ކޮމިޝަނަރު އޮފް ޕޮލިސް މުހައްމަދު ހަމީދު ފުލުހުންގެ ހިދުމަތުން ރިޓަޔާކުރައްވައިފިއެވެ.

ސީޕީ ހަމީދު ފުލުހުންގެ ހިދުމަތުން ރިޓަޔާކުރެއްވީ އެކަމަށްޓަކައި އިސްކަންދަރު ބިލްޑިންގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައެވެ.

މި ރަސްމިއްޔާތުގައި ސީޕީ ހަމީދު ވަނީ ފުލުހެއްގެ ގޮތުގައި ހޭދަކުރެއްވި ދުވަސްތަކުގައި އެކި މަސައްކަތްތަކުގައި އެކި ލެވެލްގައި އެހީތެރިކަން ފޯރުކޮށްދެއްވި ފަރާތްތަކަށް ޝުކުރުއަދާކުރައްވައިފައެވެ. އޭގެ ތެރޭގައި ކޮމިޝަނަރު އޮފް ޕޮލިސްގެ އާއިލާ އާއި ހޯމް މިނިސްޓަރާއި ޑެޕިއުޓީ ކޮމިޝަނަރުން އަދި އިންސްޕެކްޓާ އޮފް ޕޮލިސް އަލީ ޝާޒްލީގެ ނަން ފާހަގަކުރެއްވިއެވެ.

ސީޕީ ވިދާޅުވީ، އޭނާ ފުލުހުންގެ ވަޒީފާއާ ފުރަތަމަ ގުޅުނު ދުވަހުން ފެށިގެން މިއަދާ ހަމައަށް އެކި ހައިސިއްޔަތުގެ ބޭފުޅުންނާއެކު މަސައްކަތްކުރެއްވުނު ކަމަށާއި ކޮންމެ ފުލުހަކުވެސް ކޮށްފައިވާ މަސައްކަތްތަކުގެ ތެރެއިން ފެނިފައިވަނީ ހިތްވަރާއި އަޒުމާއެކު މަސައްކަތް ކޮށްފައިވާ މަންޒަރު ކަމަށެވެ.

ސީޕީ ވަނީ ފުލުހުންގެ މުއައްސަސާގެ ޝަރަފާއި ގަދަރު ނެގެހެއްޓުމަކީ ކޮންމެ މުވައްޒަފެއްގެ ކޮނޑުގައިވެސް އެޅިފައިވާ ޒިންމާއެއް ކަމުގައި ދެކިގެން މަސައްކަތް ކޮށްދިނުމަށް އެންމެހައި ފުލުހުންނަށް އިލްތިމާސްކުރައްވައިފައެވެ. އަދި ރާއްޖެއަކީ ކުށް މަދު، އަމާން ތަނެއްގެ ގޮތުގައި ހެދުމަށް ފުލުހުން ކުރަމުން އަންނަ މަސައްކަތަކުގައި އަބަދުވެސް އެންމެ ކުރީ ސަފުގައި ހުންނަވާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

މި ރަސްމިއްޔާތުގައި، ކޮމިޝަނަރު އޮފް ޕޮލިސްއަށް ޝަރަފުގެ ހަނދާނީ ފިލާ، ރިޓަޔަމަންޓް ކާޑު އަދި ފުލުހުންގެ ދިދަ އަރުވާފައިވެއެވެ. ޝަރަފުގެ ހަނދާނީ ފިލައަކީ، ޝަރަފުވެރިކަމާއެކު ރިޓަޔާކުރައްވާ ކޮމިޝަނަރުންނަށް ދިވެހި ފުލުހުންގެ ހިދުމަތުގެ ފަރާތުން އަރުވާ ފިލައެކެވެ. މި ހަނދާނީ ފިލާގައި ހިމެނެނީ ކޮމިޝަނާއަށް ލިބިވަޑައިގެންފައިވާ ކުލަތަކާއި މެޑަލްތައް އަދި ކޮމިޝަނަރު އޮފް ޕޮލިސްގެ ޔުނިފޯމުގައި ހިމެނޭ އައިޓަމްތަކުގެ އިތުރުން ފުލުހެއްކަން އަންގައިދޭ ކާޑެވެ.

ރިޓަޔަމަންޓް ކާޑަކީ ޝަރަފުވެރިކަމާއެކު ރިޓަޔާކުރައްވާ ކޮންމެ ފުލުހަކަށްވެސް ދިވެހި ފުލުހުންގެ ހިދުމަތުގެ ފަރާތުން އަރުވާ ކާޑެކެވެ. މި ކާޑަކީ ފުލުހުންގެ މުއައްސަސާއިން ޝަރަފުވެރިކަމާއެކު ރިޓަޔާކުރެއްވި ބޭފުޅެއްކަން އަންގައި ދިނުމަށާއި ފުލުހުންގެ މުއައްސަސާއަށް ވެދެވަޑައިގަންނަވާ ކޮންމެ ފަހަރަކުވެސް ބޭނުންފުޅު ކުރެއްވޭނޭ އައިޑެންޓިފިކޭޝަން ކާޑެކެވެ. އަދި މިކާޑަކީ ފުލުހުންނަށް ލިބިދޭ އެހެނިހެން ހިދުމަތްތައް ވެސް ލިބިގެންދާނެ ކާޑެކެވެ.

ފުލުހުންގެ ހިދުމަތުގެ ކޮމިޝަނާއަށް އަރުވާފައިވަނީ ދިވެހި ފުލުހުންގެ ހިދުމަތަށް ކޮށްދެއްވާފައިވާ އަގުހުރި އަދި އަގުނުކުރެވޭނޭ މަސައްކަތްޕުޅުގެ ހާއްސަ ރަމްޒެއްގެ ގޮތުގައި ކަމަށް ފުލުހުން ބުންޏެވެ.