ހައި ކޯޓުގެ ފަނޑިޔާރު ކަމަށް ހއ. އިހަވަންދޫ، އަންބަރީގެ އަބްދުލްމާނިއު ހުސައިން އައްޔަން ކުރައްވައިފިއެވެ.
ފަނޑިޔާރުކަމަށް މާނިއު އައްޔަން ކުރެއްވީ ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) ގައި މިއަދު ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައެވެ. އެ ރަސްމިއްޔާތުގައި ފަނޑިޔާރުކަމުގެ ލިއުން މާނިއުއާ ހަވާލުކޮށްދެއްވީ ޖޭއެސްސީގެ ރައީސް އަދި ތުޅާދޫ ދާއިރާގެ މަޖިލިސް މެންބަރު ހިސާން ހުސެއިންއެވެ.
ހައި ކޯޓުގެ ފަނޑިޔާރުންގެ ބެންޗުން މަގާމެއް ހުސްވީ އެ ކޯޓުގެ ފަނޑިޔާރަކަށް ހުންނެވި އަހުމަދު ޝަކީލް ރިޓަޔާ ކުރެއްވުމާ ގުޅިގެންނެވެ. އެ މަގާމަށް ކުރިމަތިލާން ހުޅުވާލުމާ ގުޅިގެން ނުވަ ބޭފުޅަކު ކުރިމަތިލެއްވިއެވެ.
ޖޭއެސްސީން ބުނީ ފަނޑިޔާރު ކަމުގެ މަގާމަށް މާނިއު އައްޔަން ކުރެއްވީ، "ފަނޑިޔާރުން އައްޔަންކުރުމުގައި ކޮމިޝަނަށް ލަފާދޭ ކޮމިޓީ" އިން އިންޓަވިއުކުރުމަށްފަހު އިއްޔެ ބޭއްވި އެ މިކޮމިޝަންގެ 74 ވަނަ ބައްދަލުވުމުން ނިންމުމާ ގުޅިގެން ކަމަށެވެ.
މާނިއު އަކީ ކުއްލިއްޔަތުއް ދިރާސާތިލް އިސްލާމިއްޔާއިން ޝަރީއަތާއި ގާނޫނުން ބެޗެލާސް ޑިގްރީ ހާސިލްކުރައްވައި، ވިލާ ކޮލެޖްއިން މާސްޓާ އޮފް ޝަރީއާ އެންޑް ލޯ ހާސިލްކުރައްވާފައިވާ ބޭފުޅެކެވެ. މާނިއު ވަނީ 2013 ވަނަ އަހަރުން ފެށިގެން ވަކީލުކަމުގެ ވަޒީފާ އަދާކުރައްވައިފައެވެ. އެގޮތުން ޝަރުއީ ދާއިރާއިން ނުވަ އަހަރު ދުވަހުގެ ތަޖުރިބާ ވަނީ ލިބިވަޑައިގެންފައެވެ.
އެންމެފަހުން މާނިއު ހުންނެވީވެސް ވަކީލުންގެ ފަރާތުން ޖޭއެސްސީގެ މެންބަރުގެ ގޮތުގައެވެ. އޭނާ އެމަގާމުން އިއްތިއުފާ ދެއްވީ މި ނިވެމްބަރު މަހުގެ 12 ވަނަ ދުވަހުއެވެ.
ޚަބަރު
ޚަބަރު
ޚަބަރު