ގާޒާގެ އަލް ޝިފާ ހޮސްޕިޓަލުގައި ތިބި ދުވަސްނުފުރައި ވިހެއި 31 ކުއްޖަކު ގާޒާގެ ދެކުނުގައި ހުރި ހޮސްޕިޓަލަކަށް ގެންގޮސްޕިއެވެ.

އިޒްރޭލުން ގާޒާއަށް ދެމުންދާ ހަމަލާތަކުގެ ތެރެއިން ގާޒާގެ އަލް ޝިފާ ހޮސްޕިޓަލު ވަށާލައި، ހޮސްޕިޓަލަށް ކަރަންޓު ލިބޭ ޖަނަރޭޓަރުތަކާއި ސޯލާ ޕެނަލްތައް ހަލާކުކޮށްލުމާ ގުޅިގެން އެ ހޮސްޕިޓަލުގައި ތިބި މީހުން ތިބީ ކަނު އަނދިރީގައެވެ. އައިސީޔޫގައި ފަރުވާ ހޯދަމުން ދިޔަ ގިނަ ބަޔަކުވެސް ކަރަންޓު ކެނޑުމާ ގުޅިގެން މަރުވެފައިވާއިރު، ދުވަސްނުފުރައި ވިހެއި ކުދީންގެ ވޯޑުގައި އޭރު ތިބި 39 ކުޑަކުދިންގެ ތެރެއިން 3 ކުއްޖަކުވެސް އެ ދުވަހު މަރުވިއެވެ.

ގާޒާ ހޮސްޕިޓަލު ވަށާލައިގެން އިޒްރޭލު ސިފައިން ތިބޭތާ ހަފުތާއެއް ވީއިރު، އެ ކުޑަކުދީންނަށް އޮތް ނުރައްކާ އިންތިހާއަށް ބޮޑުވަމުން ދިއުމާ ގުޅިގެން އެ ކުދީން އެހެން ހޮސްޕިޓަލަކަށް ބަދަލުކުރުމަށް ހޮސްޕިޓަލުންނާއި ދުނިޔޭގެ ސިއްހަތު ޖަމިއްޔާ އަދި އިންސާނީ ހައްގުތަކަށް މަސައްކަތް ކުރާ ޖަމިއްޔާތަކުން ދިޔައީ ގޮވައިލަމުންނެވެ. ނަމަވެސް އެ ކުދީން އެހެން ހޮސްޕިޓަލަކަށް ގެންދާނެ ފުރުސަތެއް ފަހިވެފައި ނުވާތީ އިތުރު 5 ކުއްޖަކު މަރުވިއެވެ.

އެންމެ ފަހުން، ހަފުތާއަކަށްވުރެ ގިނަ ދުވަސް ވީ ފަހުން އެ ފުރުސަތު ފަހިވުމުން ފަލަސްތީނުގެ ރެޑްކްރެސެންޓް ޖަމިއްޔާއިން ވަނީ އެ 31 ކުދީން ގާޒާގެ ދެކުނުގައި ހުންނަ ހޮސްޕިޓަލަކަށް ގެންގޮސްފައެވެ. އެ ކުދީން އެ ހޮސްޕިޓަލަށް ގެންދިޔައީ މިސްރަށް ގެންދިއުމަށް ކަމަށް ރިޕޯޓުތައް ބުނެއެވެ.

ބައެއްް މީޑިއާތަކުން ރިޕޯޓުކޯށްފައިވާ ގޮތުން އެ ކުދީންގެ ހާލު ދެރައެވެ. އަދި އަވަސް ފަރުވާ ބޭނުންވާނެއެވެ.

އިޒްރޭލުގެ ހަމަލާތަކުގައި ގާޒާއިން މިހާތަނަށް 13،000 މީހުން ވަނީ މަރުވެފައެވެ. އޭގެ ތެރޭގައި ގިނައީ ކުޑަކުދިންނާއި އަންހެނުންނެވެ.