އޮކްޓޫބަރު މަހުގެ ހަތް ވަނަ ދުވަހުން ފެށިގެން އިސްރާއީލާއި ފަލަސްތީނުގެ މަޝްރަހު ގޯސްވެ ދެގައުމު ދެމެދު ހަމަލާ ބަދަލު ކުރަން ފަށާފައިވާއިރު އިސްރާއީލުން ވަނީ ފަލަސްތީނުގެ ގާޒާއަށް ބޮޑެތި ގެއްލުންތަކެއް ދީފައެވެ.
މި ފަހުން އިސްރާއީލުން ދޭ ހަމަލާތަކުގައި އެންމެ ގިނަ ހަމަލާ އަމާޒުވެފައި ވަނީ ގާޒާގެ މައި ހޮސްޕިޓަލް އަލް ޝިފާ ހޮސްޕިޓަލަށެވެ. ހޮސްޕިޓަލުގެ ހުރިހާ ހިދުމަތްތަކެއް ހުއްޓުމަކަށް އައިސްފައިވާއިރު އެތައް ހާސް ބަޔަކުވަނީ ހޮސްޕިޓަލަށް އިސްރާއީލުން ދިން ހަމަލާތަކުގައި ޝަހީދުވެފައެވެ.
ގާޒާގެ އެންމެ ބޮޑު ހޮސްޕިޓަލް، އަލް ޝިފާ ހޮސްޕިޓަލަކީ ސިއްހީ ހިދުމަތްތަކަށްވުރެ ފުޅާދާއިރާއެއްގައި ހިދުމަތްދޭ ތަނެކެވެ.
ގާޒާގެ ހިތް ކަމުގައި ގިނަ ބަޔަކު ސިފަކުރާ އަލް ޝިފާ ހޮސްޕިޓަލަކީ ކުރިން ފަލަސްތީނު އިނގިރޭސިންގެ ބާރުގެ ދަށުގައި އޮތް އިރު ބްރިޓިޝް އާމީ ބެރެކްސްއެއްގެ ގޮތުގައި ބޭނުންކުރި ތަނެކެވެ.
ބްރިޓިޝް އާމީ ބެރެކްސް އުވާލައި 1946 ވަނަ އަހަރު އެތަން ވަނީ ހޮސްޕިޓަލަކަށް ބަދަލު ކޮށްފައެވެ. އިސްރާއީލުގެ ހައްދުފަހަނަޅާފައިވާ ޔަހޫދީން ޕަލަސްތީނުގެ ބިންތައް ފޭރެން ފެށިއިރުވެސް ގާޒާގެ އެންމެ ވަރުގަދަ އެއް ބިނާއެއްގެ ގޮތުގައި އަލް ޝިފާ ހޮސްޕިޓަލު ފުރިހަމައަށް އޮޕަރޭޓް ވަމުން ގެންދިޔައެވެ.
އޮކްޓޫބަރު ހަތް ވަނަ ދުވަހުން ފެށިގެން ހަމަލާތައް ބަދަލުކުރަން ފެށިފަހުން ވެސް އެންމެ ގިނަ އުނދަގޫތަކެއް ކުރިމަތިވެފައިވާ އެއްތަނަކީ އަލް ޝިފާ ހޮސްޕިޓަލެވެ. ފަރުވާ ބޭނުންވާ އެތައް ބަޔަކަށް ވަނީ ފަރުވާ ނުލިބި ދުނިޔެ ދޫކޮށްފައެވެ. ހޮސްޕިޓަލުގެ ބޭނުންތަކަށް ބޭނުންވާ ފެނާއި ތެޔޮ ނުލިބި ހޮސްޕިޓާ ވަނީ ހުއްޓުމަކަށް އައިސްފައެވެ.
ހަނގުރާމައިގައި އަނިޔާވާ ގިނަ މީހުންނާއި މަރުވާ މީހުންގެ އަދަދު ގިނަވެ ހޮސްޕިޓަލު ފުރެން ފެށިއެވެ. އަދި މީގެ އިތުރުން ހަމަލާތަކުން ސަލާމަތް ވުމަށް ރައްކާތެރި ތަނެއްކަމަށް ބަލައި ގިނަމީހުން ވަނީ އެ ހޮސްޕިޓަލުގައި ރައްކާތެރިކަން ހޯދައިފައެވެ. ނަމަވެސް އިސްރާއީލުން ފަހުން ވަނީ ސީދާ އެހޮސްޕިޓަލަށް ހަމަލާ ދޭން ފަށާފައެވެ.
ހަމަލާތައް އެންމެ ވަރުގަދަވެގެން ދިޔައިރު ގާޒާގެ އެހެން ސަރަހައްދުތަކުން އިންޓަނެޓްގެ ހިދުމަތް ކެނޑި ގާޒާއިން ބޭރަށް އެއްވެސް ހަބަރެއް ބޭރު ނުވާއިރުވެސް އަލް ޝިފާ ހޮސްޕިޓަލުގައި ވަގުތީ އިންޓަނެޓް މެދުވެރިކޮށް ނޫސްވެރިންނާއި ސަރުކާރުގެ އޮފިޝަލުން ވަނީ މައުލޫމާތު ހިއްސާކޮށްފައެވެ.
އިސްރާއީލުގެ ހައްދުފަހަނަ އަޅާފައިވާ ޔަހޫދީގެ ހަމަލާތަކުގެ ސަބަބުން، އެ ހޮސްޕިޓަލުގައި އެޑްމިޓްކޮށްފައިވާ އެތައް ބަޔަކަށް ހިދުމަތް ނުލިބި، އައިސީޔޫގައި ތިބި ބަލިމީހުންނާއި ތުއްތު ކުދިން ވަނީ ހޮސްޕިޓަލުން ކަރަންޓު ކެނޑުމުގެ ސަަބަބުން ހިދުމަތް ނުލިބި ދުނިޔެ ދޫކޮށްފައެވެ.
ހޮސްޕިޓަލަށް ދޭން ފެށި ހަމަލާތަކުގެ ސަބަބުން މަރުވާ މީހުންނާއި އަނިޔާވާ މީހުންގެ އިތުރުން ހޮސްޕިޓަލަށް ލިބިފައިވާ ގެއްލުން ތަކުގެ ފޮޓޯތައް އާންމުވުމާއެކު ދުނިޔޭގެ އެކި ކަންކޮޅުތަކުން ވަނީ އިސްރާއީލުގެ އަމަލުތައް އިތުރަށް ކުށްވެރިކޮށް ބޮޑެތި މުޒާހަރާތައް ކުރަން ފަށާފައެވެ.
އިސްރާއީލުން ބުނެފައިވާ ގޮތުގައި، އެމީހުންގެ އެންމެ ބޮޑު އެއް މަގުސަދަކީ ގާޒާގެ ސަލާމަތީ ކަންކަން އެމީހުންގެ އަތް މައްޗަށް ފުރޮޅައިލުމެވެ. ނަމަވެސް އިސްރާއީލާއި އެންމެ އެކުވެރި އެމެރިކާއިން އެކަމާ ދެކޮޅެވެ. އެމެރިކާއިން ބޭނުންވަނީ ފަލަސްތީނުގެ އަސްލު ސަރުކާރުން ގާޒާގެ ސަލާމަތީ ކަންކަމާ ހަވާލުވުމެވެ. ނަމަވެސް ދެބައި މީހުންވެސް ބޭނުންވަނީ ހަމާސް ނައްތާލުމަށެވެ.
އަލް ޝިފާ ހޮސްޕިޓަލަކީ ހަމާސްގެ މިލިޓަރީ ބޭސްއެއްކަމަށް އިސްރާއީލުން ދަނީ އަބަދުވެސް ތުހުމަތު ކުރަމުންނެވެ. އެއީ އިސްރާއީލުން އަލް ޝިފާ ހޮސްޕިޓަލަށް ހަމަލާ ދޭ ސަބަބެއް ކަމަށް ދައްކާން މަސައްކަތްކުރެއެވެ. ނަމަވެސް އަލް ޝިފާ ހޮސްޕިޓަލަށް ދޭ ހަމަލާތަކުގެ ސަބަބުން އިސްރާއީލާއި ހަމާސް އާއި ދެމެދު ހަނގުރާމައިގެ ހައްޔަރީން ބަދަލުކުރުމަށް ކުރާ މަޝްވަރާތަކަށް ދަނީ ހިޔަނި އެޅެމުންނެވެ. އަދި މީގެ އިތުރުން ގާޒާއަށް ބޭނުންވާ އިންސާނީ އެހީ ފޯރުކޮށްދިނުމަށްވެސް އެކަމުގެ ސަބަބުން ވަނީ ހުރަސް އެޅިފައެވެ.
އިސްރާއީލުން ވަނީ އަލް ޝިފާ ހޮސްޕިޓަލަށް ގިނަ ހަމަލާތަކެއް ދިނުމަށްފަހު އެ ހޮސްޕިޓަލް ހިމެނޭ ސަރަހައްދު ވަށާލައި ޓޭންކަރުތައް އަތުރާލައިފައެވެ. އަދި އިސްރާއީލުގެ ސިފައިން ދަނީ އަލް ޝިފާ ހޮސްޕިޓަލަށް ވަދެ އެކި ޑިޕާޓްމަންޓުތައް ބަލައި ފާސް ކުރަމުންނެވެ. އެ ހޮސްޕިޓަލުގެ ބައެއް ދޮރުތައް ބަންދުކޮށް އިލެކްޓްރޯނިކް ދޮރު ބަހައްޓައި ފާރަލާން ވެސް ފަށާފައެވެ.
އިސްރާއީލުން މިހުރިހާ ކަމެއް ކުރާއިރު އެތައްހާސް ބަޔަކު ވަނީ ހޮސްޕިޓަލުގެ ތެރޭގައި ތާށިވެފައެވެ. އެތައް އާއިލާތަކެއް ވަނީ ހާލުގައި ޖެހި ގޮތް ހުސްވެފައެވެ. ބަލި މީހުނަށް ފަރުވާ ނުލިބިފައެވެ. ސިއްހީ ހިދުމަތްތެރިން ވަނީ ވަރުބަލިވެ ގޮތް ހުސްވެފައެވެ.
އިސްރާއީލުން އަލް ޝިފާ ހޮސްޕިޓަލަށް ވަނުމުގެ ކުރިން އެތަނާއި ބޭރާ ގުޅުން ކަނޑުވައިލިއެވެ.
އިސްރާއީލުން އަލް ޝިފާ ހޮސްޕިޓަލަށް ހަމަލާ ދިނުމުގެ އެންމެ ބޮޑު ސަބަބެއްކަމުގައި ބުނަނީ އެ ހޮސްޕިޓަލުގެ އަޑީގައި ހަމާސް އިން ޓަނަލް ހަދައި އެމީހުންގެ ހަތިޔާރު ބަދަލުކޮށް ހޮސްޕިޓަލުގެ ކަރަންޓާއި ތެލާއި އެހެނިހެން ވަސީލަތްތައް ބޭނުންކޮށް އެމީހުންގެ އޮޕަރޭޝަންތައް ހިންގަމުން ގެންދިއުމެވެ. މިމައްސަލައިގައި އެމެރިކާއިން ވެސް ވަނީ އިސްރާއީލުގެ ވާހަކަތަކަށް ތާއީދުކޮށް އެއީ ތެދުކަމަށް ބުނެފައެވެ.
އިސްރާއީލާއި އެމެރިކާއިން ތުހުމަތުތަކަށް އެ ދެގައުމަށްވެސް ވަނީ އެއްވެސް ހެއްކެއް ނުދެއްކިފައެވެ. އަލް ޝިފާ ހޮސްޕިޓަލުގެ ނަރުހުންނާއި ޑޮކްޓަރުންވެސް ވަނީ އެކަން އެއީ އެގޮތަށް ހިނގާކަމެއް ނޫންކަމަށް ބުނެ މީޑިއާތަކަށް އިންޓަވިއުދީފައެވެ.
އިސްރާއީލުން ކުރަމުންދާ ތުހުމަތުތައް ސާބިތު ކުރުމަށް އެގައުމުން އިތުރު އެހެން ގައުމެއްވެސް އެމައްސަލައިގެ ތެރެއަށް ވެއްދުމަށް ވަނީ ދެކޮޅު ހަދާފައެވެ. މީގެ ކުރިން ވެސް އިސްރާއީލުން ކޮށްފައިވާ މިބާވަތުތުގެ ތުހުމަތުތައް ވަނީ ދޮގަށްވެ ފެއިލި ވެފައެވެ.
ދުނިޔެ
ދުނިޔެ
ދުނިޔެ
ދުނިޔެ