ރޭ ހުޅުމާލޭގައި ހިނގި އެކްސިޑެންޓުގައި ސީރިއަސް އަނިޔާތަކެއްވި ދެ މީހަކަށް އެޑީކޭގައި ފަރުވާ ދެމުން އެބަ ދެއެވެ.

ހުޅުމާލޭ ސެންޓްރަލް ޕާކް ކައިރީގައި ކާރަކާއި ތިން ސައިކަލު ޖެހި ރޭ ހިނގި އެކްސިޑެންޓުގައި 4 މީހަކަށް އަނިޔާވިއެވެ. އެއީ 2 އަންހެނުންނާއި 2 ފިރިހެނުންނެވެ. އެމީހުންނަށް ފަރުވާ ދިނުމަށް ރޭ ގެންދިޔައީ ހުޅުމާލޭ ހޮސްޕިޓަލަށެވެ.

އަނިޔާވި މީހުންގެ ތެރެއިން އަންހެނަކާއި ފިރިހެނެއްގެ ހާލު ސީރިއަސް ކަމަށް ރޭ ފުލުހުން ބުންޏެވެ. އެ ދެމީހުންނަށް މިހާރު ފަރުވާ ދެމުން އަންނަކީ އޭޑީކޭ ހޮސްޕިޓަލުގައެވެ. އެ ހޮސްޕިޓަލުގެ މެނޭޖިން ޑައިރެކްޓަރު އަހުމަދު އައްފާލް "ވަން" އަށް މިއަދު ވިދާޅުވީ އެގެ ތެރެއިން އެކަކަށް ފަރުވާ ދެމުން އަންނަނީ އައިސީޔޫގައި ކަމަށެވެ. ދެވަނަ މީހާއަށް އެޗްޑީޔޫގައި ފަރުވާ ދެމުން އަންނަ ކަމަށް ވިދާޅުވިއެވެ.

ނަމަވެސް އެ ދެމީހުންނަށް ލިބުނު އަނިޔާގެ ތަފްސީލެއް ހިއްސާއެއް ނުކުރައްވައެވެ.

އެ އެކްސިޑެންޓުގެ މައްސަލަ ފުލުހުން އަންނަނީ ތަހުގީގު ކުރަމުނެވެ.