އިޒްރޭލު މީހުންނަށް ރާއްޖެ އެތެރެނުވެވޭ ގޮތަށް ރާއްޖޭގެ އިމިގްރޭޝަންގެ ގާނޫނަށް އިސްލާހު ގެންނަން ރައްޔިތުންގެ މަޖިލީހަށް ބިލެއް ހުށަހަޅައިފިއެވެ.
އެ ބިލު މަޖިލީހަށް ހުށަހެޅުއްވީ، ނޮޅިވަރަމް ދާއިރާގެ މެމްބަރު މުހައްމަދު ނަޝީދު އަބްދުﷲ (މޮސްޓާ) އެވެ.
މޮސްޓާ ހުށަހެޅުއްވާފައިވަނީ އިމިގްރޭޝަން ގާނޫނުގެ އަށްވަނަ މާއްދާގެ (ހ)ގައި ބަޔާންކުރާ "ރާއްޖެ އެތެރެވުމުގެ ހުއްދަ ނެތް މީހުން"ގެ ލިސްޓަށް "އިޒްރޭލުގެ ޕާސްޕޯޓުގައި ރާއްޖެ އެތެރެވާ މީހުން" އިތުރުކުރުމަށާއި އެ ގާނޫނު ފާސްވެ، ތަސްދީގުކޮށް، ގެޒެޓުގައި ޝާއިއު ކުރާ ދުވަހުން ފެށިގެން އަމަލުކުރަން ފެށުމަށެވެ.
ގާނޫނުގައި މިހާރު އޮތް ގޮތުން ކޮންމެ ގައުމެއްގެ މީހަކަށްވެސް ރާއްޖެއަށް އެތެރެވެވިދާނެއެވެ.
އެ ބިލު ހުށަހެޅުއްވި ސަބަބެއްގެ ގޮތުގައި މޮސްޓާ ވިދާޅުވީ، އިޒްރޭލުން ފަލަސްތީނަށް ހާއްސަކޮށް ގައްޒާއަށް ދެމުންދާ ލާއިންސާނީ ހަމަލާތައް ކުށްވެރިކޮށް، އެ އަަމަލުތައް ހުއްޓުވުމަށް އެއްބާރުލުން ދިނުމުގެ ގޮތުން ކަމަށެވެ.
ރާއްޖެއަށް އިޒްރޭލު ފާސްޕޯޓުގައި އެތެރެވެވޭތީ ދިވެހީންގެ ތެރެއިން ގިނަ ބަޔަކު ދަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ. އެކަމުގެ އަޑު ގަދަވެފެފައިވާ އިރު، އެ ގައުމުގެ ރައްޔިތުން ރާއްޖެއަށް އެތެރެ ނުވެވޭނެ ގޮތް ހެދުމަށް ސަރުކާރަށް ލަފާ ދޭން މަޖިލީހުގެ ހާރިޖީ ގުޅުންތަކުގެ ކޮމިޓީން ވެސް ވަނީ މިދިޔަ ބުދަ ދުވަހު ފާސްކޮށްފައެވެ.
ޚަބަރު
ޚަބަރު