ސްރި ލަންކާއަށް ދިމާވެފައިވާ އިގުތިސޯދީ ހާލަތުން އަރައިގަތުމަށް ރާއްޖެއިން ވެދިން އެހީތެރިކަމަށް ސްރީލަންކާގެ ރައީސް ރަނިލް ވިކްރަމްސިންހަ ޝުކުރު އަދާކުރައްވައިފިއެވެ.
އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒު އަދި އިންތިހާބީ ނައިބު ރައީސް ހުސެއިން މުހައްމަދު ލަތީފު މަގާމުގެ ހުވާކުރެއްވުމުގެ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގަތުމަށް ރަނިލް ވަނީ މިއަދު ރާއްޖެ ވަޑައިގެންފައެވެ. ރާއްޖެ ވަޑައިގެން ރަނިލް ވަނީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހާ ބައްދަލުކުރައްވައިފައެވެ.
ރައީސް ސޯލިހާއެކު މިއަދު ބޭއްވި އެ ބައްދަލުވުމުގައި ރަނިލް ވަނީ ސްރީލަންކާއަށް މިހާރު ކުރިމަތިވެފައިވާ އިގުތިސޯދީ ހީނަރުކަމުން އަރައިގަތުމަށް ރާއްޖެއިން ވެދެމުންގެންދާ އެހީތެރިކަމާއި އެއްބާރުލުމަށް ޝުކުރު އަދާކުރައްވައިފައެވެ.
ރައީސް ސޯލިހު ވަނީ ދެ ގައުމުގެ ގުޅުން އިތުރަށް ބަދަހިކުރެއްވުމަށް ސްރީލަންކާގެ ސަރުކާރުން ދެއްވި އެއްބާރުލުމަށް ރަނިލްއަށް ޝުކުރު އަދާކުރައްވައިފައެވެ. އަދި ދެ ގައުމުގެ މެދުގައި ގިނަ އެއްބަސްވުންތަކެއް މި ދައުރުގައި ފުރިހަމަކޮށް ނިންމަވާލެއްވުނުކަން ރައީސް ފާހަގަކުރެއްވިއެވެ.
އެ ބައްދަލުވުމުގައި ދެ ބޭފުޅުން ވަނީ ސްރީލަންކާގެ މިހާރުގެ ހާލަތާއި، ދާދިފަހުން އެގައުމަށް ކުރިމަތިވި އިގުތިސޯދީ ހީނަރުކަމުން ގައުމު މަޑުމަޑުން އަރައިގަންނަމުންދާ ގޮތާ ބެހޭގޮތުން މަޝްވަރާކުރައްވައިފައެވެ. އަދި ސްރީލަންކާގެ އިގުތިސޯދު ފުޅާކުރުމަށް އެގައުމުގެ ސަރުކާރުން މިހާރު ކަނޑައަޅާފައިވާ ލަނޑުދަނޑިތަކާއި މުސްތަގުބަލަށް ކަނޑައަޅާފައިވާ ސިޔާސަތުތަކާ ގުޅޭގޮތުން މަޝްވަރާކުރެއްވިއެވެ.
ސްރިލަންކާގެ އިގުތިސޯދީ ހާލަތު ގޯސްވެ، އެ ގައުމު ވަނީ ބަނގުރޫޓުވެފައިވާ ގައުމެއްގެ ގޮތުގައި މިއަހަރު ކަނޑައަޅައިފައެވެ. އެ ގައުމަށް އެހީތެރިކަން ހޯދުމުގެ މަސައްކަތް ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ރައީސް މުހައްމަދު ނަޝީދު ވެސް ވަނީ ކުރައްވައިފައެވެ.
ނަޝީދު ވަނީ ސްރިލަންކާއަށް މާލީ އެހީތެރިކަން ހޯދުމުގެ ގޮތުން އަރަބި ބައެއް ގައުމުތަކުގެ ވެރިންނާ މަޝްވަރާކުރައްވައިފައެވެ. އޭގެ ތެރޭގައި ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫއޭއީ) އަދި ސައުދީ އަރަބިއްޔާ ހިމެނެއެވެ. ނަމަވެސް އެ މަސައްކަތުގެ ތެރެއިން ފައިސާ ހަމަޖެހިފައިވާކަން ސްރީލަންކާގެ ސަރުކާރުން އަދި ނަޝީދުގެ ފަރާތުން ވެސް ހާމަކުރައްވައިފައެއް ނުވެއެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު