މިދިޔަ އަހަރު ނޮވެމްބަރުގައި ބަތަލާ ދީޕިކާ ޕަޑުކޯން ވަނީ އޭނާގެ އަމިއްލަ ސްކިން ކެއާ ބްރޭންޑް 82އީ ލޯންޗުކޮށްފައެވެ.
ދީޕިކާ ވަނީ އެ ބްރޭންޑް އިސްތިހާރު ކުރުމަށް ގިނަ ވީޑިއޯސްތައް ހަދައި ފޭނުންނާ ވާހަކަ ވެސް ދައްކާ ހަދައިފައެވެ. ނަމަވެސް މިހާރު އެ ބްރޭންޑަށް މިވަނީ ފޭނުންގެ ފަރާތުން ފާޑުކިޔުން އަމާޒުވާން ފަށައިފައެވެ. އެމީހުން ބުނާ ގޮތުގައި ޕްރޮޑަކްޓްސްތައް އޭގެ ޒާތުގައި މާ އާދައިގެ ކަމަށާއި ނަމަވެސް އޭގެ އަގު މާބޮޑު ކަމަށެވެ.
އެ ކުންފުނިން ވިއްކާ 15 މިލިލީޓަރުގެ "އަންޑާ އައި ކްރީމް" ވިއްކަނީ އިންޑިއާގެ 2400 ރުޕީސްއަށެވެ. އެއީ ވެބްސައިޓުގައި ހުރި ޕްރޮޑަކްޓްސްތަކުގެ ތެރެއިން ވެސް އެންމެ އަގުބޮޑު އެއް ޕްރޮޑަކްޓްއެވެ.
އެކަމާ ގުޅިގެން ސީއެންބީސީ ޓީވީއަށް ދިން އިންޓަވިއުގައި ދީޕިކާ ބުނި ގޮތުގައި އޭނާ ވަކި އަގެއްގައި ޕްރޮޑަކްޓެއް ވިއްކާ ކަމަށް ވާނަމަ، އެ އަގުގައި އެ ޕްރޮޑަކްޓް އޭނާ ވެސް ދަނީ ބޭނުން ކުރަމުން ކަމަށެވެ.
އޭނާ އިތުރަށް ބުނިގޮތުގައި ފާއިތުވި އެއް އަހަރު ކާމިޔާބު ބްރޭންޑެއްގެ ގޮތުގައި އެމީހުންނަށް އާދެވިފައިވަނީ އެންމެ ފުރަތަމަ ދުވަހުން ފެށިގެންވެސް ގަވައިދުން ރަނގަޅަށް ކަންކަން ކުރެވެމުންދާތީ ކަމަށާއި އެކަން ކުރިއަށް އޮތް ތަނުގައިވެސް ކުރަމުންދާނެ ކަމަށެވެ.
ފާޑުކިޔުންތަކާއި ޓްރޮލްތަކަކީ ތަރިއެއްގެ ވެސް ދިރިއުޅުން ކަމަށާއި އެހެންކަމުން ކުރިއަށް ބަލައި، ރަނގަޅު ނިޔަތުގައި، ތެދިވެރިކަމާއެކު ކުރަން ބޭނުންވާ ކަންކަން ކުރުމުގައި ފަހަތަށް ނުޖެހި ހުރުމުން އެކަހަލަ އަޑިގުދަންތަކުން އަރައިގަނެވޭނެ ކަމަށް ދީޕިކާ ވަނީ ބުނެފައެވެ.
82އީ ގެ ހުރިހާ ޕްރޮޑަކްޓްސްތަކެއްވެސް އެންމެ ފުރަތަމަ ބޭނުން ކުރަނީ ދީޕިކާ ކަމަށްވެސް އޭނާ ބުނިއެވެ. އެއީ ޕްރޮޑަކްޓްތަކުގެ ކްލިނިކަލް އަދި ހަމުގެ ޓެސްޓުތަކަށްވުރެންވެސް ކުރިންނެވެ.
"އަހަރެން އެއް ހަފުތާ ނުވަތަ ބައެއް ފަހަރު މަސް ވަންދެންވެސް އެ ޕްރޮޑަކްޓްސްތައް ބޭނުން ކުރަން. އަހަރެންގެ ފީޑްބެކާއެކު ފެހި ސިގްނަލް ލިބެނީ ކުލިނިކަލް ޓްރައިލްސްއަށް ފޮނުވަންވެސް،" ދީޕިކާ ބުންޏެވެ.
ފިލްމީ ދާއިރާއިން ދީޕިކާ އެންމެ އަވަހަށް ދެން ފެނިގެންދާނީ ސިދާތް އާނަންދުގެ ފިލްމު "ފައިޓާ" އިންނެވެ. އެ ފިލްމުގައި އޭނާއާއެކު ލީޑުން ރިތިކް ރޯޝަން އަދި އަނިލް ކަޕޫރުވެސް ފެނިގެންދާނެއެވެ. އެންމެ ފަހުން އޭނާ ފެނިގެންގޮސްފައިވަނީ ޝާހުރުކް ޚާނާއެކު ފިލްމު ޖަވާން އިންނެވެ.
ލައިފް ސްޓައިލް
ލައިފް ސްޓައިލް
ލައިފް ސްޓައިލް
ލައިފް ސްޓައިލް