ރައްޔިތުންގެ މަޖިލީހަށް މިހާރު ހުށަހަޅާފައިވާ ސަޕްލިމެންޓްރީ ބަޖެޓް ފާސްކުރުމުން، ސަރުކާރުން އަމިއްލަ ކުުންފުނިތަކަށް ދޭން ހުރި ފައިސާ ދިނުމަށް އާ ސަރުކާރު (ރައީސް ޑރ. މުއިއްޒުގެ) ސަރުކާރަށް ފަސޭހަވެގެންދާނެ ކަމަށް ފިނޭންސް މިނިސްޓަރު އިބްރާހީމް އަމީރު ވިދާޅުވެއްޖެއެވެ.
މިނިސްޓަރު އަމީރު މިހެން ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ ބަޖެޓް ކޮމިޓީގެ މިއަދުގެ ބައްދަލުވުމުގައި މާފަންނު މެދު ދާއިރާގެ މެންބަރު އިބްރާހިމް ރަޝީދު (ބޮނޑަ) ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ.
ރައްޔިތުންގެ މަޖިލީހުގެ ބަޖެޓް ޖަލްސާގައި މިނިސްޓަރު އަމީރާ ސުވާލު ކުރައްވަމުން އިބްރާހީމް ރަޝީދު ވިދާޅުވީ، ދައުލަތުން ފައިސާ ދޭން ޖެހޭ 250 އަށްވުރެ ގިނަ ކުންފުންޏާއި ސަޕްލަޔަރުން އެބަތިބި ކަމަށެވެ. އެ ފަރާތްތަކަކީ، އިންޖީނުގެތައް އިމާރާތްކޮށް ރަށްރަށުގައި ނަރުދަމާ އެޅުމުގެ މަސައްކަތްކުރި މީހުން ކަމަށްވެސް ވިދާޅުވިއެވެ.
އެހެންކަމުން ސަޕްލިމެންޓްރީ ބަޖެޓް މަޖިލީހުން ފާސްކުރުމުން، މާދަމާއިން ފެށިގެން ވެރިކަމާ ހަވާލުވާ، ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރަށް އެ ފައިސާ ދިނުމުގެ ފުރުސަތު ހަމަޖެހިގެންދާނެތޯ، އިބްރާހީމް ރަޝީދު ސުވާލު ކުރެއްވިއެވެ.
އެ ސުވާލާ ގުޅިގެން މިނިސްޓަރު އަމީރު ވިދާޅުވީ، ރައްޔިތުންގެ މަޖިލީހުން ސަޕްލިމެންޓްރީ ބަޖެޓް ފާސްކުރުމުން ހިނގާފައި ހުރި ޕްރޮޖެކްޓްތަކަށް ފައިސާ ދޫކުރުމަށް އަންނަ ސަރުކާރަށް ފުރުސަތު ލިބިގެންދާނެ ކަމަށެވެ. ބަޖެޓް ފާސް ނުވެގެން ބައެއް ފަރާތްތަކަށް ފައިސާ ނުދެވި ތާށި ވެފައިވާ ކަމަށްވެސް މިިނިސްޓަރު ވިދާޅުވިއެވެ. އެ ގޮތުން މަސްވެރިންނަށް ދޭން ޖެހޭ ފައިސާ ނުދެވި އޮތީ ބަޖެޓް ފާސް ނުވެގެން ކަމަށްވެސް ވިދާޅުވިއެވެ.
އިންޓްރެސްޓް ރޭޓް އިންތިހާއަށް މަތި ވުމާއި ޑޮމެސްޓިކް މާކެޓުން ފައިސާ ނެގުމާބެހޭގޮތުން އިބްރާހީމް ރަޝީދު ކުރެއްވި ސުވާލުތަކާ ގުޅިގެން މިނިސްޓަރު ވިދާޅުވީ، އިންޓްރެސްޓް ރޭޓް މަތިވެފައި ވަނީ ސަރުކާރުގެ ކަމަކުން ނޫން ކަމަށެވެ. އިންޓްރެސްޓްރޭޓް ބޮޑުވެފައި ވަނީ ކޮވިޑާގުޅިގެން ދުނިޔޭގެ މާކެޓަށް އައި އިންފްލޭޝަން އާއެކު ކަމަށްވެސް ވިދާޅުވިއެވެ.
ދުނިޔޭކެ މާކެޓުން ފައިސާ ހޯދަން މަސައްކަތް ނުކުރީ އެކަމުގެ ސަބަބުން އިންޓްރެސްޓް ރޭޓް މަތިވެފައި ވާތީ މި ވަގުތަކީ އެކަމަށް އެންމެ ރަނގަޅު ވަގުތަށް ނުވާތީ ކަމަށްވެސް އަމީރު ވިދާޅުވިއެވެ. އަދި ޑޮމެސްޓިކް މާކެޓުން ފައިސާ ހޯދުމަކީ، ކުރިއަށް އޮތްތަނުގައި ބަޖެޓް ހިންގުމަށާއި، ފައިނޭންޝަލް މާކެޓްގެ ތަރައްގީއަށް މުހިއްމު ކަމެއް ކަމަށްވެސް ވިދާޅުވިއެވެ.
ޚަބަރު
ޚަބަރު
ޚަބަރު