ޚަބަރު

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރަކަށް އާމިރު، ފޮރިން މިނިސްޓްރީގެ ސްޓޭޓަކަށް ފަހުމީ

ސްޕޯޓްސް، ފިޓްނަސް އެންޑް ރެކްރިއޭޝަން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރަކަށް އިބްރާހިމް އާމިރު (ސަލްސާ) އަދި ފޮރިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރަކަށް މުހައްމަދު ފަހުމީ ހަސަން ހަމަޖައްސަވައިފިއެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒު އެ ބޭފުޅުން އެ މަގާމަށް ހަމަޖެއްސެވީ ރައީސް އޮފީހުގައި މިއަދު ބޭއްވި ރަސްމިއްޔާތުގައެވެ.

ފަހުމީއަކީ ސިވިލް ސާވިސް ކޮމިޝަން (ސީއެސްސީ)ގެ ކުރީގެ ރައީސެވެ. އޭގެ އިތުރުން ކުރިން މެލޭޝިއާގެ ހައި ކޮމިޝަނަރުކަމުގެ މަގާމާއި ގިނަ ސްކޫލުތަކެއްގެ ޕްރިންސިޕަލުކަމުގެ މަގާމު އަދާކުރެއްވިއެވެ.

އާމިރަކީ، ރާއްޖޭގެ ފުރަތަމަ ޑިވިސަނުގެ ބައެއް ކުލަބުތަކަށް މީގެ ކުރިން ކުޅުނު ކުޅުންތެރިއެކެވެ. އޭނާ ވަނީ ގައުމީ ޓީމުގެ މެނޭޖަރުކަންވެސް ކުރައްވާފައެވެ. އެގޮތުން 19 އަހަރުން ދަށުގެ ގައުމީ ޓީމާއި 23 އަހަރުން ދަށުގެ ގައުމީ ޓީމާއި ސީނިއާ ގައުމީ ޓީމުގެ މެނޭޖަރުކަން ކުރެއްވިއެވެ.

ފީފާގެ އެންގުމަށް 2008 ގައި އެފްއޭއެމް އިންތިހާބުކުރަން، އެކުލަވާލި އިންޓަރިމް ކޮމިޓީގައިވެސް އާމިރު މަސައްކަތް ކުރެއްވިއެވެ.

ރާއްޖޭގެ ފުޓުބޯޅަ ރިފޯމް ކުރަން ފެށި "ސޭވް އެފްއޭއެމް" ކެމްޕޭން ލީޑް ކުރައްވަނީވެސް އޭނާއެވެ.