ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ އިތުބާރުނެތްކަމުގެ މައްސަލަ އާއި މިއަހަރަށް ބޭނުންވާ ސަޕްލިމެންޓްރީ ބަޖެޓާއި އަންނަ 2024 އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓްގެ މަސައްކަތް މިއަދެކޭ އެއްގޮތަށް ރައްޔިތުންގެ މަޖިލީހުގެ މާދަމާގެ ޖަލްސާއަށްވެސް އެޖެންޑާ ކުރައްވާނެ ކަމަށް ވިދާޅުވެ މަޖިލީހުގެ މިއަދުގެ ޖަލްސާ ނިންމާލައިފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ ދެ ޖަލްސާއެއް މިއަދު ކުރިއަށްގެންދަން ނިންމިއެވެ.

އޭގެ ތެރެއިން 9:00 ގައި ކުރިއަށްގެންދަން އޮތް ޖަލްސާއަށް އެޖެންޑާ ކޮށްފައި ވަނީ ސަޕްލިމެންޓްރީ ބަޖެޓާއި އަންނަ 2024 ވަނަ އަހަރަށް ހުށަހަޅާ ދައުލަތުގެ ބަޖެޓްގެ މަސައްކަތެވެ.

އެގާރަޖަހާއިރު ބާއްވަން އޮތް ދެވަނަ ޖަލްސާގައި އޮތީ، ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު މަޖިލިސް ރައީސްކަމުން ވަކިކުރަން ހުށަހަޅާފައިވާ މައްސަލަ އެޖެންޑާކޮށްފައެވެ.

މި ދެ ޖަލްސާގެ ރިޔާސަތު ބެލެހެއްޓެވީވެސް މަޖިލީހުގެ ނައިބު ރައީސް ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު އުތުރު ދާއިރާގެ މެންބަރު އީވާ އަބުދުﷲ އެވެ.

ޖަލްސާގެ ގޯތިތެރޭ ކުޑަ ދަށުގައި މެންބަރުން ތިއްބެވި ނަމަވެސް ޖަލްސާއަށް ނުވަންނަވާތީ، ކޯރަމް ހަމަނުވެގެން ބަޖެޓްގެ މަސައްކަތް އެޖެންޑާކޮށްފައި އޮތް ކުރިއަކަށް ނުގެންދެވުނެވެ. ނަމަވެސް ޖަލްސާ މެދު ކަނޑުއްވައި ލެއްވިޔަސް ޖަލްސާ ނިންމައި ނުލައި ކޯރަމް ހަމަވޭތޯ ބައްލަވާނެ ކަމަށް އީވާ ވިދާޅުވިއެވެ.

އެގޮތަށް ތިން ފަހަރެއްގެ މަތިން އެ ޖަލްސާ ފަށަަން މަސައްކަތް ކުރި ނަމަވެސް ކޯރަމެއް ނުލިބުނެވެ.

ނަމަވެސް ރައީސް ނަޝީދުގެ އިތުބާރު ނެތްކަމަށް އެޖެންޑާކުރި ޖަލްސާއަށް 60 މެންބަރުން ވަޑައިގެން ތިއްބެވުމުން އެޖަލްސާ ގަޑިއަށް ފެއްޓެވިއެވެ.

ނަމަވެސް ޖަލްސާ ކުރިއަށް ގެނދިޔަ ނުދިނުމަށް، އިދާރީ މޭޒު ކުރިމައްޗަށް، ރައީސް ނަޝީދާއި އީވާ ނިސްބަތްވެ ވަޑައިގަންނަވާ ދަ ޑިމޮކްރެޓްސްގެ މެންބަރުން އެއްވެ އަޑުގަދަކޮށް ދުއްމާރިފުމެ ޖަލްސާގެ ނިޒާމު ގެއްލުވާލައެވެ.

އެގޮތަށް ހަތަރު ފަހަރުގެ މަތިން އެ ޖަލްސާ ކުރިއަށް ގެންދަން އީވާ މަސައްކަތް ކުރެއްވިއެވެ.

ނަމަވެސް ކުރިއަށް ގެންދެވޭގޮތެއް ނުވިއެވެ. އޭގެ ތެރެއިން ތިންވަނަ ފަހަރު ޖަލްސާ ކުރިއަށް ގެންދަން މަސައްކަތް ކުރުމުން އެމްޑީޕީ މެންބަރުންނާއި ދަ ޑިމޮކްރެޓްސްގެ މެންބަރުންގެ މެދުގައި މައްސަލަ ހޫނުވިއެވެ. އެމްޑީޕީ މެންބަރުން ވިދާޅުވަނީ، ނަޝީދުގެ އިތުބާރު ނެތްކަމުގެ މައްސަލައަކީ އީވާގެ މަސްލަހަރު ފުށުއަރާ މައްސަލައެއްކަމުން ރިޔާސަތުގައި އީވާއަށް ނީންނެވޭނެ ކަަމަށެވެ. ޑިމޮކްރެޓްސް އިން ބުނަނީ، ނަޝީދުގެ އިތުބާރު ނެތްކަމުގެ މައްސަލަ ޖަލްސާއަށް އެޖެންޑާ ނުކުރެވޭނެ ކަމަށާއި އެއީ އިއްޔެގެ ޖަލްސާގެ ރިޔާސަތުން ބޭރުކޮށްފައިވާ މައްސަލައެއް ކަމަށެވެ.

މިމައްސަލައިގައި އެންމެ ފަހުން އީވާ ވިދާޅުވީ، ރައީސް ނަޝީދުގެ އިތުބާރު ނެތްކަމުގެ މައްސަލަ އާއި ސަޕްލިމެންޓްރީ ބަޖެޓާއި އަންނަ 2024 ވަނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓްގެ ޖަލްސާ މާދަމާގެ ޖަލްސާގައި ކުރިއަށް ގެންދާނެ ކަަމަށެވެ. އެހެން ވިދާޅުވެ އީވާ މަޖިލިސް ޖަލްސާ ނިންމަވައިލެއްވިއެވެ.