އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ވެރިކަމުގެ ފުރަތަމަ 100 ދުވަހުގެ ތެރޭގައި އައިވީއެފް ޓްރީޓްމެންޓް ހިމެނޭހެން ދަރިމައިވުމުގެ ފަރުވާދެވޭނެ އިންތިޒާމު ހަމަޖެއްސުން ހިމަނައިފިއެވެ.

މުއިއްޒުގެ ސަރުކާރުގެ 100 ދުވަހުގެ ވައުދު "14 ހަފުތާ" އިއުލާންކުރުމަށް ދަރުބާރުގޭގައި ރޭ ވަނީ އެކަމަށް ހާއްސަ ޖަލްސާއެއް ބާއްވައިފައެވެ. މުއިއްޒުގެ ވެރިކަމުގެ ފުރަތަމަ 14 ހަފުތާގެ ތެރޭގައި 172 ވައުދު ފުއްދުމަށް ވަނީ އަމާޒު ކަނޑައަޅުއްވައިފައެވެ. އޭގެ ތެރެއިން އައިވީއެފް ޓްރީޓްމެންޓް ހިމެނޭހެން ދަރިމައިވުމުގެ ފަރުވާދެވޭނެ އިންތިޒާމު ހަމަޖެއްސުން ހިމަނާފައިވަނީ ހަތަރުވަނަ ހަފުތާގައި ފުއްދާ ވައުދެއްގެ ގޮތުގައެވެ.

އައިވީއެފް ފަރުވާ އާސަންދަ މެދުވެރިކޮށް ހަމަޖެއްސުމަކީ ފުރަތަމަ 100 ދުވަހުގެ ވައުދެކެވެ.

މީގެ އިތުރުން ދިވެހި ކޮންމެ ރައްޔިތަކަށް އާސަންދައިގެ ދަށުން އަހަރަކު ދެ ފަހަރަކު މެޑިކަލް ޗެކަޕް ހެދޭނެ އިންތިޒާމު ހަމަޖައްސައިދިނުމަކީ ހަތަރުވަނަ ހަފުތާގެ ވައުދެކެވެ. އަދި 14 ވަނަ ހަފުތާގައި ފުއްދާ ވައުދެއްގެ ގޮތުގައި ވަނީ ނަފުސާނީ ބަލިމަޑުކަމާއި ކުރިމަތިލާންޖެހިފައިވާ މީހުންނަށް 24 ގަޑިއިރު ހިދުމަތް ލިބޭނެ ހާއްސަ ގައުމީ ހެލްޕުލައިނެއް އުފެއްދުމަށް ހިމަނައިފައެވެ.

ތެލެސީމިއާ ޕޭޝަންޓުންނަށް މިހާރު ދެވޭ ހިދުމަތްތައް ހަރުދަނާކޮށް ފުޅާކުރުމުގެ އިތުރުން، ހިލޭ ބޯންމެރޭ ޓްރާންސްޕްލާންޓު ހެދޭނެ މަގުފަހިކޮށް ދިނުމަކީ ހަތަރުވަނަ ހަފުތާގެ ވައުދެކެވެ.