ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް) ގެ ސެނެޓާގެ މަގާމުގައި ހުރި މުހައްމަދު މަލީހު ޖަމާލް ޕާޓީގެ ހަރަކާތްތަކުން ސަސްޕެންޑު ކޮށްފިއެވެ.

ޕީޕީއެމްގެ ނައިބު ރައީސުން އަހުމަދު ޝިޔާމްއާއި ގައްސާން މައުމޫން ސޮއިކުރައްވައި މިއަދު މަލީހަށް ފޮނުއްވި ސިޓީގައި ވިދާޅުވީ ޕާޓީގެ ސެނެޓާއެއްގެ މަގާމުގައި ހުންނަވައިގެން މަލީހު އިސްވެ ޕާޓީ ބަދުނާމުކޮށް ބައިބައިކުރުމުގެ މަސައްކަތެއް ކުރައްވަމުން ގެންދަވާކަން ޕާޓީގެ ލީޑާޝިޕަށް ފާހަގަވެފައިވާ ކަމަށެވެ.

އެގޮތުން ޕާޓީގެ ސެނެޓަށް އެނގުމެއް ނެތި ކޮމިޓީތައް ހައްދަވައިގެން ޕާޓީގެ އަސާސީ ގަވާއިދާ ހިލާފަށް، ލީޑާޝިޕް ނުވަތަ ސެނެޓުގެ އެއްވެސް މަޝްވަރާއެއް ނުހޯދައި ޕާޓީގެ ނަމުގައި ނޫސްވެރީންގެ ބައްދަލުވުމެއް ބާއްވައި ޕާޓީގެ އަސާސްތަކާ ހިލާފަށް ޕާޓީ ބަދުނާމުކޮށް ބައިބައި ކުރުމުގެ މަސައްކަތެއް ކުރައްވަފައިވާ ކަމަށެވެ.

އެ ސިޓީގައި އިތުރަށް ބުނީ އެ ސަބަބުތަކާ ގުޅިގެން ޕާޓީގެ ހަރަކާތްތަކުން މަލީހު ސަސްޕެންޑުކޮށް، އޭނާގެ މައްސަލަ ޕާޓީގެ ސުލޫކީ ކޮމިޓީއަށް ފޮނުވާފައިވާ ކަމަށެވެ. އަދި ކޮމެޓީން ގޮތެއް ނިންމަންދެން ޕާޓީގެ އެއްވެސް ހަރަކާތެއްގައި ބައިވެރިގެން ނުވާނެކަން އޭނާއަށް ވަނީ އަންގައިފައެވެ.

ޕީޕީއެމް ހިންގަން، ކުރީގެ ރައީސް އަބްދުﷲ ޔާމީނު ނެންގެވި ކަމަށް ބުނާ ސްޓިއަރިން ކޮމެޓީއަކުން ރޭ ކުއްލި ނޫސްވެރިންގެ ބައްދަލުވުމެއް ބާއްވާފައި ވެއެވެ. އެ ސްޓިއަރިން ކޮމިޓީގައި އިސްކޮށް ތިއްބެވީ ކުރީގެ ކޮމިޝަނާ ޖެނެރަލް އޮފް ކަސްޓަމްސް އައްބާސް އާދިލު ރިޒާ އާއި ކުރީގެ މިނިސްޓަރު މުހައްމަދު މަލީހް ޖަމާލެވެ.