އަންނަ 2024 ވަނަ އަހަރަށް ލަފާކޮށް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ ދައުލަތުގެ ބަޖެޓް ބަހުސް މަޖިލިސް ތަޅުމުގައި ކުރިއަށްދާ އިރު، ކޮންމެ މެންބަރަކަށް 15 މިނެޓްގެ ފުރުސަތެއް ދިނުމަށާއި ބަޖެޓާ ބެހޭގޮތުން މެންބަރުން ކުރައްވާ ސުވާލުތަކަށް ޖަވާބު ދެއްވައި، މަޖިލީހަށް ޖަވާބުދާރީވެވަޑައިގެންނެވުމަށް ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރަށް 45 މިނެޓްގެ ވަގުތެއް ދިނުމަށް ރައްޔިތުންގެ މަޖިލީހުގެ އާއްމު ކޮމިޓީން ފާސްކޮށްފިއެވެ.

އެހެން އަހަރުތަކެކޭވެސް އެއްގޮތަށް ބަޖެޓް ބަހުސްގައި ކޮންމެ މެންބަރަކަށް 15 މިނެޓުގެ ވަގުތެއް އަދި ފިނޭންސް މިނިސްޓަރަށް 45 މިނެޓުގެ ވަގުތެއް ދޭން މިއަދުގެ ކޮމިޓީ ބައްދަލުވުމަށް ހުށަހެޅުއްވީ ފުނަދޫ ދާއިރާގެ މެންބަރު މުހައްމަދު ޝާހިދެވެ. އަދި ބަޖެޓް ކޮމިޓީން ބަޖެޓް ދިރާސާ ކުރުމަށްފަހު މަޖިލިސް ތަޅުމަށް ފޮނުވާ ރިޕޯޓަށް ބަހުސް ކުރަން ކޮންމެ މެންބަރަކަށް ހަތް މިނެޓްގެ ވަގުތެއް ދިނުމަށްވެސް މެންބަރު ހުށަހެޅުއްވިއެވެ.

އަލިފުށީ ދާއިރާގެ މެންބަރު މުހައްމަދު ރަޝީދު ހުސެއިން ތާއީދު ކުރެއްވި އެ ހުށަހެޅުންތައް ފާސްކުރީ ކޮމިޓީއަށް ހާޒިރުވެ ތިއްބެވި މެންބަރުންގެ އިއްތިފާގުންނެވެ.

އަންނަ 2024 ވަނަ އަހަރަށް ލަފާކޮށް ދައުލަތުގެ ބަޖެޓްގެ ގޮތުގައި 49.5 ބިލިޔަން ރުފިޔާގެ ބަޖެޓެއް ރައްޔިތުންގެ މަޖިލީހަށް ވަނީ ހުށަހަޅައިފައެވެ.

ފިނޭންސް މިނިސްޓަރު ވިދާޅުވީ، ބަޖެޓްގައި ހަރަދުގެ ގޮތުގައި ހިނގާނީ 47.3 ބިލިއަން ރުފިޔާ ކަމަށާއި އެއީ ރިކަރަންޓް ހަރަދުގެ ގޮތުގައި 34.8 ބިލިއަން ރުފިޔާ އަދި ކެޕިޓަލް ހަރަދުގެ ގޮތުގައި 12.5 ބިލިއަން ރުފިޔާ ކަމަށެވެ. މީގެ އިތުރުން ދައުލަތުގެ ދަރަނި އަދާކުރުމަށް ޓަކައި 2.2 ބިލިއަން ރުފިޔާވެސް ބަޖެޓުގައި ވަނީ ހިމަނައިފައެވެ.