ރައްޔިތުންގެ މަޖިލީހުގެ ނާއިބު ރައީސް އަދި ގަލޮޅު އުތުރު ދާއިރާގެ މެންބަރު އީވާ އަބުދުﷲގެ ނަން އިއްވައިފިއެވެ.
އީވާގެ ނަން އިއްވެވީ، ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ ހައިސިއްޔަތުން، ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)ގެ މެންބަރު ކަމުގެ ހުވައި ކުރެއްވުމަށް ޖަލްސާގެ ރިޔާސަތުގައި އިންނެވި ހިތަދޫ އުތުރު ދާއިރާގެ މެންބަރު މުހައްމަދު އަސްލަމް، މަޖިލީހުގެ ރިޔާސަތު މަރަދޫ ދާއިރާގެ މެންބަރާ ހަވާލު ކުރެއްވުމާ ގުޅިގެންނެވެ.
ނަމަވެސް އަސްލަމް ޝަރީފާ ރިޔާސަތު ހަވާލު ކުރެއްވީ އީވާ ޖަލްސާގައި ވަޑައިގެން ނެތުމުންނެވެ. ޝަރީފަކީ މަޖިލީސް ރައީސް އާއި ނާއިބު ރައީސް ޖަލްސާގެ ރިޔާސަތު ބަލަހައްޓަވަން ވަޑައިނުގެންނެވޭ ހާލަތުގައި ރިޔާސަތު ބަލަހައްޓަވަން މަޖިލިސް ގަވާއިދުގެ 44 ވަަނަ މާއްދާއިން ކަނޑައަޅާފައިވާ ފަސް މެންބަރުންގެ ތެރެއިން މެންބަރެކެވެ.
އަސްލަމް، ޝަރީފާ ރިޔާސަތު ހަވާލު ކުރައްވައި ވަޑައިގެންނެވުމުން، އޭރު މަޖިލިސް ތަޅުމުގައި ކުރިއަށްދިޔަ ސަޕްލިމެންޓް ބަޖެޓްގެ ބަހުސްގައި ވާހަކަ ދެއްކެވުމަށް ހެންވޭރު ދެކުނު ދާއިރާގެ މެންބަރު ހުސެއިން ޝަހީމަށް، ޝަރީފް ފުރުސަތު ދެއްވިއެވެ.
ޝަހީމްގެ ވާހަކަ ފެއްޓެވިތާ ކުޑަ އިރުކޮޅެއްފަހުން އީވާ މަޖިލިސް ތަޅުމަށް ވަންނަވައި ނިޒާމީ މައްސަލައަށް އެދިވަޑައިގެންނެވިއެވެ. ނަމަވެސް އަސްލަމް މަޖިލިސް ރައިސްކަމާ ހަވާލުވެ ވަޑައިގެންނެވުމަށްފަހު، މެންބަރަކު ވާހަކަ ދައްކަވަމުން ގެންދަވަނިކޮށް، ނިޒާމީ ނުކުތާ ނުދޭން ކަނޑައަޅާފައިވާ އުސޫލުގެ ދަށުން ޝަރީފް އީވާއަށް ފުރުސަތެއް ނުދެއްވިއެވެ.
ނަމަވެސް ނިޒާމީ މައްސަލައަށް ފުރުސަތު ދެއްވަން ޖެހޭނެ ކަމަށް ވިދާޅުވެ އަޑުގަދަ ކުރެއްވުމަށްފަހު ދެން އީވާ ވިދާޅުވެމުން ގެންދެވީ އޭނާއަކީ މިހާރުވެސް މަޖިލީހުގެ ނައިބު ރައީސް ކަމަށެވެ. އެހެންކަމުން އޭނާ މަޖިލިސް ތަޅުމުގައި ހުންނަވަނިކޮށް ޖަލްސާގެ ރިޔާސަތު އެހެން ބޭފުޅަކާ ހަވާލު ނުކުރެވޭނެ ކަމަށާއި އެއީ މަޖިލިސް ގަވާއިދާ ހިލާފަށްކުރި ކަމެއް ކަމަށްވެސް އަޑުގަދަކުރައްވަމުން ވިދާޅުވިއެވެ. އަދި އޭނާ ހުންނަވަނިކޮށް ޖަލްސާގެ ރިޔާސަތު އެހެން މީހަކާ ހަވާލުކުރިގޮތް އޮޅުންފިލުވައިދެއްވުމަށްވެސް ގޮވަމުން ގެންދެވިއެވެ.
ނަމަވެސް ރިޔާސަތުން އެކަމަށް އެއްޗެއް ވިދާޅު ނުވުމުން އެވަގުތު ވާހަކަ ދައްކަވަން ހުންނެވި މެންބަރު ޝަހީމުގެ އަރިހަށް ވަޑައިގެން އޭނާ ވާހަކަދައްކަވަމުން ގެންދެވި މައިކުގައި ހަމަ އެވާހަތައް ގޮވައި އަޑުގަދަކުރަން ފެއްޓެވިއެވެ.
އެކަމާ ގުޅިގެން، ވާހަކަ ދައްކަވަމުން ގެންދަވާ މެންބަރަށް އުނދަގޫ ނުކުރެއްވުމަށާއި މަޖިލީހުގެ ގަވާއިދަށް ހުރުމަތްތެރިކޮށް ހިއްތެވުމަށް ޝަރީފް ތަކުރާރުކޮށް އީވާއަށް ދަންނަވަމުން ގެންދެވިއެވެ.
އެންމެފަހުން އެކަން ނުކުޓުމުން، ޝަރީފް އީވާގެ ނަން އިއްވެވިއެވެ. ނަމަވެސް އޭގެ ފަހުންވެސް އީވާ ގެންދެވީ އަޑުގަދަ ކުރައްވަމުންނެވެ.
ޚަބަރު
ޚަބަރު
ޚަބަރު