ޗީފް އޮފް ޑިފެންސް ފޯސްގެ މަގާމަށް، ވައިސް ޗީފް އޮފް ޑިފެންސް ފޯސްގެ މަގާމުގައި ހުންނެވި މޭޖާ ޖެނެރަލް އަބްދުއްރަހީމް އަބްދުއްލަތީފު ހަމަޖައްސައިފިއެވެ.
އަބްދުއްރަހީމް އެ މަގާމަށް ހަމަޖެއްސީ ރައީސް އޮފީހުގައި މިރޭ ކެބިނެޓް މިނިސްޓަރުން ހުވާ ކުރެއްވުމަށް ބޭއްވި ރަސްމިއްޔާތެއްގައި ރައީސް ޑރ. މުހައްމަދު މުއިއްޒެވެ.
އަބްދުއްރަހީމް ވައިސް ޗީފް އޮފް ޑިފެންސް ފޯސްގެ މަގާމަށް އައްޔަންކުރެއްވީ 2018 ޑިސެމްބަރު 11 ގައެވެ. އޭގެ 2016 އިން ފެށިގެން އޭނާ އަދާކުރައްވަމުން ގެންދެވީ ޑައިރެކްޓާ ޖެނެރަލް އޮފް ޑިފެންސް އިންޓެލިޖަންސް ސާވިސްގެ މަގާމެވެ. އަދި ވަނީ އެމްއެންޑީއެފްގެ މާލީ ޒިންމާދާރު ވެރިޔާގެ މަގާމުވެސް އަދާކުރައްވައިފައެވެ.
އޭނާ ވަނީ އެމްއެންޑީއެފްގައި ގިނަ އިސް މަގާމުތަކެއް ފުރުއްވައިފައެވެ. ސަދަން އޭރިޔާގެ ކޮމާންޑަރުގެ މަގާމާއި ސެނަހިޔާ މިލިޓަރީ ހޮސްޕިޓަލުގެ ކޮމަޑާންޓުގެ މަގާމާއި މީޑިއާ އެންޑް ޕަބްލިޝިން ސާވިސްގެ ކޮމާންޑިން އޮފިސަރުގެ މަގާމު ވެސް އަބްދުއްރަހީމް އަދާކުރެއްވިއެވެ. އަދި ސްޕެޝަލް ޕްރޮޓެކްޝަން ގްރޫޕުގެ ކޮމާންޑިން އޮފިސަރުގެ މަގާމާއި އޯޑްނަންސް ސާވިސްގެ ކޮމާންޑިން އޮފިސަރުގެ މަގާމުގެ އިތުރުން ސްޕެޝަލް އެސެސްމަންޓް ޔުނިޓުގެ ކޮމާންޑިން އޮފިސަރުގެ މަގާމާއި ޑައިރެކްޓްރޭޓް އޮފް މިލިޓަރީ އިންޓެލިޖެންސްގެ ޕްރިންސިޕަލް ޑައިރެކްޓަރުގެ މަގާމު އޭނާ ވަނީ އަދާކުރައްވައިފައެވެ.
ނޭޝަނަލް ކައުންޓާ ޓެރަރިޒަމް ސެންޓަރުގެ ޑެޕިއުޓީ ޑައިރެކްޓަރުގެ މަގާމު ވެސް އަބްދުއްރަހީމް ވަނީ އަދާކުރައްވައިފައެވެ. އެމްއެންޑީއެފް ވެލްފެއާ ބޯޑުގެ ޗެއާމަންކަމުގެ މަގާމުގެ އިތުރުން، އެމްއެންޑީއެފް ގްރީވަންސް ބޯޑުގެ ޗެއާޕާސަން ކަމުގެ މަގާމާއި އެމްއެންޑީއެފްގެ ސްޕޯކްސްޕާސަން ކަމުގެ މަގާމު ވެސް އޭނާ ފުރުއްވާފައިވެއެވެ. ސިފައިންގެ ލަފާދޭ މަޖިލީހާއި އެކިއެކި ކޮމިޓީތަކާއި ބޯޑުތަކާއި މަޖިލިސްތަކުގައި ވެސް އަބްދުއްރަހީމް ވަނީ މަސައްކަތް ކުރައްވައިފައެވެ.
ރައީސް އޮފީހުން ބުނީ އަބްދުއްރަހީމް ވަނީ އެމްއެންޑީއެފުގެ ސިފައިންގެ އިންޓެލިޖެންސް ހަރުދަނާ ކުރުމަށާއި ސިފައިންގެ ހެވިކަމާއި ކުޅިވަރު ތަރައްގީ ކުރުމަށް އަމިއްލަ އިސްނެގުމުގެ މަތިން ގިނަ މަސައްކަތްތެއް ކުރައްވާފައިވާ ކަމަށެވެ. އަދި ރާއްޖޭގައި ބޭއްވި ސާކް ސަމިޓުގެ ސެކިއުރިޓީއާ ބެހޭ މަސައްކަތާއި ސުނާމީ ކާރިސާއާ ގުޅިގެން ގެއްލުން ލިބުނު ގެތަކުގެ ބަދަލުގައި ގއ. މާމެންދޫގައި އިމާރާތްކުރި ގެތަކުގެ މަސައްކަތާއި ކޮވިޑް19 އާ ގުޅިގެން ހުޅުމާލޭގައި އިމާރާތްކުރި ކޮވިޑް ފެސިލިޓީގެ މަސައްކަތްތަކުގެ އިތުރުން ނަސްރުގެ ދުވަހުގެ ހަނދާނީ ބިނާގެ މަސައްކަތްތަކުގައި އޭނާ އިސް ދައުރެއް އަދާކުރައްވާފައިވެއެވެ.
އެމްއެންޑީއެފްގެ ކޮމިއުނިކޭޝަން ތަރައްގީ ކުރުމަށް އަބްދުއްރަހީމް ވަނީ ގިނަ މަސައްކަތްތަކެއް ކުރައްވައިފައެވެ. އެގޮތުން އެ ދާއިރާއިން ދިވެހިން، ސިފައިންގޭގެ ބޭރުން ގެނެސްގެން ކުރަމުންގެންދިޔަ މަރާމާތުކުރުމުގެ އެކިއެކި މަސައްކަތްތައް ސިފައިންގެއިން ކުރައްވަން ފެށުމާއި ކޮމިއުނިކޭޝަން ވޯކްޝޮޕެއް ގާއިމުކޮށް އެތަން ޒަމާނީ ފެންވަރަށް ތަރައްގީ ކުރުމުގެ މަސައްކަތް އަބްދުއްރަހީމް ވަނީ ކުރައްވައިފައެވެ. މީގެ އިތުރުން އެއިރުގެ ރައީސުލްޖުމްހޫރިއްޔާ އާއި ޑިފެންސް މިނިސްޓަރުގެ ނައިބު، ރަށްރަށަށް ކުރައްވާ ދަތުރުފުޅުތަކުގެ ކޮމިއުނިކޭޝަންގެ ކަންތައް ބެލެހެއްޓެވުމުގައި، އެންމެ އިސްކޮށް އުޅުއްވީ އަބްދުއްރަހީމް ކަމަށްވެސް ރައީސް އޮފީހުން ބުންޏެވެ.
އަބްދުއްރަހީމް އެމްއެންޑީއަށް ގުޅިވަޑައިގެންފައިވަނީ 1985 ފެބްރުއަރީ 18 ގައި ކޮމިއުނިކޭޝަންގެ ރޭޑިއޯ އޮޕަރޭޓަރެއްގެ ގޮތުގައެވެ. އަބްދުއްރަހީމް ވަނީ އެ ދާއިރާއިން ކުރިއަށް ވަޑައިގަތުމަށްޓަކައި އެމެރިކާގައި ރޭޑިއޯ ރިޕެއާ ކޯހެއް ފުރިހަމަކުރައްވައިފައެވެ. އޭނާ ވަނީ އެ ކޯހުން އެއްވަނަ ހޯއްދަވައިގެން، ރައީސުލްޖުމްހޫރިއްޔާގެ ހާއްސަ އިނާމު، 1989 ވަނަ އަހަރު ހޯއްދަވައިފައެވެ.
އެމްއެންޑީއެފްއަށް، އަބްދުއްރަހީމް ކޮށްދެއްވި ހިދުމަތްތަކުގެ އަގުވަޒަންކުރައްވައި، ޝަރަފުގެ 10 މެޑެއްޔާއި ޝަރަފުގެ އަށް ކުލަ ވަނީ އޭނާއަށް އަރުވައިފައެވެ. އެ މެޑެލްތަކުގެ ތެރޭގައި ރައީސުލްޖުމްހޫރިއްޔާގެ މެޑެއްޔާއި މަތިވެރި ހިދުމަތުގެ މެޑެއްޔާއި ދިގު މުއްދަތެއްގައި ހިދުމަތް ކުރެއްވުމުގެ މެޑެއްޔާއި އިހުލާސްތެރި ހިދުމަތުގެ މެޑެލް ހިމެނެއެވެ. އަދި ސިފައިންގެ ހިދުމަތުގެ މެޑެއްޔާއި އަހުލާގީ މެޑެއްޔާއި ތިނެއް ނޮވެންބަރުގެ މެޑެލް ހިމެނެއެވެ.
ހާސިލު ކުރައްވައިފައިވާ ކުލަތަކުގެ ތެރޭގައި ކާމިޔާބުގެ ކުލަ އާއި ހުނަރުވެރިކަމުގެ ކުލަ ހިމެނެއެވެ. މީގެއިތުރުން އަހުލާގީ ކުލަ ތިން ފަހަރު އަދި ހާއްސަ ހިދުމަތުގެ ކުލަ ދެ ފަހަރު ހާސިލު ކުރެއްވިއެވެ.
ޚަބަރު
ޚަބަރު
ޚަބަރު