މީޑީއާތަކަށް 6.5 މިލިޔަން ރުފިޔާ ކަނޑައަޅައި، ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ ސަޕްލިމެންޓްރީ ބަޖެޓް، ރައްޔިތުންގެ މަޖިލީހުގެ ބަޖެޓް ކޮމިޓީން ފާސްކޮށްފިއެވެ.

ސަޕްލިމެންޓްރީ ބަޖެޓާބެހޭގޮތުން ގޮތެއް ނިންމުމަށް މިއަދު ބޭއްވި ބަޖެޓް ކޮމިޓީގެ ބައްދަލުވުމުގައި ބަޖެޓަށް ގެންނަ އިސްލާހެއްގެ ގޮތުގައި، ރަޖިސްޓްރީކޮށްގެން ހިންގަމުން ގެންދާ ބްރޯޑްކާސްޓްކުރާ ކުންފުނިތަކާއި މީޑިއާތަކަަށް 6.5 މިލިޔަން ރުފިޔާ، ހާއްސަ ބަޖެޓް ކޯޑުގެ ތެރެއިން ކަނޑައެޅުމަށް ހުށަހެޅުއްވީ އެމްޑީޕީގެ މަރަދޫ ދާއިރާގެ މެންބަރު އިބްރާހިމް ޝަރީފެވެ. އެ ބަދަލާއެކު ސަޕްލިމެންޓްރީ ބަޖެޓް ކޮމިޓީން ފާސްކުރަންވެސް އޭނާ ހުށަހެޅުއްވިއެވެ.

ޝަރީފްގެ ހުށަހެޅުމަށް ތާއީދު ކުރެއްވީ، ޕީޕީއެމްގެ ޕީޖީ ލީޑަރު އޭދަފުށީ ދާއިރާގެ މަޖިލިސް މެންބަރު އަހުމަދު ސަލީމެވެ.

ނަމަވެސް މާދަމާގެ ނިޔަލަށް މިހާރު އޮތް ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ވެރިކަމުގެ ދައުރު ނިމި އާ ސަރުކާރެއް އަންނާތީ، އެ ސަރުކާރުގެ ވަޒީރެއް އިންނަވައިގެން ބަޖެޓް ފާސް ކުރުމަށްޓަކައި، ކޮމިޓީން ބަޖެޓް ފާސްކުރުން އަންނަ ހޯމަ ދުވަހަށް ފަސް ކުރުމަށް ޑިމޮކްރެޓްސް މެންބަރު މާފަންނު މެދު ދާއިރާގެ އިބްރާހިމް ޝަރީދު (ބޮނޑެ) ހުށަހެޅުއްވިއެވެ. އަދި ބަޖެޓް މަޖިލީހުން ފާސްކުރަން މަޖިލިސް ތަޅުމަށް ބަޖެޓް ކޮމިޓީގެ ރިޕޯޓު ފޮނުވާއިރު ބަޖެޓްގައި ހިމެނޭ ކަންތައްތަކުގެ ތެރެއިން ފައިސާ ދައްކަން ޖެހި ނުދައްކައި އޮތީ ކޮން ދާއިރާތަކަކަށް ކަން އެނގޭ ތަފްސީލީ ލިސްޓެއް ބަޖެޓާއެކު ހިމަނަން ކުޑަހުވަދޫ ދާއިރާގެ މެންބަރު އަހުމަދު އާމިރު ވެސް އިސްލާހެއް ހުށަހެޅުއްވިއެވެ.

އެ ދެ އިސްލާހަށް ތާއީދު ކުރެއްވީ ޑިމޮކްރެޓްސްގެ ހުޅުދޫ ދާއިރާގެ މެންބަރު އިލިޔާސް ލަބީބެވެ. ނަމަވެސް ކޮމިޓީގައި ތިއްބެވި މެންބަރުން ވޯޓު ދެއްވީ، ޝަރީފް ހުށަހެޅުއްވި ގޮތަށް، މީޑީޔާއަތަކަށް 6.5 މިލިޔަން ރުފިޔާ ކަނޑައަޅައި، މި އަހަރުގެ ދައުލަތުގެ ބަޖެޓަށް އިތުރުކުރަން ހުށަހެޅި 6.5 ބިލިއަން ރުފިޔާގެ ސަޕްލިމެންޓަރީ ބަޖެޓް ފާސްކުރުމަށެވެ.

މި ބަޖެޓް މަޖިލީހުން ފާސްކުރުމުން މިއަހަރު ދައުލަތުގެ ބަޖެޓް 49.4 ބިލިއަން ރުފިޔާއަށް އިތުރުވެގެންދާނެއެވެ. މިއަހަރަށް ރައްޔިތުންގެ މަޖިލީހުން ކުރިން ފާސްކުރީ 42.8 ބިލިޔަން ރުފިޔާގެ ބަޖެޓެކެވެ. ސަޕްލިމެންޓްރީ ބަޖެޓުގެ ގޮތުގައި ހުށަހަޅާފައިވާ 6.5 ބިލިއަން ރުފިޔާގައި ހިމެނެނީ، ރިކަރަންޓްގެ 3.1 ބިލިއަން ރުފިޔާ އަދި ކެޕިޓަލް ހަރަދުގެ ގޮތުގައި 3.3 ބިލިޔަން ރުފިޔާއެވެ.

ރިކަރަންޓް ހަރަދަށް އިތުރު ކުރަން ހުށަހެޅި ފައިސާގެ ތެރެއިން ސަބްސިޑީއަށް 1.8 ބިލިއަން ރުފިޔާ އިތުރަށް ހަރަދު ކުރަން ވަނީ ހިމަނައިފައެވެ. އާސަންދައަށް 1.2 ބިލިއަން ރުފިޔާ އިތުރަށް ވަނީ ކަނޑައަޅައިފައެވެ.

ކެޕިޓަލް ހަރަދުގެ ގޮތުގައި، ޕީއެސްއައިޕީގެ 12 މަޝްރޫއަށް 1.7 ބިލިއަން ރުފިޔާ ބަޖެޓްގައި ކަނޑައަޅައިފައިވާއިރު އޭގެ ތެރެއިން، އެންމެ ބޮޑު އަދަދެއް ކަނޑައަޅާފައި އޮތީ އައްޑޫ ބިން ހިއްކުމާއި ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫއުއަށެވެ. އެެއީ 344 މިލިއަން ރުފިޔާ އެވެ. ހދ. ހަނިމާދޫ އެއާޕޯޓު ޕްރޮޖެކްޓަށް 335 މިލިއަން ރުފިޔާ ކަނޑައަޅާފައިވާއިރު، 34 ރަށެއްގެ ނަރުދަމާ ހެދުމަށް 290 މިލިއަން ރުފިޔާ ވަނީ ކަނޑައަޅައިފައެވެ. އަދި ޕޮލްކޯ ހައުސިން ޔުނިޓްތަކުގެ މަޝްރޫއު ނިންމަން 150 މިލިއަން ރުފިޔާ އާއި މާލެ-ތިލަފުށި ބްރިޖުގެ މަޝްރޫއުގެ މަސައްކަތަށް 146 މިލިއަން ރުފިޔާ ވެސް ވަނީ ކަނޑައަޅައިފައެވެ.