ހައްޖަށް ގެންދިއުމަށް ބޮޑު އަގު ނެގުން ހުއްޓުމަކަށް އައިސް އެ މައްސަލަ ހައްލު ވާނީ ރާއްޖެއަށް ލިބޭ ަހއްޖު ކޯތާ އެއްކޮށް ހައްޖު ކޯޕަރޭޝަންގެ ދަށަށް ގެންގޮސްގެން ކަމަށް އާ އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެ އެވެ.

ޝަހީމް މިހެން ވިދާޅުވީ، ދައުލަތުގެ މީޑިއާ، ޕީއެސްއެމް އިން ގެނެސްދޭ 'ރާއްޖެ މިއަދު' ޕްރޮގްރާމުގައި ރޭ ވާހަކަ ދައްކަވަމުންނެވެ.

މި ޕްރޮގްރާމްގައި ވާހަކަދައްކަވަމުން ޝަހީމް ވިދާޅުވީ، ރާއްޖެއަށް ލިބޭ ހައްޖު ކޯޓާތައް ހައްޖު ކޯޕަރޭޝަންގެ ދަށަށް ގެންދިޔުމަށް މަޝްވަރާ ކުރައްވާނެ ކަމަށާއި ރައްޔިތުންނަށް އެންމެ ފައިދާވާނެ ގޮތަކީ އެއީ ކަމަށް ވިދާޅުވެފައެވެ. އަދި ރާއްޖެއިން ހައްޖަށް ގެންދަން ރައްޔިތުންގެ އަތުން ބޮޑު އަގެއް ނަގަމުން ގެންދާކަމަށާއި މިކަމަށް ދާއިމީ ހައްލެއް ލިބޭނީ ރާއްޖެއަށް ލިބޭ ހުރިހާ ހައްޖުކޯޓާ ހައްޖު ކޯޕަރޭޝަނުގެ ދަށަށް ގެންގޮސްގެން ކަމަށެވެ.

ހައްޖު ކޯޕަރޭޝަން އުފެއްދުމުގައިވެސް އެންމެ އިސްކޮށް އުޅުއްވި އޭރުގެ ވެސް އިސްލާމިކް މިނިސްޓަރު ޝަހީމް ވިދާޅުވީ، ހައްޖު ކޯޕްރޭޝަން އިތުރަށް ތަރައްގީ ކުރުމަށް ބޮޑު އަހަންމިއްޔަތު ކަމެއް ދެއްވާނެ ކަމަށެވެ. އެގޮތުން ދިވެހި ވިޔަފާރިވެރިންނާއި އެކުވެސް މިކަމާ ގުޅޭ މަޝްވަރާ ބައްދަލުވުމެއް ބާއްވަވާނެ ކަމަށް ވިދާޅުވިއެވެ.

ޝަހީމް ވިދާޅުވީ މެލޭޝިޔާގެ ތަބުންހާޖީ ހައްޖުކޯޕްރޭޝަންގެ ތަޖުރިބާއާއި އެކީ ހައްޖު ކޯޕްރޭޝަނާ އެކީ މަޝްވަރާތައް ކުރައްވާނެ ކަމަށާއި ރާއްޖޭގައި ތިބި އިގްތިސާދީ މާހިރުންނާއިއެކު ކުޑަ ފޯރަމެއްވެސް ބާއްވަވާނެ ކަމަށެވެ. މީގެ ބޭނުމަކީ ހައްޖާ ގުޅޭ ކަންކަން އިތުރަށް ފުރިހަމަކޮށް ރަނގަޅު ކުރުން ކަމަށް ވެސް ވިދާޅުވި އެވެ. މި މަޝްވަރާ ބައްދަލުވުމުގައި، ހައްޖު އަގުތައް ކުޑަކުރުމަށް ކުރެވެން ހުރީ ކޮންކަހަލަ މަސައްކަތެއްތޯ ބައްލަވާނެ ކަމަށްވެސް ވިދާޅުވިއެވެ.

"ރައްޔިތުން އަތުން ނަގާ އަދަދު މަދުކުރުމަށް ޓަކައި ފައިސާއާ ގުޅުންހުރި ކަމެއް ވީމަ ކުއްލި ހައްލެއް ނާންނާނެ. މަޝްވަރާކޮށްގެން ހައްލުކުރުމަށް ވަގުތު ބޭނުން. އަޅުގަނޑުމެންތެރޭ އެބަ މަޝްވަރަކުރެވޭ އެހެން ކުންފުނިތަކަށް ހައްޖު ކޯޓާ ނުދޭން. އެއީ އިތުރަށް ފައިސާ ނަގާތީ. ރައްޔިތުމީހާ އަތުން މާ ގިނަ ފައިސާ ނަގާތީ. 75،000 އަށް 85،000 އަށް ނުވަތަ 90،000 ޕްރޮޕޯސަލްތައް ޖަހައިގެން އެވަރަށް ޕްރޮޕޯސަލް ބިޑް ކާމިޔަބު ކުރެވިދާނެ. އެކަމަކު ދެން ރައްޔިތުމީހާ އަތުން އިތުރު 50،000 ހާސް އިތުރު 75،000 ނަގަން ޖެހުނީމަ އެއީ ވަަރަށް ބޮޑުކަމެއް" ކަމަށް ޝަހީމް ވިދާޅުވިއެވެ.

ނިމިދިޔަ ސެޕްޓެމްބަރު މަހުގެ 1 ވަނަ ދުވަހު ޅ. ނައިފަރަށް ރައީސް ޑރ މުހައްމަދު މުއިއްޒު ކުރެއްވި ދަތުރުފުޅުގައި ވިދާޅުވީ، ސައުދި އަރަބިއްޔާއިން ރާއްޖެއަށް ދޫކޮށްފައިވާ 1،000 ހައްޖު ކޯޓާ 2،000 އަށް އިތުރު ކުރުމަށް މަސައްކަތް ކޮށްދެއްވާނެ ކަމަށެވެ.

"އަޅުގަނޑު މި ވަނީކީ ވައުދެއް ނޫން، ނަމަވެސް އަޅުގަނޑު އެ ކަމަށް މަސައްކަތް ކުރާނަން، ހައްޖު ކޯޓާ 2،000 އަށް އިތުރުކުރުމަށް މަސައްކަތް ކުރާނަން، އެއަށްވުރެވެސް އިތުރު ކުރުމަށް ދަންނަވައިގެން މަސައްކަތް ކުރާނަން،" ރައީސް މުއިއްޒު ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ ހައްޖު ކޯޓާއަށް 1،000 ޖާގަ އޮތުމުގެ ސަބަބުން ތަނަވަސްކަން ހުރި މީހުންވެސް އަދި ހައްޖުގެ އަޅުކަމަށް ދާން ބޭނުންވާ އެހެން މީހުންވެސް އަހަރުތަކެއް މަޑުކުރަން ޖެހޭ ކަމަށެވެ.