ސަރުކާރާ އަމިއްލަ ފަރާތްތަކާ ދެމެދު ވެފައިވާ އެއްބަސްވުންތަކާ ގުޅިގެން އުފެދިފައިވާ މައްސަލަތައް ހައްލުކޮށް، ގެއްލުމުގެ ބަދަލު ދިނުމަށް އުފައްދާފައިވާ ސެޓްލްމަންޓް ކޮމިޓީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މިއަދު އުވާލައްވައިފިއެވެ.
ރައީސް އެ ކޮމިޓީ އުވާލެއްވީ، ސަރުކާރާ އަމިއްލަ ފަރާތްތަކާ ދެމެދު ވެފައިވާ އެއްބަސްވުންތަކާ ގުޅިގެން އުފެދިފައިވާ މައްސަލަތައް ހައްލުކުރުމުގައި އަމަލުކުރާނެ ގޮތުގެ އުސޫލު" ގެ ނަމުގައި 28 ނޮވެމްބަރު 2022 އިން ފެށިގެން އަމަލުކުރަމުން ގެންދަނީ، ގާނޫނީ އޮނިގަނޑެއްނެތި އަދި ގާނޫނީ ބާރެއްނެތި އެކުލަވާލާފައިވާ އުސޫލަކަށް ކަމަށް ބަންޑާރަ ނައިބު އަހުމަދު އުސާމް ރައީސަށް އެރުއްވި ލަފައަށް ރިއާޔަތްކުރައްވައެވެ.
އެ ލަފާގައި ބަންޑާރަ ނައިބު ވަނީ އެ އުސޫލުގެ ދަށުން މައްސަލަތައް ހައްލުކުރުމުގެ ނަމުގައި އެކި ފަރާތްތަކަށް މާލީ ބަދަލުތައް ދިނުން ފަދަ ކަންކަން ދައުލަތުގެ ބަންޑާރަ ނައިބުގެ އޮފީހުގެ އެއްވެސް ބައިވެރިވުމެއް ނެތި، އަދި އެއްވެސް ލަފައެއްވެސް ނެތި ކުރިއަށް ގެންދިޔައީ، ގާނޫނުއަސާސީގެ 133 ވަނަ މާއްދާގެ (ނ) އާ ހިލާފަށްކަން ފާހަގަކުރައްވައިފައެވެ.
އަދި ޝަރުއީ މަރުހަލައިގައި މައްސަލަ ކުރިއަށް ދަނިކޮށް، ބަންޑާރަ ނައިބު އޮފީހުގެ އެއްވެސް ލަފައެއް ހޯދުމެއް ނެތި، ކޯޓުން ބޭރުގައި އެ އުސޫލުގެ ދަށުން ފަސް މައްސަލައެއް ހައްލުކޮށްފައިވާކަންވެސް ބަންޑާރަ ނައިބު ފާހަގަކުރައްވާފައިވެއެވެ.
އެ މައްސަލަތައް ކޯޓުން ބޭރުގައި ނިންމާފައިވަނީ، ބަންޑާރަ ނައިބުގެ ފަރާތްޕުޅުން ޝަރުއީ މަރުހަލާގައި ފާހަގަކުރައްވަމުން ގެންދެވި ނުކުތާތަކަށްވެސް ރިއާޔަތްކުރެއްވުމަކާ ނުލައި، އަދި އެ މައްސަލަތަކުގައި ދިނުމަށް ފެންނަ ބަދަލާ ގުޅޭގޮތުން އޮޑިޓާ ޖެނެރަލް ދެއްވާފައިވާ ރައުޔާވެސް ހިލާފަށްކަމަށްވެސް އޭނާ ވިދާޅުވެފައިވެއެވެ.
"އަދި މި އުސޫލަކީ އެއްވެސް އިންސާފެއް ހަމަހަމަކަމެއް ނެތި، ތައައްސުފީކޮށް އަމަލުކުރުމަށް މަގުފަހިވާ އުސޫލެއް ކަމަށާއި، މި އުސޫލު ގާނޫނު އަސާސީގެ 271 ވަނަ މާއްދާއާ ހިލާފުކަމަށްވެސް ބަންޑާރަ ނައިބު ދެއްވި ލަފާގައިވެއެވެ." ރައީސް އޮފީހުން ބުންޏެވެ.
ސެޓްލްމަންޓް ކޮމިޓީ މިއަދު އުވައިލެއްވި އިރު، އެ ކޮމިޓީއިން ވަނީ އެކި ފަރާތްތަކަށް ބަދަލުގެ ގޮތުގައި 225 މިލިއަނަށް ވުރެ ގިނަ ރުފިޔާ ދިނުމަށް 17 ނޮވެމްބަރު 2023 ގެ ކުރީން ނިންމައިފައެވެ. އަދި ފައިސާގެ އިތުރުން ދޭން ކަނޑައެޅި ހަރުމުދަލާ ރަށްރަށާއި ފަޅުފަޅު ފަދަ ތަންތަން އަގުމަގުކުރުމުން، އެކި ފަރާތްތަކަށް ބަދަލުގެ ގޮތުގައި އެއް ބިލިއަން ރުފިޔާގެ އަގުހުރި ހަރުމުދަލާއި ފައިސާ ދައުލަތުގެ މިލްކިއްޔާތުގެ ތެރެއިން ދޭން އެ ކޮމެޓީން ނިންމާފައިވާނެ ކަމަށް އަންދާޒާކުރެވޭ ކަމަށް ރައީސް އޮފީހުން ބުންޏެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު