ވަގުތީގޮތުން ހަނގުރާމަ ހުއްޓާލަން އިޒްރޭލުން އެއްބަސްވެއްޖެއެވެ.
ރިޕޯޓުތައް ބުނާގޮތުން، އިޒްރޭލާއި ހަމާސްއާ ދެމެދު ހަނގުރާމަ ހުއްޓާލުމުގެ ޑީލް މީޑިއޭޓް ކުރީ ގަތަރުންނެވެ. އެކަމާ ގުޅޭގޮތުން ބަހުސްކުރުމަށް ބޭއްވި އިޒްރޭލުގެ ކެބިނެޓު ބައްދަލުވުމުގައި މިނިސްޓަރުންގެ މެދުގައި މައްސަލަ ހޫނުވި ކަމަށް އިޒްރޭލުގެ މީޑިއާތަކާ ހަވާލާދީ ރިޕޯޓުކޮށްފައި ވެއެވެ.
ނަމަވެސް ހަނގުރާމަ ހުއްޓާލަން އެއްބަސްވުމަކަށް ދާން ކެބިނެޓުން ފާސްކޮށްފައިވާ ކަމަށް އިޒްރޭލުގެ ސަރުކާރުން ނެރުނު ބަޔާނެއްގައި ކަށަވަރުކޮށްދީފައިވެއެވެ. އެ އެއްބަސްވުމުގެ ދަށުން، ހަމާސްއިން ރަހީނުކޮށްފައި މީހުންގެ ތެރެއިން 50 މީހުން ދޫކޮށްލަން ހަމަޖެހިފައިވާ ކަމަށް އެ ބަޔާނުގައި ވެއެވެ. އިޒްރޭލުގެ ބަޔާނުގައި ބުނީ ހަމާސްއިން ރަހީނުކޮށްފައި ތިބި އެންމެން ސަލާމަތް ކުރުމަކީ އެ ސަރުކާރުން އެންމެ އިސްކަންދޭ ކަންތައް ކަމަށާއި، މިއީ އެކަމަށް އެޅޭ ފިޔަވަޅެއް ކަމަށެވެ.
އެއްބަސްވުމާ ގުޅިގެން ހަމާސްއިންވެސް ބަޔާނެއް ނެރެފައި ވާއިރު ހަމާސްއިން ބުނީ ރަހީނުކޮށްފައި ތިބި މީހުން ދޫކޮށްލަނީ އިޒްރޭލުން ހައްޔަރުކޮށްފައިވާ ފަލަސްތީނުގެ މީހުންގެ ތެރެއިން 150 މީހުން ދޫކޮށްލުމުން ކަމަށް އެއްބަސްވުމުން ކަމަށެވެ. ދެފަރާތުން ދޫކޮށްލަން ހަމަޖެހިފައިވާ މީހުންގެ ތެރޭގައިވެސް އަންހެނުންނާއި ކުޑަކުދީން ހިމެނެއެވެ.
ހަނގުރާމަ ހުއްޓާލާފައި އޮންނަ ދުވަސްވަރު، އިޒްރޭލުގެ އަސްކަރީ އެއްވެސް އޮޕަރޭޝަނެއް ގާޒާގައި ނުހިންގޭނެ ކަމަށާއި ގާޒާއަށް ބޭނުންވާ އިންސާނީ އެހީގެ އެތައް ސަތޭކަ ޓްރަކް ވައްދަން އެއްބަސްވެފައިވާ ކަމަށްވެސް ހަމާސްއިން ބުނެފައި ވެއެވެ. އޭގެ ތެރޭގައި ސިއްހީ ސާމާނާއި ކާބޯތަކެތީގެ އިތުރުން ތެޔޮވެސް ހިމެނެއެވެ.
ވަގުތީ ގޮތުން ހަނގުރާމަ ހުއްޓާލަނީ ކިތައް ދުވަހަށް ކަމެއް އަދި ސާފެއް ނުވެއެވެ.
އިޒްރޭލުގެ ހަމަލާތަކުގައި ގަޒާއިން މިހާތަނަށް 14000 އަށްވުރެ ގިނަ މީހުން މަރުވެފައިވާ ކަމަށް ގާޒާގެ ކަމާބެހޭ އިދާރާތަކާ ހަވާލާދީ ރިޕޯޓުކޮށްފައި ވެއެވެ. އެ ހަމަލާތަކުގެ ސަބަބުން ގާޒާގެ އިމާރާތްތަކުގެ ބޮޑު ޕަސަންޓެއް ސުންނާފަތި ވެފައިވާއިރު، މުޅި އާބާދީހެން ވަނީ މަގުމަތިވެފައެވެ.
ހަމާސްގެ ހަމަލާތަކުގައި އިޒްރޭލުން މިހާތަނަށް 1،200 މީހަކު ވަނީ މަރުވެފައެވެ.
ދުނިޔެ
ދުނިޔެ
ދުނިޔެ
ދުނިޔެ