މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ)ގެ ބޮޑު ހިޔާނާތް ހިންގުމުގައި އިސްކޮށް އުޅުއްވި، ކުރީގެ ނައިބު ރައީސް އަހުމަދު އަދީބާއި އެމްއެމްޕީއާރުސީގެ ކުރީގެ މެނޭޖިން ޑިރެކްޓަރު އަބްދުﷲ ޒިޔަތުގެ އަދަބު، ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ލުއިކޮށްދެއްވުމުން، މިނިވަންވުމާ ގުޅިގެން އެކަމާ ކަންބޮޑުވުން ފާޅުކޮށް، މައާފުދިނުމާއި އަދަބު ލުއިކޮށްދިނުމުގެ ގާނޫނު އިސްލާހުކުރުމަށް ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް (އެޗްއާރުސީއެމް) އިން ގޮވާލައިފިއެވެ.
މިދިޔަ ހޯމަ ދުވަހު އަދީބާއި ޒިޔަތަށް އަދަބު ލުއިކޮށްދިނުމުން މިނިވަންވުމާ ގުޅިގެން އެކަމުގެ ކަންބޮޑުވުން ފާޅުކުރުމަށް އެޗްއާރުސީއެމުން މިއަދު ނެރުނު ބަޔާނެއްގައި ބުނީ ދިވެހިރާއްޖެއިން ސޮއިކޮށް ތަސްދީގުކޮށްފައިވާ ބައިނަލްއަގުވާމީ މުއާހަދާތަކުގެ ދަށުން، ކޮރަޕްޝަން ހުއްޓުވައި މަނާކުރުމަށް ދައުލަތުގެ ފަރާތުން ހަރުދަނާ ފިޔަވަޅުތަކެއް އެޅުމަށް ލާޒިމުކުރާ ކަމަށާއި އެގޮތުން، ހެޔޮ ވެރިކަމެއް ގާއިމުކުރުމުގެ ގޮތުން ގާނޫނީ ނިޒާމަށް ހަރުދަނާ ބަދަލުތަކެއް ގެނެވި، ކޮރަޕްޝަނާ ދެކޮޅަށް ރާއްޖެއިން ގިނަ މަސައްކަތްތަކެއް ކޮށްފައިވާ ކަމަށެވެ. ނަމަވެސް އެފަދަ ކުށް ސާބިތުވެ، ހުކުމްކޮށްފައިވާ ފަރާާތްތަކަކަަށް ހުކުމުގެ ބޮޑު ބައެއް ތަންފީޒު ނުވަނީސް އަދަބު ލުއިކޮށްދެއްވުމުގެ ސަބަބުން މިނިވަންވެގެން ދިއުމަކީ ކޮރަޕްޝަން ހުއްޓުވައި މަނާކުރުމަށް އަޅާފައިވާ ހަރުދަނާ ފިޔަވަޅުތަކަށް އެޅިގެންދިޔަ ހުރަހެއް ކަމަށް އެ ކޮމިޝަނުން ބުންޏެވެ.
"ދައުލަތް ހިންގުމުގެ އެންމެ އިސް ފަރާތަށް މައާފުދިނުމާއި އަދަބު ލުއިކޮށްދިނުމުގެ ގާނޫނުގެ ދަށުން، ކުށުގެ ބާވަތަށް ރިއާޔަތްކުރުމެއް ނެތި، ކުށުގެ އަދަބަށް ކަނޑައަޅާފައިވާ މުއްދަތުގެ ހަތަރުބައިކުޅަ އެއްބައި ތަންފީޒުވެ ނިމިފައިވާ ފަރާތްތަކުގެ އަދަބު ލުއިކޮށްދިނުމުގެ ބާރު ލިބިދީފައިވުމަކީ، ޖިނާއީ ގާނޫނުތަކުގެ ދަށުން ޖިނާއީ ބޮޑެތި ކުށްތަކަށް ބޮޑެތި އަދަބުތައް ކަނޑައަޅާފައިވާ މަގުސަދު ހާސިލުވުމަށް ހުރަސް އެޅޭ ގޮތަށް ލިބިދޭ ބާރެއް ކަމުގައި ދެކެމެވެ. އަދި ބޮޑެތި ކުށްކުރާ ފަރާތްތަކާއި ކުދި ކުށްތަކުގައި ކުށް ސާބިތުވާ ފަރާތްތަކަށް މައާފުދިނުމާއި އަދަބު ލުއިކޮށްދިނުމުގެ ގާނޫނުގެ ދަށުން އަދަބު ލުއިކޮށްދިނުމުގެ ފުރުސަތު އެއް ހަމައަކުން ލިބިދީފައިވުމަކީ ކްލެމެންސީ ދިނުމުގައި އެންމެ އިންސާފުވެރި ގޮތެއް ނޫނެވެ. ދެންނެވުނު މަގުސަދު ހާސިލުކުރުމަށްޓަކައި މައާފުދިނުމާއި އަދަބު ލުއިކޮށްދިނުމުގެ ގާނޫނު ވީ އެންމެ އަވަހަކަށް އިސްލާހުކުރުމަކީ ކޮންމެހެން ބޭނުންތެރިކަމެއް ކަމުގައި މި ކޮމިޝަނުން ދެކެމެވެ..،" އެޗްއާރުސީއެމްގެ ބަޔާނުގައި ބުންޏެވެ.
އެޗްއާރުސީއެމުން ބުނީ ކޮރަޕްޝަނާއި ހިޔާނާތުގެ ސަބަބުން ދައުލަތަށް ގެއްލިގެންދާ ފައިސާއަކީ ރައްޔިތުންގެ ހައްގުތައް ކަށަވަރުކޮށްދިނުމުގެ ގޮތުން، ގައުމުގެ އުމްރާނީ ތަރައްގީއަށާއި، ދައުލަތުގެ ފަރާތުން ފޯރުކޮށްދޭންޖެހޭ އަސާސީ ހިދުމަތްތައް ފޯރުކޮށްދިނުމަށް ބޭނުންކުރެވޭނެ ފައިސާއެއް ކަމަށާއި ކަން އެހެން އޮތް އިރު، އެމްއެމްޕީއާރުސީ ހިޔާނާތުގެ މައްސަލައިގައި ދައުލަތަށް ލިބެންޖެހޭ އެއް ބިލިއަނަށްވުރެ ގިނަ ފައިސާ ދައުލަތުގެ ބައިތުލްމާލަށް އަނބުރާ ނުލިބިވުމަކީ ރާއްޖެއަށް ލިބޭ ވަރަށް ބޮޑު ގެއްލުމެއް ކަމަށެވެ.
"މި ގެއްލުމުގެ އަސަރު އެންމެ ބޮޑަށް ކުރާނީ މުޖުތަމައުގެ އެންމެ ނާޒުކު ހާލާތުގައި ތިބި ހާއްސަ އެހީތެރިކަމަށް ބޭނުންވާ ފަރާތްތަކަށެވެ. މިގޮތުން، ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކާއި، އަންހެންނުންނާއި، ކުޑަކުދިންނާއި، ދައުލަތުން ހާއްސަ ރައްކާތެރިކަމެއް ފޯރުކޮށްދޭންޖެހޭ ފަރާތްތައް ތިބި އިރު، ކޮރަޕްޝަންގެ ޢަމަލުތަކުން ގެއްލިގެންދާ ފައިސާގެ ސަބަބުން މި ފަރާތްތަކަށް ދައުލަތުން ފޯރުކޮށްދޭންޖެހޭ އިތުރު ރައްކާތެރިކަމަށް ހުރަސްއެޅިގެންދެއެވެ..،" އެ ކޮމިޝަނުން ބުންޏެވެ.
އެޗްއާރުސީއެމުން އިތުރަށް ބުނީ ގާނޫނީ ނިޒާމުގައި އެކަށައަޅާފައިވާ އުސޫލުތަކާއި އިޖުރާއަތުތަކުގެ ތެރެއިން ކުށްވެރިންނަށް ދެވޭ އަދަބުތައް ފުރިހަމައަށް ތަންފީޒުނުކުރެވި، ސިޔާސީ ބޭނުންތަކާއި އެނޫންވެސް ސިޔާސީ މަގުސަދުތައް ހާސިލުކުރުމަށް ކަމަށް ބެލެވިދާނެ ފަދަ ގޮތަކަށް އަދަބުތައް ލުއިކޮށްދިނުމަކީ އާންމު ރައްޔިތުންގެ އިތުބާރު ގެއްލިގެންދާނެ ކަމެއް ކަމަށާއި ހަމައެއާއެކު، ދިވެހި މުޖުތަމައުގައި ކޮރަޕްޝަން ހުއްޓުވުމަށް ކުރާ މަސައްކަތްތަކަށް ހުރަސްއެޅި، އެފަދަ ފަރާތްތައް ކުށަށް ޒިންމާދާރު ނުކުރެވި، އެފަދަ ފަރާތްތައް ފަސްޖެހުމެއް ނެތި ކުށަށް އަރައިގަތުމަށް ހިތްވަރުލިބިގެންދާނެ ކަމެއް ކަމަށެވެ.
"ހިނގަމުންމިދާ ރިޔާސީ ދައުރު ފެށިގެންއައީ ކޮރަޕްޝަންގެ އަމަލުތައް ހުއްޓުވައި ވަކިން ހާއްސަކޮށް އެމްއެމްޕީއާރުސީ ކޮރަޕްޝަންގެ މައްސަލަ ތަހުގީގުކޮށް ފިޔަވަޅު އަޅައި، ޖުމުލަކޮށް ކޮރަޕްޝަންގެ ޢަމަލުތަކަށް ޒީރޯ ޓޮލަރެންސްގެ ސިޔާސަތުތަކަކާ އެކުގައި ނަމަވެސް، އެމްއެމްޕީއާރުސީ ކޮރަޕްޝަންގެ މައްސަލަ އެކަށީގެންވާ ގޮތެއްގައި ތަހުގީގުކޮށް ފިޔަވަޅު އެޅުމަށް އެކިއެކި ސަބަބުތަކާ ހެދި ނުކުޅެދިފައިވާ އިރު، ކުށް ސާބިތުވެ ހުކުމް ތަންފީޒުކުރަމުންދިޔަ ބައެއް ފަރާތްތަކެއްގެ އަދަބު ލުއިކޮށްދިނުމުގެ ސަބަބުން އެ ފަރާތްތައް މިނިވަންވެގެންދިއުމަކީ ޒީރޯ ޓޮލަރެންސް ޓު ކޮރަޕްޝަންގެ ސިޔާސަތާ ހިލާފު އަދި މީގެ ސަބަބުން ރައްޔިތުންގެ ނުހަނު ކަންބޮޑުވުން އޮތް ކަމެކެވެ..،" އެޗްއާރުސީއެމުން ބުންޏެވެ.
އެމްއެމްޕީއާރުސީގެ ބޮޑު ހިޔާނާތާ ގުޅިގެން، އަދީބުގެ މައްޗަށް ދައުލަތުން އުފުލި ދައުވާތައް ސާބިތުވެ ދެ މިލިއަން ރުފިޔާއިން ޖޫރިމަނާކޮށް، 20 އަހަރަށް ޖަލަށް ލާން 2020 ވަނަ އަހަރުގެ އޮކްޓޯބަރު މަހުގެ ފަސްވަނަ ދުވަހު ކުރިމިނަލް ކޯޓުން ވަނީ ހުކުމްކޮށްފައެވެ.
އަދީބުގެ މައްޗަށް ކުރި ދައުވާތަކުގެ ތެރޭގައި ހިމެނެނީ ހިޔާނާތްތެރިވުމުގައި ބައިވެރިވުމުގެ ދެ ދައުވާ އާއި މަނީ ލޯންޑްރިންގެ ދެ ދައުވާ އާއި ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުން ކުރި މައްސަލަ އާއި މަގާމުގެ ނުފޫޒު ބޭނުންކޮށްގެން ނާޖާއިޒު ފައިދާ ހޯދައިދިނުމުގެ ދައުވާއެއްގެ އިތުރުން މަގާމުގެ ނުފޫޒު ބޭނުންކޮށްގެން ނާޖާއިޒު ފައިދާ ހޯދުމުގެ ދައުވާއެވެ.
އެ ދައުވާތައް ސާބިތުވެފައިވާތީ އަދީބަށް ހުކުމްކޮށްފައިވަނީ އަދީބާއި ދައުލަތާ ދެމެދު 25 ސެޕްޓެމްބަރު 2019 ވަނަ ދުވަހު ސޮއިކޮށްފައިވާ އެއްބަސްވުމާ އެއްގޮތަށް ލިބޭ ހުކުމުގެ މުއްދަތުގެ ލުއިތަކާއެކުއެވެ.
އެމްއެމްޕީއާރުސީގެ ހިޔާނާތުގެ މައްސަލައިގައި ޒިޔަތަށް ވަނީ 31 އަހަރުގެ ޖަލު ހުކުމެއް އިއްވައިފައެވެ.
އަދީބާއި ޒިޔަތުގެ އަދަބު ލުއިކޮށްދެއްވި އިރު، އެ ދެބޭފުޅުންވެސް ހުކުމް ތަންފީޒުކުރައްވަމުން ގެންދެވީ ގޭގައެވެ.
ޚަބަރު
ޚަބަރު
ޚަބަރު