ސަރުކާރުގެ ވަޒީރުންގެ ގެ އާއި ކާރުގައި ދިވެހި ގައުމީ ދިދަ ނަގާފައި ބަހައްޓަން ޖެހޭ ގޮތަށް ރައީސުލްޖޫމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ނިންމަވައިފިއެވެ.

ރައީސް އޮފީހުގައި މިއަދު ހަވީރު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެ އޮފީހުގެ ޕަބްލިކް ޕޮލިސީ އަންޑަސެކްރެޓަރީ މުހައްމަދު ފިރުޒުލް ވިދާޅުވީ ރައީސް މުއިއްޒު، އެމަނިކުފާނުގެ އިފްތިތާހީ ތަގުރީރުގައި ވެސް ފާހަގަކުރެއްވި އެންމެ މުހިންމު އެއް ނުކުތާއަކީ ދިވެހި ދިދައަށް އޮތް ގަދަރު އަލުން އިއާދަކުރައްވާނެ ވާހަކަ ކަމަށާއި އެމަނިކުފާނުގެ ވިސްނުންފުޅަކީ ދިވެހި ދިދައަކީ ގައުމެއްގެ ގޮތުގައި އަދި ދައުލަތެއްގެ ގޮތުގައި ދިވެހި ރައްޔިތުން ރަމްޒުކޮށްދޭ އެންމެ މަތިވެރި ނިޝާން ކަމަށެވެ.

"އޭގެ އެންމެ މައިގަނޑު އެއް ނިންމުމެއްގެ ގޮތުން އިފްތިތާހީ ތަގުރީރުގައި ވެސް ފާހަގަކުރެއްވި ފަދައިން ނިންމަވާފައިވޭ ސަރުކާރުގެ ރަސްމީ އިދާރާތަކުގައި 24 ގަޑިއިރު ދިވެހި ދިދަ ނަގާފައި ބެހެއްޓުމަށް. އަދި ހަމައެއާއެކު އޭގެ އިތުރަށް ނިންމަވާފައިވޭ ސަރުކާރުގެ ވަޒީރުންގެ ގެކޮޅުތަކުގައި ވެސް ދިވެހި ދިދަ ނަގާފައި ބެހެއްޓުމަށް. މީގެ އިތުރަށް ވަޒީރުންގެ ކާރުކޮޅުތަކުގައި ވެސް ވަޒީރުން ތިއްބަވާ ވަގުތުތަކުގައި ދިވެހި ދިދަ ވިހުރިލާ ވިހުރިލާ ހުންނާނެކަން އަޅުގަނޑު ފާހަގަކުރަން ބޭނުން،" އޭނާ ވިދާޅުވިއެވެ.

ފިރުޒުލް ވިދާޅުވީ އެ ހުރިހާ ނިންމުންތަކެއްގެ މަގުސަދަކީ އަދި ބޭނުމަކީ ދިވެހި ދިދަ މުޖުތަމައުގައި ބޭނުންކުރެވޭ މިންވަރު އިތުރުކޮށް، އެ ދިދައަށް އޮތް ޝަރަފާއި ކަރާމާތް އިތުރުކުރުން ކަމަށާއި އޭގެ ތެރެއިން ގައުމިއްޔަތު ދިރުވައި އާލާކޮށް، ދިވެހިވަންތަ ޝަހުސިއްޔަތު ކުރިއަށް ނެރެ، އަމިއްލަވަންތަ ކަމަށްޓަކައި ފަހުރުވެރިވާ ޖީލެއް ބިނާކުރުމަށް ކުރަންޖެހޭ މަސައްކަތްތައް ކުރުން ކަމަށެވެ.

ވެރިކަމަށް ވަޑައިގެންނެވުމަށްފަހު ރައީސް މުއިއްޒު ފުރަތަމަ ނިންމެވި ނިންމެވުމަކީ ވެސް ގައުމީ ދިދަ ހަވީރު 6:00 ގެ ފަހުން ވެސް ތިރިނުކޮށް ބެހެއްޓުމަށެވެ. އޭގެ އިތުރުން ހުވާކުރެއްވުމުގެ ރަސްމިއްޔާތުގައި ވެސް އެމަނިކުފާނުގެ ވާހަކަފުޅު ނިންމަވައިލެއްވީ ދިވެހި ގައުމީ ދިދައާ މުހާތަބު ކުރައްވަމުންނެވެ.

"އޭ ދިވެހީންގެ ފަހުރުވެރި ގައުމީ ދިވެހި ދިދަޔާ! ތިބާދެކެ އަޅުގަނޑު އިންތިހާޔަށް ލޯބިވަން! ތިޔަ ހެލިލުމާއި ވިހުރިލުމުގެ މާނަތައް އިހުސާސް ކުރަން! ތިޔަ ދައްކައިދެނީ ގައުމު ދިފާއުކުރި މަތިވެރި ޝަހީދުންގެ ލޭފޮދު. ގައުމު ބިނާކުރި އެންމެހައި އަޖުދާދުންގެ ފެހި ރޯޝަން އުންމީދާއި ދިރުން! ދިވެހީންގެ ދެ ދުނިޔޭގެ ސަލާމަތް ކަމުގައިވާ މާތްވެގެންވާ އިސްލާމްދީނުގެ ކީރިތި މޫރިތިކަން! އެހެންވީމާ، އޭ ލޮބުވެތި ޝަރަފުވެރި ދިވެހި ދިދަޔާ! މިއަދު މިވަގުތުން ފެށިގެން އިރާދަކުރެއްވިއްޔާ، ތިޔަ އައުދާނަ ދިވެހި ދިދަޔަށް އިރު އޮއްސުން ނިމުނީ! މީގެ ފަހުން ތިޔަ ފަހުރުވެރި ދިދައަކީ، ރާއްޖޭގެ ކޮންމެ ރަށެއްގައިވެސް 24 ގަޑިއިރު ޝަރަފާއި އިއްޒަތާއެކު ވިހުރިވިހުރި ހުންނާނެ އެންމެ އިއްޒަތްތެރި ނިޝާން!،" ރައީސުލްޖުމްހޫރިއްޔާކަމުގެ ހުވާކުރެއްވުމަށްފަހު، ދިވެހި ދިދައަށް މުހާތަބު ކުރައްވައި ރައީސް މުއިއްޒު ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ އެ ދިވެހި ދިދަ ދިވެހި ރައްޔިތުންނާ މުހާތަބު ކުރާ ކަމަށާއި އެއީ މިނިވަންކަމުގެ ދިދަކަން ފާހަގަކުރައްވައި ރައީސް ވިދާޅުވީ، އެކަން ދައްކައިދިނުމަށްޓަަކައި އަތްވާއި ވާރޭގައި ރެޔާއިދުވާލު އެ ދިދަ ވިހުރޭ ކަމަށެވެ. އަދި އެކަމުން ބުނެދެނީ މިނިވަންކަން ދެމެހެއްޓުމުގައި ކުރަންޖެހޭ ހިތްވަރާއި ބަހައްޓަންޖެހޭ ސާބިތުކަމުގެ ވާހަކަ ކަމަށްވެސް ވިދާޅުވިއެވެ.

ރައީސް އިތުރަށް ވިދާޅުވީ، ދިވެހި ދިދައިގެ ކުލަތައް އެތުރިފައި ހުންނަ ވަކި މިންތަކާއި އިންތަކުން އެނގެނީ މިނިވަންކޮށް މުޖުތަމައެއް ނުވަތަ ގައުމެއް ބޭއްވޭނީ ހަމަތަކަކާއި އުސޫލުތަކެއް ހުރުމާއެކު ވަކި ގޮތަކަށް ތަރުތީބުވެގެން ވަކި އިންތިޒާމެއްގެ މަތީ އެ ބަޔަކު ތިބެގެން ކަމަށެވެ.

އެހެންކަމުން ދިވެހި ގައުމު ހަގީގީ ދިވެހި ގައުމަށް ވާނީ ދިވެހި މުޖުތަމައު ދިވެހީންގެ ހަގީގީ ސިފަތަކުން ގުޅިލާމެހި އެކުވެރިވެ، އެހީތެރިވެ، ރަނގަޅު ކަންކަން ދިރުވުމުގައްޔާއި ނުރަނގަޅު ކަންކަން އިސްލާހުކުރުމުގައި އެކަކު އަނެކަކަށް އެއްބާރުލުން ދީގެންކަން އެ ދިވެހި ދިދަ ހަނދާންކޮށްދޭ ކަމަށް ވިދާޅުވިއެވެ.