ސަޕްލިމެންޓްރީ ބަޖެޓް މަޖިލީހަށް ހުށަހަޅަން، ޑެމޮކްރެޓްސްގެ މަޖިލިސް މެންބަރުން ދެކޮޅު ހައްދަވައި އިހުތިޖާޖުކޮށް، ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރަށް ހުރަސް އަޅުއްވަމުން ގެންދަވަނިކޮށް ހާސްކަމެއް ނެތި، މިނިސްޓަރު އަމީރު މަޖިލީހަށް ބަޖެޓް ހުށަހަޅުއްވައި ނިންމަވައިލައްވައިފިއެވެ.
ރަައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާއަށް ދެ ބަޖެޓެއް ހުށަޅަން އޮތީ އެެޖެންޑާ ކޮށްފައެވެ. ފުރަތަމަ އޮތީ ދައުލަތް ހިންގަން މިއަހަރަށް އިތުރަށް ބޭނުންވާ ފައިސާ ހޯދުމަށް ސަޕްލިމެންޓްރީ ބަޖެޓެއް ހުށަހެޅުމެވެ.
ރިޔާސަތުން މަޖިލީހުގެ އާ ރައީސް ހިތަދޫ އުތުރު ދާއިރާގެ މެންބަރު މުހައްމަދު އަސްލަމް ސްޕްލިމެންޓްރީ ބަޖެޓް ހުށަހެޅުއްވުމަށް ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރަށް ފުރުސަތު ދެއްވުމުން، އެކަމާ ދެކޮޅު ހައްދަވައި، މަޖިލިސް ރައީސް ކަމުގެ މަގާމުން އިސްތިއުފާ ދެއްވި މައްޗަންގޮޅީ މެދު ދާއިރާގެ މެންބަރު ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ޑިމޮކްރެޓިކް ޕާޓީގެ މެންބަރުން ދެކޮޅު ހެއްދެވިއެވެ. އަދި ނިޒާމީ މައްސަލަ ނަންގަވަން ފެއްޓެވިއެވެ.
އެެންމެ ފުރަތަމަ ނިޒާމީ މައްސަލަ ނެންގެވީ އެ ޕާޓީގެ ޕީޖީ ލީޑަރު މެދު ހެންވޭރު ދާއިރާގެ މެންބަރު އަލީ އާޒިމެވެ.
އޭނާ ވިދާޅުވީ، ގާނޫނުއަސާސީގެ 96 ވަނަ މާއްދާގެ (ހ) ގައި ބަޔާންވާ ގޮތުގެމަތިން އެންމެ ލަސްވެގެން ކޮންމެ އަހަރެއްގެ ނޮވެމްބަރު މަހުގެ އެއްވަނަ ދުވަހުގެކުރިން ދައުލަތުގެ ބަޖެޓް ހުށަހަޅަން ޖެހޭނެ ކަމަށް މަޖިލިސް ގަވާއިދުގެ 211 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ކަމަށެވެ. އެގޮތަށް މަޖިލީހަށް ބަޖެޓް ހުށަހަޅަން އޮތް ޖަލްސާއަށް މިނިސްޓަރު އަމީރު ވަޑައި ނުގަތުމަށް ބަންޑާރަ ނާއިބު އިބްރާހިމް ރިފްއަތު ދެއްވި ލަފަޔަކީ ގާނޫނާ ހިލާފު ލަފައެއް ކަމަށް، ނަޝީދުގެ އިތުބާރު ނެތްކަމުގެ މައްސަލައިގައި އެމްޑީޕީން ސުޕްރީމް ކޯޓަށް ދިއުމުން އެ ކޯޓުން ކުރި ހުކުމުގައި ބަޔާން ކޮށްފައިވާ ކަމަށްވެސް ވިދާޅުވިއެވެ. އެހެންކަމުން މަޖިލިސް ކުރިއަށް ގެންދެވޭނީ އެ މައްސަލަ ހައްލު ކުރުމަށްފަހުގައި ކަމަށްވެސް ވިދާޅުވިއެވެ.
މާފަންނު އުތުރު ދާއިރާގެ މެންބަރު އިމްތިޔާޒު ފަހުމީވެސް ވިދާޅުވީ، ގާނޫނުން ލާޒިމުކުރާ މުއްދަތުގެ ތާރީހުގައި، މަޖިލީހަށް ބަޖެޓް ހުށަހެޅުއްވުމަށް ވަޑައިގަންނަވަން ދަންނަވާފައި ވަނިކޮށް މަޖިލީހަށް ޗެލެންޖު ކުރައްވައި ފިނޭންސް މިނިސްޓަރު މަޖިލީހަށް ވަޑައިނުގަތުމަކީ ގައިރު ގާނޫނީ އަމަލެއް ކަމަށާއި އެ މައްސަލަ ބެލެން ޖެހޭނެ ކަމަށެވެ. މަޖިލީހުގެ ނާއިބު ރައީސް އަދި ގަލޮޅު އުތުރު ދާއިރާގެ މެންބަރު އީވާ އަބުދުﷲ ވެސް ވިދާޅުވީ، ގާނޫނުއަސާސީއާ ހިލާފުވެވަޑައިގެން މިނިސްޓަރު އަމީރު މަޖިލީހަށް ބަޖެޓު ހުށަހެޅުއްވުމަށް މަޖިލީހަށް ވަޑައިގެންފައި ނުވާ ކަމަށެވެ. އެެހެންކަމުން ރިޔާސަތުގައި އިންނަވައިގެން އަސްލަމް އެ މައްސަލަ ބައްލަވަން ޖެހޭނެ ކަމަށްވެސް ވިދާޅުވިއެވެ.
އެ ވާހަކަތަކާގުޅިގެން ނިޒާމީ މައްސަލަ ނަންގަވައި މަޖިލީހުގެ ކުރީގެ ރައީސް، މެންބަރު ނަޝީދު ވިދާޅުވީ، ބަޖެޓް ހުށަހެޅުއްވަން މިނިސްޓަރު އަމީރު މަޖިލީހަށް ވަޑައިގެން އިންނެވީ ކުށުގެ ތުހުމަތުގައި ހުންނަވައިގެން ކަމަށެވެ.
"މާލީ ވަޒީރު މިތަނަށް ވަޑައިގެން އެ އިންނެވީ، ކުށުގެ ތުހުމަތުގައި އިންނަވައިގެން، ރައީސަށް އެނގިވަޑައިގަންނަވާނެ މިތަނަށް މި ރައްޔިތުންގެ މަޖިލީހަށް ބަޖެޓް ހުށަހެޅުމަށް މާލިއްޔަތުގެ ގާނޫނު ވަރަށް ސާފުކޮށް ބަޔާން ކުރޭ އެކަން ކުރަންވީ ދުވަސްތައް، ސިޔާސީ ބޭނުންތަކަށް މިތަނުގައި އެބޭފުޅުން އެކި ގޮތްގޮތަށް އަނބުރަމުން އެ ގެންދަނީ، ދިވެހި ދައުލަތުގެ ނިޒާމުތައް ނަގާލެވިގެން ނުވާނެ، މާލީ ވަޒީރު ޝަރީއަތަށް ފޮނުވުން އެއީ މިވަގުތު އަޅުގަނޑުމެންނަށް ކުރަން އޮތް އެންމެ މުހިއްމު ކަންތައް، މިއީ މި މަޖިލީހުގައި އޮތް އެންމެ މުހިއްމު ނިޒާމީ ނުކުތާ މި މަޖިލީހުގެ ބާރުތައް ދުލެއް ނުކޮށްލެވޭނެ، މާލީ ވަޒީރަކަށް މަޖިލީހަކަށް ގޮމެއް ނުޖެހޭނެ،" ނަޝީދު ވިދާޅުވިއެވެ.
އެކަމާ ގުޅިގެން ރިޔާސަތުގައި އިންނެވި މަޖިލީހުގެ މިހާރުގެ ރައީސް އަސްލަމް ވިދާޅުވީ، ވޭތުވެދިޔަ ތަނުގައި މަޖިލީހުގައި ކަންހިނގައިދިޔަ ގޮތް އެންމެނަށް ވަރަށް ސާފުކޮށް ފެންނަން އެބަ އޮތް ކަމަށެވެ.
"މަޖިލީހުގައި ކަން ހިނގާދިޔަ ގޮތާއި އަދި މަޖިލީހުގެ ނިޒާމު ގެެއްލިގެންދިޔަ ގޮތާއި އަދި މަޖިލީހުގެ ގަވާއިދަށް އަމަލު ކުރަމުން ދިޔަގޮތް އަޅުގަނޑުމެންނަށް ވަރަށް ސާފުކޮށް ފެންނަން އެބަ އޮތް، އެކަމުގެ ބަހުސަކަށް އަޅުގަނޑު ހުޅުވާލާކަށް ނެތިން،" އަސްލަމް ވިދާޅުވިއެވެ. އަދި ފިނޭންސް މިނިސްޓަރު ގާނޫނާ ހިލާފަށް ކަމެއް ކުރައްވާފައިވާ ނަމަ އެ މައްސަލަ ލިޔުމުން ހުށަހަޅައިދެއްވުމަށް ވެސް އަސްލަމް އެދިވަޑައިގެންނެވިއެވެ.
އެމްޑީޕީގެ މަރަދޫ ދާއިރާގެ މެންބަރު އިބްރާހިމް ޝަރީފް ނިޒާމީ މައްސަލަ ނަންގަވައި، ޑިމޮކްރެޓްސް މެންބަރުން ނެންގެވި ނިޒާމީ މައްސަލަތަކަށް ރައްދު ދެއްވައި ވިދާޅުވީ، ގާނޫނުގައި އޮތް ދުވަހަށް މަޖިލީހަށް ބަޖެޓް ހުށަނޭޅުނީ، އެ މެންބަރުންގެ އަމިއްލަ އެދުމާ ހެދި ކަމަށެވެ. އަދި އެކަަމަށް އެތައް ދުވަހެއް ވޭތުވުމުންވެސް ހެޔޮ ހިތުން ފިނޭންސް މިނިސްޓަރު ބަޖެޓު ހުށަހަޅުއްވަން ވަޑައިގަތުމުން އަޑުގަދަކޮށް އިހުތިޖާޖުކޮށް މަޖިލީހުގެ ނިޒާމު ގެއްލުވައިލަން އެ މެންބަރުން މަސައްކަތް ކުރައްވަމުން ގެންދަވަނީ ކަމަށްވެސް ވިދާޅުވިއެވެ. އެހެންކަމުން މަޖިލީހުގައި ނިޒާމީ މައްސަލައެއް ނެތި، ނިޒާމީ މައްސަލަ ނަންގަވާ މެންބަރުންނަށް، ރައްޔިތުންގެ ހައްގުގައި އަދި ގައުމުގެ ހައްގުގައި ކުރާ މަސައްކަތަށް ހުރަސް އަޅަން ނިޒާމީ މައްސަލައިގެ ފުރުސަތު ނުދެއްވުމަށްވެސް އޭނާ އެދިވަޑައިގެންނެވިއެވެ.
އޭގެ ފަހުންވެސް އަލީ އާޒިމް ނެންގެވި ނިޒާމީ މައްސަލައަށް އަޅައިލެއްވުމަކާ ނުލައި، ސަޕްލިމެންޓްރީ ބަޖެޓް ހުށަހަޅުއްވަން ފިނޭންސް މިނިސްޓަރަށް އަސްލަމް ފުރުސަތު ދެއްވިއެވެ. ފިނޭންސް މިނިސްޓަރު ބަޖެޓް ބަޔާން ހުށަހަޅުއްވަން ފެއްޓެވުމުން ޑިމޮކްރެޓްސް މެންބަރުން އިތުރަށް އަޑުގަދަކޮށް މިނިސްޓަރު އިންނެވި މޭޒު ކައިރިއަށް ޖަމާވާން ފެއްޓެވިއެވެ. ނަމަވެސް އެ ހަޅޭކުގެ ތެރެއިން މިނިސްޓަރު ސަޕްލިމެންޓްރީ ބަޖެޓް ހުށަހަޅުއްވައި ނިންމަވައިލެއްވިއެވެ. ކަންފަތް ކައިރީގައި އަޑުގަދަ ކުރައްވާ މަންޒަރުވެސް ފެނެ އެވެ. އެހެން ނަމަވެސް މިނިސްޓަރު އަމީރު ފެނުނީ ހަމަޖެހިވަޑައިގެން ހިނިތުންވެވަޑައިގެން ހުންނެވި ތަނެވެ.
ދެން ރިޔާސަތުން މިނިސްޓަރަށް ފުރުސަތު ދެއްވީ ކުރިއަށް އޮތް 2024 ވަނަ އަހަރަށް ލަފާކުރާ ދަައުލަތުގެ ބަޖެޓް ހުށަހެޅުއްވުމަށެވެ. މިނިސްޓަރު ބަޖެޓް ހުށަހަޅުއްވަން ފެއްޓެވުނު ޑިމޮކްރޭޓުން އިތުރަށް އަޑުގަދަކުރަން ފެށިއެވެ. އަދި ގިނަ މެންބަރުންތަކެއް އިހުތިޖާޖު ކުރައްވަމުން މިނިސްޓަރު ހުންނެވި މޭޒު ކައިރިއަށް އެއްވިއެވެ. އަލީ އާޒިމާއި ހުޅުދޫ ދާއިރާގެ މެންބަރު އިލިޔާސް ލަބީބު މިނިސްޓަރު ވާހަކަދައްކަވަން އިންނެވި މައިކް ބޭނުންކުރައްވައި ބަޖެޓް ހުށަހަޅުއްވަނީ ގާނޫނާއި މަޖިލީހުގެ ގަވާއިދާ ހިލާފަށް ކަމަށް ވިދާޅުވެ އަޑުގަދަ ކުރެއްވިއެވެ. ޑިމޮކްރެޓްސް މެންބަރުން ފިނޭންސް މިނިސްޓަރު ވަށައިލައި އަޑުގަދަކުރައްވަން ފެއްޓެވުމުން އެމްޑީޕީ މެންބަރުން އެތަނަށް އެއްވެ، މިނިސްޓަރުގެ ގައިގައި ޖެހިގެން ނުވާނެ ކަމަށް ވިދާޅުވެ މިނިސްޓަރު ހިމާޔަތް ކުރުމަށް މިނިސްޓަރު ވަށާލައިގެން ތިއްބެވިއެވެ. ނަމަވެސް މިނިސްޓަރު ވާހަކަދައްކަވާ މައިކު އަތުލައްވައިގެން މަޖިލީހުގެ ނާއިބު ރައީސް ގަލޮޅު އުތުރު ދާއިރާގެ މންބަރު އީވާ އަބުދުﷲ އެކި ކަންކަމަށް ނިސްބަތްކުރައްވައި މިނިސްޓަރު އަމީރަށް ވަގަށް ގޮވަމުން ވެސް ގެންދެވިއެވެ. އަދި 75 ބިލިއަން ރުފިޔާ ދަރުވާލައިފައިވާ ކަމަށް އިލިޔާސް ލަބީބު ވެސް ގޮވަމުން ގެންދެވިއެވެ. އެ މައްސަލައިގައި މަޖިލިސް ގަވާއިދަށް ހުރުމަތްތެރިކޮށް ހިތްތެވުމަށް މަޖިލިސް ރައީސް އިލިޔާސް ލަބީބަށް އިންޒާރުވެސް ދެއްވިއެވެ.
ނަމަވެސް އެ އުނދަގުލުގެ ތެރެއިންވެސް މިނިސްޓަރު އަމީރު ބަޖެޓް ބަޔާން އިއްވަވަމުން ގެންދެވީ ހަމަޖެހިވަޑައިގެން ހުންނަވައި ފަސޭހަކަމާއެކު ހުއްޓުމެއްނެތިއެވެ. އަދި އަސްލަމް މަޖިލީހުގެ ރިޔާސަތުގައިވެސް އިންނެވިތަން ފެނުނީ ހަމަޖެހުމާއެކުއެވެ.
އެގޮތަށް ޑިމޮކްރޭޓުން ހަޅުތާލުގައި ތިއްބަވަނިކޮށް މިނިސްޓަރު އަމީރު ބަޖެޓު ހުށަހަޅުއްވައި ނިންމަވައިލެއްވިއެވެ.
ޚަބަރު
ޚަބަރު
ޚަބަރު