މެންބަރުން އިތުރުކުރުމުގެ މަސައްކަތް ކުރުމަށް ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ)ގެ ވަކި އޮފީހެއް ހުޅުވައިފިއެވެ.
ޕީއެންސީން މީގެ ކުރިން މަސައްކަތް ކުރަމުން ދިޔައީ ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް) އާ އެއް އޮފީހެއްގައެވެ. ނަމަވެސް މިހާރު ޕީއެންސީގެ އޮފީހެއް، ރިޔާސީ އިންތިހާބުގައި އެ ޕާޓީގެ ކެމްޕޭނު ޖަގަހައިގެ ގޮތުގައި ބޭނުންކުރި ދޮންމަނިކު ސްކައިވިއުގެ ތިރީ ފަންގިފިލާގައި ވަނީ ގާއިމްކޮށްފައެވެ.
އެކަމާ ގުޅިގެން "ވަން" އަށް މައުލުމާތު ދެއްވަމުން ޕީޕީއެމްގެ ސެކެޓްރީ ޖެނެރަލް މުހައްމަދު ތޮލާލް ވިދާޅުވީ ޕީއެންސީގެ އޮފީސް ޕީޕީއެމްގެ އޮފީހާ މުޅިން ވަކިކުރީ ނޫން ކަމަށެވެ. ނަމަވެސް ޕީއެންސީއަށް މެންބަރުން އިތުރުކުރުމުގެ މަސައްކަތް ކުރަމުން ދާތީ އެ މަސައްކަތަށް ޕީޕީއެމްގެ އޮފީހުގެ ޖާގަ ކުޑަވުމުން އިތުރު އޮފީހެއް ގާއިމު ކުރީ ކަމަށް ވިދާޅުވިއެވެ.
"ޕީއެންސީން ދަނީ އެ ޕާޓީއަށް 20،000 މެންބަރުން އިތުރު ކުރުމުގެ މަސައްކަތް ކުރަމުން، ދުވަސްކޮޅެއް ވެއްޖެ އެތަނުގައި އެ މަސައްކަތް ކުރާތާ،" ތޮލާލް ވިދާޅުވިއެވެ.
ޕީޕީއެމްއަށް މެންބަރުން އިތުރުކުރުމުގެ މަސައްކަތް ކުރަނީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ އެދިލެއްވުމުގެ މަތިން ކަމަށް ޕީއެންސީގެ ޗެއާޕާސަން އަބްދުއްރަހީމް އަބްދުﷲ މީގެ ކުރިން "ވަން" އަށް މައުލޫމާތު ދެއްވާފައިވެއެވެ.
އެގޮތުން އަބްދުއްރަހީމް އޭރު ވިދާޅުވީ މުއިއްޒު އެގޮތަށް އެގޮތަށް އެންގެވީ ޕީޕީއެމްއަކީ މެންބަރުން މަދު ޕާޓީއަކަށް ވާތީ، ހުވާ ކުރެއްވުމުގެ ކުރިން ޕާޓީ އުވާލާނެ ކަމަށް ވިސްނަވާފައި އެފަދަ ކަމެއް ވިޔަ ނުދިނުމަށް ކަމަށެވެ.
ޕީއެންސީއަށް މެންބަރުން އިތުރު ކުރުމަށް ޕީޕީއެމުން މެންބަރުން ގެންނަ ކަމަށްވެސް ތުހުމަތުކޮށްފައި ވެއެވެ. ނަމަވެސް ޕީއެންސީއަށް އަލަށް ގެންނަ މެންބަރުންނަކީ ޕީޕީއެމްގެ ދަފުތަރުގައި ތިބި މެންބަރުންނަށް ވެގެން ނުވާނެ ކަމަށް ރައީސް މުއިއްޒު އެންގެވި ކަމަށް އަބްދުއްރަހީމް އޭރު ވިދާޅުވިއެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު