ޕޮންޒީ ސްކީމު މައްސަލައިގައި ރައްޔިތުންގެ މަޖިލީހުގެ ކުރީގެ މެންބަރު އަލްހާން ފަހުމީއާއި އޭނާގެ ދެ ކޮއްކޮގެ މައްޗަށް ދައުވާ ކުރަން ފޮނުވާފައިވާ ކަމަށް ފުލުހުން ބުނެފިއެވެ.
ފުލުހުން މިއަދު ބުނީ ކިންގްސް ކެޕިޓަލް ހޯލްޑިންސް ޕްރައިވެޓް ލިމިޓެޑުން ރާއްޖޭގެ މާލި ސެކިއުރިޓީގެ ގާނޫނާއި ގަވާއިދާ ހިލާފަށް އާންމުކޮށް ހުޅުވާލައިގެން އިންވެސްޓްމެންޓް ސްކީމެއް ތައާރަފުކޮށް، މަކަރާއި ހީލަތުން ގިނަ އަދަދެއްގެ ފައިސާ ހޯދައި އެ ފައިސާ ލޯންޑާ ކޮށްފައިވާ ކަމަށް ތުހުމަތު ކުރެވޭ މައްސަލައިގައި ކިންގްސް ކެޕިޓަލް ހޯލްޑިންސްއަށާއި ކިންގްސް ޓްރޭޑިން އެންޑް ސަޕްލައިގެ ހިއްސާދާރުންގެ މައްޗަށް ދައުވާ ކުރަން ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހަށް ފޮނުވާފައިވާ ކަމަށެވެ.
އަލްހާންގެ އިތުރުން ދައުވާ ކުރަން ފޮނުވާފައި ވަނީ އޭނާގެ ކޮއްކޮ ޝަހުބާން ފަހުމީ އާއި ޝަޒްބާން ފަހުމީއަށެވެ.
އެ މައްސަލައާ ގުޅިގެން ޕީޖީ އޮފީހުގެ މީޑިއާ އޮފިޝަލު "ވަން" އަށް މައުލޫމާތު ދެއްވަމުން މިއަދު ވިދާޅުވީ އެ މައްސަލަ އިއްޔެ ބަލައިގެންފައިވާ ކަމަށާއި ދައުވާ ކުރުމާމެދު ވަރަށް އަވަހަށް ގޮތެއް ނިންމާނެ ކަމަށެވެ.
ޕޮންޒީ ސްކީމުުން ހޯދި ފައިސާ ލޯންޑާ ކޮށްފައިވާ ކަމަށް ތުހުމަތުކޮށް މިދިޔަ އޮގަސްޓު މަހު އަލްހާންގެ ޕާސްޕޯޓުވެސް ހިފަހައްޓާފައި ވެއެވެ. ފުލުހުން އޭނާގެ ޕާސްޕޯޓް ހިފަހައްޓަން އަމުރަކަށް އެދުނީ އޭނާ ރާއްޖެއިން ބޭރަށް ފުރައިގެން ގޮސްފިނަމަ، ތަހުގީގަށް ހުރަސް އެޅިދާނެތީއާއި އޭނާއަކީ ރާއްޖެއިން ބޭރަށް ދިއުމުގެ މާލީ ތަނަވަސްކަން ހުރި ފަރާތަކަށްވާތީ އާއި އޭނާ ރާއްޖޭން ފުރައިގެން ގޮސް އެނބުރި ރާއްޖެ ނައިސްފާނެ ކަމަށް ބެލެވޭތީ ކަމަށް ފުލުހުން އޭރު ބުނެފައިވެއެވެ.
އޭނާގެ ޕާސްޕޯޓް ހިފަހައްޓާފައިވަނީ އޮގަސްޓް 23 އިން އަންނަ އަހަރުގެ ފެބުރުއަރީ 23 އަށެވެ.
ޕޮންޒީ ސްކީމުން ލިބުނު ފައިސާ އަލްހާން ލޯންޑާކޮށްފައިވާ ކަމަށް ތުހުމަތުކޮޮށް އެ މައްސަލައިގެ ތަހުގީގަށް އަލްހާން ވަނީ މި އަހަރުގެ މޭ މަހުގެ 18 ވަނަ ދުވަހުގެ ރޭ ފުލުހަށް ވެސް ހާޒިރުކޮށްފައެވެ. އެ މައްސަލަ ފުލުހުން ވަނީ ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހަށްވެސް ފޮނުވައިފައެވެ.
މަނީ ލޯންޑަރިންގެ މައްސަލައިގައި ފުލުހުން މީގެ ކުރިން ވަނީ ކޯޓު އަމުރެއް ދަށުން ކިންގްސް ކުންފުނީގެ އޮފީސް ބަލައި ފާސްކޮށްފައިވެއެވެ. އަދި ކޯޓު އަމުރެއްގެ ދަށުން އޭނާގެ ފޯނުވެސް ހިފެހެއްޓިއެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު