ދެ ގައުމުގެ މަސްލަހަތު ހިމެނޭ ކަންކަމުގައި އިންޑިއާއާ އެކު މަސައްކަތްކުރައްވާނެ ކަމަށް އާ ފޮރިން މިނިސްޓަރު މޫސާ ޒަމީރު ވިދާޅުވެއްޖެ އެވެ.
ޒަމީރު އެހެން ވިދާޅުވީ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު، ފޮރިން މިނިސްޓަރުގެ މަގާމަށް އޭނާ އައްޔަނު ކުރެއްވުމާ ގުޅިގެން މަރުހަބާ ދަންނަވައި އިންޑިއާގެ އެކްސްޓާނަލް އެފެއާސް މިނިސްޓަރު އެސް ޖަޔަޝަންކަރު އެކްސްގައި ކުރެއްވި ޕޯސްޓަކަށް ޖަވާބު ދެއްވަމުންނެވެ.
އެ ޕޯސްޓުގައި ޖަޔަޝަންކަރު ވިދާޅުވީ ރާއްޖެއާއި އިންޑިއާއާ ދެމެދު އޮތް ހާއްސަ ގުޅުން އިތުރަށް ބަދަހި ކުރަން އެކުގައި މަސައްކަތްކުރެއްވުމަށް އުންމީދު ކުރައްވާ ކަމަށެވެ. އެ ޕޯސްޓަށް ޖަވާބު ދެއްވަމުން ޒަމީރު ވިދާޅުވީ ދެ ގައުމުގެ މަސްލަހަތު ހިމެނޭ ކަންކަމުގައި އެކުގައި މަސައްކަތްކުރައްވާނެ ކަމަށެވެ އަދި ޒަމާނުއްސުރެ ދެ ގައުމުގެ ދެމެދުގައި އޮތް ގުޅުން އަލުން ބައްޓަންކޮށް، ކުރިއަށް ގެންދިއުމަށް އުންމީދު ކުރައްވާ ކަމަށް ޒަމީރު ވިދާޅުވިއެވެ.
ރާއްޖޭގައި ތިބި އިންޑިއާ ސިފައިން ބޭރު ކުރަން ފުރަތަމަ ހަފުތާއިން ފެށިގެންވެސް މަސައްކަތް ކުރައްވާނެ ކަމަށް ރައީސް މުއިއްޒު މީގެ ކުރިން ވިދާޅުވެފައި ވާއިރު، ރާއްޖެއަކީ އެއްވެސް ގައުމެއްގެ ސިފައިން ނެތް ތަނަކަށް ހައްދަވާނެ ކަމަށް އިއްޔެ ހުވާކުރެއްވުމަށް ފަހު ދެއްކެވި ވާހަކަފުޅުގައިވެސް ވިދާޅުވެފައި ވެއެވެ.
އެހެން ގައުމުތަކާ ހަތުރުވެރިކަމެއް އަދި ހަސަދަވެރިކަމެއް ނުބާއްވާނެ ކަމަށް ވިދާޅުވެ ރައީސް މުއިއްޒު ވިދާޅުވީ އަވައްޓެރިންނާއި ދުރު ހިސާބުތަކުގެ ގައުމުތަކަށްވެސް އިހުތިރާމު ކުރައްވާނެ ކަމަށެވެ. ނަމަވެސް އަބަދުވެސް ދިވެހި ރައްޔިތުންގެ މިނިވަންކަމާއި ސިޔާދަތީ ރަތް ރޮނގު ފިސާރި ފަލަކޮށް ދަންމަވައިލައްވާނެ ކަމަށް ރައީސް ވިދާޅުވިއެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު