ވަޒީރުންނާ މެދު ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ފުރިހަމަ އިތުބާރު އެބައޮތް ކަމަށާއި ނަމަވެސް މަސައްކަތް ގޯސްނަމަ، ފިޔަވަޅު އަޅުއްވާނެ ކަމަށް ސަރުކާރުން ބުނެފިއެވެ.
ރައީސް އޮފީހުގައި މިއަދު ހަވީރު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެ އޮފީހުގެ ޕަބްލިކް ޕޮލިސީ އަންޑަސެކްރެޓަރީ މުހައްމަދު ފިރުޒުލް ވިދާޅުވީ މިއަދު މިދެކޭ ގާނޫނުއަސާސީގެ ރޫހަކީ ޖަވާބުދާރީ ކުރުވަނިވި، ޖަވާބުދާރީވަނިވި ސަރުކާރެއް ބައްޓަންކުރުން ކަމަށާއި އެ ނިޒާމުގެ ތެރެއިން އެކަން ކުރިއަށްދާނެ ކަމަށެވެ.
"މިހާރު އޮތް ވަޒީރުންގެ މަޖިލީހާ މެދު ރައީސުލްޖުމްހޫރިއްޔާގެ ފުރިހަމަ އިތުބާރު އެބައޮތް. އަދި އެހެން މަގާމުތަކަށް އައްޔަންކުރައްވާ ހުރިހާ ބޭފުޅުންނާ މެދުވެސް. އެ ފުރިހަމަ އިތުބާރާއި ޔަގީންކަން އޮވެގެން އެބޭފުޅުން މަގާމުތަކަށް އައްޔަންކުރައްވާފައި އެވަނީ. އެހެންނަމަވެސް ޕާފޯމަންސްގެ މައްސަލައެއް އުޅޭ ކަމަށްވާ ނަމަ، އެކަމެއް ރިވިއުކުރާނެ. އެކަން ބަލައި، އަޅަންޖެހޭ ފިޔަވަޅުތައް އަޅާނެ،" އޭނާ ވިދާޅުވިއެވެ.
ފިރުޒުލް ވިދާޅުވީ ރައީސް މުއިއްޒު މީގެ ކުރިން ވެސް ފާހަގަކުރައްވާފައިވަނީ އެފިޝަންސީގެ ވާހަކަ ކަމަށާއި ސަރުކާރުގެ ވުޒާރާތަކުގެ އޮނިގަނޑު ބައްޓަންކޮށްފައި އޮތް ގޮތަށް ބަލާ އިރުވެސް، ވުޒާރާތައް އިތުރުވެގެންދިޔަ އެއް ސަބަބަކީ ކުރިން އެކުއެކީގައި ހުރި ވުޒާރާތައް ވަކިކޮށްލުންކަން ފާހަގަވެގެންދާނެ ކަމަށެވެ. އަދި 22 ވުޒާރާއަކަށް ވުޒާރާތައް ވަކިކޮށްލާފައިވާނީ ހާއްސަ ސަމާލުކަމެއްދީގެން މަސައްކަތްތައް ކުރުމަށް ކަމަށް އޭނާ ވިދާޅުވިއެވެ.
"އޭގެ އެއް މިސާލަކީ ފިޝަރީޒް މިނިސްޓްރީ އަދި ދަނޑުވެރިކަމާ ބެހޭ ވުޒާރާ. ދަނޑުވެރިކަމަށް ހާއްސަ ފޯކަސްއެއް ދީގެން، ހާއްސަ މަސައްކަތްތަކެއް ކުރުމަށްޓަކައި ދަނޑުވެރިކަމާ ބެހޭ ވުޒާރާ ހާއްސަ ވުޒާރާއެއްގެ ގޮތުގައި އެކުލަވާލެވިފައި އެވަނީ. ހަމައެހެންމެ ގެދޮރުވެރިކަމާ ބެހޭ ވުޒާރާ ވެސް، ކުޅިވަރު ވެސް. ހަމައެއާއެކު އަލަށް ތައާރަފުކުރެވުނު ވުޒާރާއެއް އެއީ ދިވެހިބަހާއި ތާރީހާއި ސަގާފަތާ ބެހޭ ވުޒާރާ. އެހެންވީމާ މި ވުޒާރާތައް މި އޮނިގަނޑުގެ ތެރެއިން ބައްޓަންކުރުމުގެ އެންމެ މައިގަނޑު ބޭނުމަކީ، ވިސްނުންފުޅަކީ އެފިޝަންޓް، ފޯކަސް މަސައްކަތްތަކެއް ކުރުން. ރައްޔިތުންނަށް ވެވަޑައިގެންފައިވާ ވައުދުތައް ޑެލިވާކޮށްދިނުން،" އޭނާ ވިދާޅުވިއެވެ.
ފިރުޒުލް އިތުރަށް ވިދާޅުވީ ވުޒާރާތަކުގެ އަދަދު އޭގެ ޒާތުގައި އިތުރުވެގެންދިޔަ ނަމަވެސް، ވުޒާރާތައް ހިންގުމަށް ނުވަތަ ވުޒާރާތަކުގެ ފުޓްޕްރިންޓްތައް އިތުރުވެގެން ނުދާނެ ގޮތަކަށް ހަރަދުތައް މެނޭޖްކުރައްވައި، އޮފީސްތަކުގެ ނިޒާމުތައް ބައްޓަންކުރައްވާނެ ކަމަށް މީގެ ކުރިން ވެސް ރައީސް މުއިއްޒު ވިދާޅުވެފައިވާ ކަމަށާއި މިވަގުތު ވެސް އޮފީސްތައް ހިންގަމުންދަނީ ކުރިން ވެސް ސަރުކާރުގެ އެކިއެކި ވުޒާރާތައް ހިންގަމުންދިޔަ ޖާގައިގެ ތެރޭގައި ކަމަށެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު