ގާޒާގެ މައި ހޮސްޕިޓަލް ގަބުރުސްތާނަކަށް ބަދަލުވެގެން ހިނގައިދާނެ ކަމަށް ދުނިޔޭގެ ސިއްހަތު ޖަމިއްޔާ، ޑަބްލިއުއެޗްއޯ އިން ބުނެފިއެވެ.

ޑަބްލިއުއެޗްއޯގެ ތަރުޖަމާނު ކްރިސްޓިއަން ލިންޑްމިއާ ވިދާޅުވީ ގާޒާގެ އެންމެ ބޮޑު ހޮސްޕިޓަލް، އަލް ޝިފާ ހޮސްޕިޓަލުގެ ހާލަތު ވަރަށް ގޯސްވެފައިވާކަމަށެވެ.

ތަރުޖަމާނު ވިދާޅުވީ އަލް ޝިފާ ހޮސްޕިޓަލުގައި ދުވަސްނުފުރާ އުފަންވެފައި ތިބި ގިނަ ކުދީންތަކެއް އެބަތިބި ކަމަށާއި 45 ބަލި މީހަކަށް ކިޑްނީ ޓްރާންސްޕްލާންޓު ނުހެދި އެބަ ތިބި ކަމަށެވެ. މީގެ އިތުރުން ތަރުޖަމާނު ވަނީ 600 އަށްވުރެ ގިނަ ބަލި މީހުން ހޮސްޕިޓަލުގައި އެބަތިބި ކަމަށާއި އެތައް ސަތޭކަ މީހުންނެއް ބޯހިޔާވަހިކަން ހޯދުމަށް އެ ހޮސްޕިޓަލުގެ ހޯލުގައި ވެސް އެބަތިބި ކަމަށް ބުނެފައިވެއެވެ.

އަލް ޝިފާ ހޮސްޕިޓަލުގެ އެކި ހިސާބުތަކުން ފެންނަނީ މަރުވެފައިވާ މީހުން ކަމަށާއި އެތަނަކީ މިހާރު ގަބުރުސްތާނަކަށް ބަދަލުވަމުން އަންނަ ތަނެއް ކަމަށް ތަރުޖަމާނު ބުނެފައިވެއެވެ.

އިސްރާއީލުގެ ސަރުކާރުން ވަނީ ހަމާސްއިން އަލް ޝިފާ ހޮސްޕިޓަލު ހަނގުރާމަމަތީ ސަރަހައްދަކަށް ބަދަލުކޮށްފައިވާކަމަށް ތުހުމަތު ކޮށްފައެވެ. އިސްރާއީލުގެ މިލިޓަރީން ވަނީ އެހޮސްޕިޓަލަށް ގިނަ ހަމަލާތަކެއް ދީ ހޮސްޕިޓަލުގެ ގިނަ މަސައްކަތް ހުއްޓުވާފައެވެ.