ރާވައިގެން ހިންގާ ގޭންގު ކުށްތަކާއި، ޑްރަގް މައްސަލަ ތަކުގެ އިތުރުން ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީންގެ މައްސަލައަކީ ރާއްޖޭގައި ޒަމާނުއްސުރެން ހައްލު ނުކުރެވި އޮތް ބޮޑު މައްސަލަތަކެކެވެ. އެ މައްސަލަތަކުގެ ސަބަބުން އިޖުތިމާއީ މައްސަލަތަކުގެ ބޮޑު ވަޅުގަނޑަކަށް ވެއްޓި، ރާއްޖޭގެ އިގްތިސޯދަށް ބޮޑެތި މައްސަލަތަކެއް ވަނީ ކުރިމަތިވެފައެވެ.

މަސްތުވާތަކެއްޗާއި ގޭންގު މާރާމާރީ ތަކުގައި ރާއްޖޭގެ ޒުވާން ޖީލު އިންތިހާއަށް ޖެހިފައިވާއިރު، ރާއްޖޭގެ އިގްތިސާދުގެ އެއްބައި ކަމަށްވާ އެންމެ ކުދި ވިޔަފާރިތަކާއި މެދުވިޔަފާރިތަކުން ފެށިގެން ރިއަލްސްޓްޓޭޓް ވިޔަފާރީގެ ބޮޑުބައެއް ކޮންޓްރޯލް ކުރަނީ ގަވާއިދާ ހިލާފަށް ރާއްޖޭގައި އުޅޭ ބިދޭސީންނެވެ.

ގައުމުގެ ހިންގުމާ ހަވާލުވާ ކޮންމެ ސަރުކާރަކުން ވެސް މި މައްސަލަ ހައްލުކުރުމަށް ބޮޑު އިސްކަމެއް ދޭނެ ކަމަށް ބުނެއެވެ. ނަމަވެސް މިހާތަނަށް އެ މައްސަލަތަކަށް އެދެވޭ ހައްލެއް ގެނަސްދެވިފައެއް ނުވެއެވެ.

މިދިޔަ ހުރު ދުވަހަކީ ރާއްޖޭގެ ހިންގުމާ އާ ސަރުކާރެއް ހަވާލުވީ ދުވަހެވެ. ގާނޫނީ ހުވައި ކުރެއްވުމަށްފަހު ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ގައުމާ މުހާތަބު ކުރައްވައި ދެއްވި އެންމެ ފުރަތަކަ ތަގުރީރުގައިވެސް އެތެރެ ހިމެނޭގޮތުން މުޅި ރާއްޖޭގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ކޮށްދެއްވުމަށް ވަނީ ވައުދުވެވަޑައިގެންފައެވެ. ރައީސްގެ އެ ވައުދުފުޅާ އެއްގޮތަށް އެކަން ތަންފީޒު ކުރެއްވުމުގެ މަސްއޫލިއްޔަތު އެޅިފައިވަނީ އާ ހޯމްލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޯލޮޖީ، މިނިސްޓަރު އަލީ އިހުސާންގެ އިސްތަށިފުޅުގައެވެ.

ދިވެހި ނޫސްވެރިންނާއެކު އިއްޔެ ބޭއްވި މަޝްވަރާ ބައްދަލުވުމުގައިވެސް މިނިސްޓަރު އިހްސާން ވަނީ އެކަން ފާހަގަ ކުރައްވައިފައެވެ. މިނިސްޓަރު ވިދާޅުވީ، އެ މަނިކުފާނުގެ މަސައްކަތްތަކުގެ ތެރޭގައި، ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ހާއްސަ ސަމާލު ކަމެއް ދެއްވައިގެން ހަވާލު ކުރައްވާފައިވާ ވަރަށް ކްލިއާ، ވަރަށް ސާފު ތިން މަސައްކަތެއް އެބައޮތް ކަމަށެވެ.

"ފުރަތަމަ ކަމަކީ ރާއްޖޭން ޑްރަގް މައްސަލަތައް އޭގެ އަސްލު ސެންޓެންސްގައި ބުނާ އަކުރާއި ފިއްޔާ ދިމާވާ ގޮތަށް ހައްލު ކުރުން، ދެވަނަ ކަމަކީ ރާއްޖޭގެ ގޭންގު ކުށްތައް ހުއްޓުވުން، ތިންވަނަ ކަމަކީ ދެކަފިވެފައި އޮންނަ ކަމެއް، ފުރަތަމަ ބަޔަކީ ބޭރު މީހުން ރާއްޖެއަށް ގަވާއިދާއި ގާނޫނާ ހިލާފަށް އެތެރެވާން ހުރި މަގުތައް ބަންދު ކުރުން، އޭގެ ދެވަނަ ބަޔަކީ ގާނޫނާ އެއްގޮތަށް ރާއްޖެއަށް އެތެރެވާ ބޭރު މީހާ ގާނޫނާ ހިލާފަށް ރާއްޖެ ތެރޭގައި އޮޕަރޭޓްކުރަން ފެށުން ހުއްޓުވުން، މި މައިގަނޑު ތިން ކަންތައް ޕްރިވެންޓް ކުރުމަށް އަޅުގަނޑު މިހާރު ހޯމް ސެކްޓާ ތަރުތީބު ކޮށްފަ އޮންނާނީ،" އިހުސާން ވިދާޅުވިއެވެ.

އާ މިނިސްޓަރުގެ ވިސްނުމުގައި، ދިވެހި މުޖުތަމައު އޮންނަން ޖެހޭ އަމާންކަމުގެ ތަސައްވުރު ވެސް ހިއްސާ ކުރެއްވިއެވެ.

މިނިސްޓަރު ވިދާޅުވީ، ބައެއްގެ ފުރައްސާރަ އާއި އުނދަގުލަކާ ނުލައި، އެމީހަކު ބޭނުންވާ މަގަކުން ބޭނުންވާ އިރަކު، ރައްކާތެރިކަމާއެކު ހިނގާފައި ނުދެވުމަކީ އެމީހަކަށް އޮތް ފުރިހަމަ މިނިވަންކަން ކަމަށް ގަބޫލު ނުކުރައްވާ ކަމަށެވެ.

"އާއްމު މީހަކު ގެއިން ނިކުމެގެން ކަނާތްފަރާތަށް ބަލާފައި ކަންމަތީ ފިހާރައަށް ދާން އޭނާ ވިސްނާއިރު، އޭނަ ހުރިތަނާއި ފިހާރައާ ދެމެދުން މި ފެންނަނީ ހަތަރު މީހުން، އެމީހުން ތިބެން ޖެހޭ އާއްމު ހާލަތަށްވުރެން ދެއަތަށް ޖެހި ފުލްކޮންޓްރޯލަކު ނޫން އެމީހުންގެ މައިންޑްސެޓްހުރީ، އެކަހަލަ މަންޒަރެއް ފެންނައިރަށް އެމީހާއަށް އެބަ އިހުސާސްވޭ، ރާއްޖޭގައި މިއޮތީ ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ކޮށްފައި އޮތް މާހައުލެކޭ ސަރުކާރުން ބުންޏަސް އޭނާއަށް އެ މާހައުލު ރައްކާތެރި ކަމަކަށް ގަބޫލެއް ނުކުރެވޭ. މީ ރާއްޖޭގެ ފުރަ މާލޭގައި ކޮންމެ ދުވަހަކު ހިނގާ ސިނާރިއޯއެއް،" މުޖުތަމައުގައި ހިނގާ ނޭދެވޭ ކަންތައްތައް ފާހަގަ ކުރައްވައި މިނިސްޓަރު އިހުސާން ވިދާޅުވިއެވެ.

މިނިސްޓަރު ވިދާޅުވީ، "އަޅުގަނޑު ގަބޫލުކުރާ ގޮތުގައި ފުރިހަމަ މިނިވަންކަމެއްނޫން އޭނާ ބޭނުންވާ މަގަކުން ބޭނުންވާއިރަކު ނުހިނގޭ ކަމަށް ވަންޏާ، އަޅުގަނޑު ގަބޫލުކުރާ ކަމެއްނޫން އޭނަ ބޭނުންވާ އޮފީހަކު މަސައްކަތްކޮށްފަ އޭނަ ބޭނުންވާއިރަކުން މަގުމަތިން ގެއަށް އަންނަން ގުޅައިލީމާ އުނހު ދަރިފުޅާއޭ އިހަށް މަޑުކޮށްބަލާށޭ އިރުކޮޅެއްވަންދެން، ބުނަން ޖެހޭކަށް،"

އޭގެ ބަދަލުގައި އުނދަގޫކަމެއް، ފުރައްސާރަކުރުމެއް، އަދި މާރާމާރީއަކާ ކުރިމަތިލާން ނުޖެހި، އެމީހަކު ބޭނުން މަގަކުން ބޭނުން އިރަކު ހިނގާލާފައި ދެވެން ޖެހޭނެ ކަމަށްވެސް ވިދާޅުވިއެވެ. އެގޮތަށް ގެއިން ނިކުމެގެން ދަނީ ފުރިހަމަ މިނިވަންކަމާއެކުގައި ކަމަށާއި، ގެއަށް އެނބުރި އަންނަނީވެސް ފުރިހަމަ މިނިވަންކަމާއި ރައްކާތެރިކަމާއެކު ކަން ކަށަވަރުވާން ޖެހޭ ކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ. އޭގެ އިތުރުން މަސައްކަތުގެ މާހައުލުން އެކަހެރިވެ، ވަޒީފާއެއް ނުލިބި އުޅޭ ޒުވާނުން ޑްރަގް ވިޔަފާރި އާއި ކުށްތަކަށް ވެއްދުމަށް އޮންނަ ފުރުސަތު މުޖުތައުން ފިލުވާލަން ޖެހޭ ކަމަށްވެސް ވިދާޅުވިއެވެ.

ނަމަވެސް މިނިސްޓަރު ވިދާޅުވީ، އެކަންތައްތައް ކުރުމަށް ބޮޑެތި ގޮންޖެހުންތަކެއް އެބަހުރި ކަމަށެވެ. އެންމެ ބޮޑު ގޮންޖެހުމެއްގެ ގޮތުގައި މިނިސްޓަރު ފާހަގަ ކުރެއްވީ ކަމާބެހޭ ގާނޫނުތަކެވެ.

މިސާލެއްގެ ގޮތުގައި މިނިސްޓަރު ވިދާޅުވީ "އިނގިރޭސި ވިލާތުގައި އޮންނަ ޖިނާއީ އިޖުރާއަތާބެހޭ ގާނޫނު އޭތި ނަގައިގެން އައިސް މިތަނަށް ތަރުޖަމާކޮށްފަ، އަޅުގަނޑުމެން ސޮއިކޮށްލައި ތަސްދީގުކޮށް ދޫކޮށްލީމާ، މިތާނގަ އެއާ އެކީގައި އޮންނަން ޖެހޭ ކޯޓު ސިސްޓަމަކީ ސައުތު އެފްރިކާގައި ހިންގާ ކޯޓު ސިސްޓަމް، އެއަށް ބޭނުންވާ ބަޖެޓް އޮތީ ސޯމާލިޔާގަ އޮތް ބަޖެޓް، އަޅުގަނޑުމެންގެ އެކްސްޕެކްޓޭޝަން ހުންނަނީ އެމެރިކާގައި އޮންނަ އެކްސްޕެކްޓޭޝަން، މީތި ހިފަހައްޓައި ޑެލިވާކުރަން މިތިބީ ސްރީލަންކާ މީހުން ކިހިނެއްތޯ މިކަން ކުރާނީ،" ކަމާ ގުޅުން ހުރި ގާނޫނުތަކުގެ ނުކިއްސަރުކަން ފާހަގަ ކުރައްވައި މިނިސްޓަރު ވިދާޅުވިއެވެ.

އެގޮތަށް ކަމާބެހޭ ގާނޫނުތަކުގައި ހުރި އުނިކަންތައްތައް ފާހަގަ ކުރައްވައި މިނިސްޓަރު ވިދާޅުވީ، އެއީ އެކަން އޮތްގޮތް ކަމަށާއި އެއީ ގަބޫލު ކުރަން ޖެހޭ ހިތި ހަގީގަތެއް ކަމަށެވެ.

ނަމަވެސް މިނިސްޓަރު ވިދާޅުވީ އެކަންތައްތަކަށް ބޭނުންވާ ގާނޫނީ ފަރުވާ ހޯދުމަށް ޓަކައި ގާނޫނުއަސާސީ އާއި ކަމާބެހޭ ގާނޫނުތަކަށް ބަދަލު ގެންނަވާނެ ކަމަށެވެ. އެކަމަށް ރައްޔިތުންގެ މަޖިލިސް ތެރެއިން އެއްބާރުލުން ދެއްވުމަށް މަޖިލީހުގެ ރައީސް މުހައްމަދު އަސްލަމް ހުންނެވީ ތައްޔާރަށް ކަމުން ސަރުކާރުވެސް އޮތީ އެކަމަށް ތައްޔާރަށް ކަމަށްވެސް ވިދާޅުވިއެވެ.

އެހެންކަމުން އެމަނިކުފާނު ވަނީ މުޖުތަމައުގައި ހުރި ކުށްތައް ހުއްޓުވައި ރާއްޖޭގައި އަމާން ވެއްޓެއް ގާއިމް ކުރައްވާނެ ކަމުގެ ޔަގީންކަން ދެއްވައިފައެވެ.