ގާޒާގައި އަނިޔާވި 15 ކުއްޖަކު އިތުރު ފަރުވާއަށް އަބޫދާބީއަށް ފޮނުވައިފިއެވެ.

އެކުވެރި އަރަބި އިމާރާތުން އިސްނަގައިގެން ފައްޓާފައިވާ، ފަލަސްތީނުގައި އަނިޔާވާ ކުޑަކުދީންގެ ތެރެއިން 1000 ކުއްޖަކަށް ފަރުވާ ދިނުމަށް ނިންމާފައިވާ ނިންމުމުގެ ފުރަތަމަ ބެޗުގައި ގާޒާއިން 15 ކުޑަކުއްޖެއްގެ އިތުރުން އާއިލާގެ ބައެއް މެންބަރުން ހިމެނޭ ޓީމެއް ވަނީ ހޮނިހިރު ދުވަހު އަބޫދާބީއަށް އެތެރެވެފައެވެ.

15 ކުޑަ ކުދީންނާއި އެމީހުންގެ އާއިލާ ވަނީ ގާޒާއިން މިސްރަށް ދަތުރުކޮށް މިސްރުގެ އަލް އަރިޝް އެއާޕޯޓުން އަބޫދާބީއަށް ދަތުރުކޮށްފައެވެ.

އަބޫދާބީއަށް ގެންގޮސްފައިވާ ކުދީންގެތެރޭގައި ހިމެނެނީ އަނިޔާވި ކުޑަކުދީންގެ ތެރެއިން އަވަސްފަރުވާ ބޭނުންވާ ކުޑަކުދީންނާއި ކެންސަރު ބަލީގެ ފަރުވާ ބޭނުންވާ ފަރާތްތައް ކަމަށް އޮފިޝަލުނެ ބުނެއެވެ.

އޮފިޝަލުން ވަނީ އަންނަ ހަފުތާގައި ވެސް އިތުރު ބަޔަކު އަބޫދާބީއަށް ގެންދިއުމުގެ މަސައްކަތް ކުރަމުންގެންދާކަމަށް ބުނެފައެވެ.

ޔޫއޭއީގެ ހޮސްޕިޓަލުތައް ވަނީ ގާޒާއިން ގެންނަ ކުދީންނަށް ފަރުވާ ދިނުމަށް ފުރިހަމައަށް ތައްޔާރުވެފައިކަމަށް އެ ގައުމުގެ އޮފިޝަލުން ބުނެފައިވެއެވެ.