ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު، ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރޭޝަން ބޯޑް (ޕީސީބީ) އަށް ހަސަން މުގުނީ އައްޔަންކޮށްފިއެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުގައި ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ (ސްޓެލްކޯ)ގެ ކުރީގެ މެނޭޖިން ޑިރެކްޓަރުކަން ކުރެއްވި މުގުނީ ވަނީ އެ ސަރުކާރުގައި އެންވަޔަރަމެންޓް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރުކަންވެސް ކުރެއްވި ބޭފުޅެކެވެ.

ރައީސް ވަނީ އިއްޔެ ޕީސީބީއަށް ތިން މެންބަރަކާއި ރައީސަކުވެސް އައްޔަން ކުރައްވައިފައެވެ. ޕީސީބީގެ ރައީސަކަށް އައްޔަން ކުރައްވާފައިވަނީ ފިއުލް ސަޕްލައި މޯލްޑިވްސްގެ ކުރީގެ މެނޭޖިން ޑިރެކްޓަރުކަން މީގެ ކުރިން އަދާކުރައްވާފައިވާ ހަމްދީ އަގީލެވެ.

ޕީސީބީ ބޯޑުގައި ތިބެނީ ޖުމުލަ ހަތް މެންބަރުންނެވެ. ނަމަވެސް ދައުރު ހަމަވުމާ ގުޅިގެން މިދިޔަ ސެޕްޓެމްބަރު މަހު އެ ބޯޑުގެ އޭރުގެ ރައީސްގެ މަގާމުގައި ހުންނެވި އާސިމް މުހައްމަދާއި ބޯޑު މެންބަރު އަލީ ޝަފީއުއާއި ބޯޑު މެންބަރު ރުޝާހާ އަހުމަދު ވަނީ ބޯޑުން ވަކިވެފައެވެ.

އެހެންވެ ބޯޑަށް މެންބަރުން ހަމަނުވެގެން ސަރުކާރުގެ ކުންފުނިތަކަށް މެނޭޖިން ޑިރެކްޓަރުން ވަނީ އައްޔަން ނުކުރެވިއެވެ.