މީހާ ކަމިޝަން ނަގަނީ. ރާއްޖޭން ކޮންޓެކްޓް ދޭމީހާ ކަމިޝަން ނަގަނީ،" ސިޔާމް ވިދާޅުވިއެވެ.

ސިޔާމު ވިދާޅުވީ، އާސަންދަ އޮތީ ދިވެހި ރައްޔިތުންނަށް ޓެކްސް ދައްކާ މީހުންގެ ފައިސާ ނަހަމަ ގޮތުގައި ފޭރިގެންދާ ގޮތަށް ކަމަށާއި ރޯމާދުވާލު ވައްކަންކުރާ ގޮތަށް ކަމަށެވެ.

އެހެންކަމުން އާސަންދަ ހުއްޓާލުމަށްފަހު، އިންޝުއަރެންސްގެ ތެރެއިން އެ ނިޒާމު ހަމަޖައްސައި ދިނުމަށްވެސް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ކިބައިން ސިޔާމު އެދިވަޑައިގެންނެވިއެވެ. އޭނާ ވިދާޅުވީ އެހެން ނޫންނަމަ ސަރުކާރު ވެއްޓޭނީ ވައްކަމުގެ ތެރެއަށް ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

"އަޅުގަނޑަކީ ރާއްޖޭގައި އެންމެ ގިނައިން ޓެކްސް ދައްކާ މީހާ، އަޅުގަނޑު ހިތައް ތަދުވޭ، އަޅުގަނޑުމެން ބުރަ މަސައްކަތްކޮށްގެން ދައްކާ ޓެކްސް، އާއްމު ރައްޔިތުންނާ ހިސާބަށް ނުގޮސް، އާއްމު ރައްޔިތުންނަށް އޭގެ ރާހަތެއް ނުކޮށް ސަރުކާރުގައި ތިބި، އާސަންދަ ހިންގަވާ، އަދި އެކި އެކި ވުޒާރާތައް ހިންގަވާ ބޭފުޅުންގެ ޖީބަށް އެ ފައިސާ ލައްވާނީ އަޅުގަނޑު ވަރަށް ބޮޑަށް ހިތާމަކުރަން،" ސިޔާމް ވިދާޅުވިއެވެ.